ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި އެވެ.
ދަރުބާރުގޭގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އަތްޕުޅަށް އެރުވީ ގާސިމު އިބްރާހީމް އެވެ.
މި ރަސްމިއްޔާތުގައި ގާސިމު އިބްރާހިމު އާއި ގާސިމުގެ ރަނިން މޭޓު އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހިމްގެ އިތުރުން ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ.
ކެންޑިޑެސީ ފޯމު ހުށަހެޅުއްވުމަށް ގާސިމު އިބްރާހިމް އާއި ސަޕޯޓަރުން އިންތިހާބީ މައި މަރުކަޒު -- ދަރުބާރުގެއަށް ވަޑައިގަތީ ޖޭޕީގެ އޮފީސް މ. ކުނޫޒުން ފެށިގެން ހިންގަވާފަ އެވެ. ކުނޫޒު ކައިރިން މަޖީދީމަގުން އިރަށް ގޮސް ރިންގްރޯޑުން، އަމީނީމަގުން ދަރުބާރުގެއަށް ވަޑައިގަތީ ދިވެހި ދިދައާއެކުގަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުއްވުމަށް ގާސިމު އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވިއިރު ޖުމްހޫރީ ޕާޓީން ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގަނެފަ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފަ އެވެ.