މިއަދު އިރުއަރައިގެން އައީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ބޮޑު ހިތާމައެއް ކުރިމަތިކުރުވާފަ އެވެ. އޭނާގެ ދެވަނަ ދަރިކަލުން އަހްމަދު ފުއާދު ތައުފީގު ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ނިޔާވެފަ އެވެ.
ރިސޯޓު މިއުޒިކްގައި ފާހަގަކޮށްލެވޭ ބޭފުޅެއް ކަަމަށްވާ އަހްމަދު ނިޔާވީ ފުރަމޭގެ ބައްޔަކަށް އިންޑިއާގެ ޓްރިވެންޑްރަމްގައި ފަރުވާ ކުރައްވަމުން ގެންދަވާތާ ދުވަސްކޮޅެއް ފަހުންނެވެ.
އަހްމަދު ނިޔާވުމާ ގުޅިގެން ގިނަ ބަޔަކަށް ހީވެފައި އޮންނާނީ އެ ހިތާމައިގައި ފުއާދު މިއަދު އޮފީހަށް ވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް އާންމު އާދައިގެ ދުވަހެއް ގޮތަށް ފުއާދު މިއަދުވެސް އޮފީހަށް ވަޑައިގެން ބުރަކޮށް އުޅުއްވާތީ ފެނެ އެވެ. އަހްމަދު ނިޔާވެފައި މިވަނީ އޭނާގެ ގާތުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ފުއާދު މާލެ ވަޑައިގެންނެވި ފަހުން ކަމަށް އެނގިފައިވެ އެވެ.
ކަންދިމާކުރި ގޮތުން މިއަދު މިއީ ފުއާދުގެ މަސައްކަތުގައި އެންމެ ބުރަ އެއް ދުވަހަށް ވެސް ވާނެ އެވެ. ސަބަބަކީ މިއަދު އެކަނިވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ހަތަރު ބޭފުޅަކު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ފޯމުތަކާ ހަވާލުވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ފުއާދު އަށް ކަމަށްވާތީ އެވެ.
މިއަދަކީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ބޭފުޅުންނަށް ފޯމު ހުށަހެޅުއްވުމަށް ލިބޭނެ އެންމެ ފަހު ދުވަހެވެ. އެހެންކަމުން މިއަދު މިއީ ކޮމިޝަނުން ކެންޑިޑޭޓުންނާ ގުޅޭގޮތުން މުހިއްމު ނިންމުންތަކެއް ނިންމަމުން ވެސް ދާނެ ދުވަހެކެވެ. ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން މިއީ އިންތިހާބާ ބެހޭ މަރުކަޒުގައި ފުއާދު ހުންނެވުން އެންމެ މުހިއްމު ވަގުތެވެ. އިލެކްޝަންސް ކޮމިޝަންގެ ބޮޑެތި ނިންމުންތައް ނިންމާނީ ކޮމިޝަންގެ މެންބަރުންގެ އަގުލަބިއްތުން ކަމަށްވެފައި ކޮމިޝަންގައި އެއް މެންބަރަކު މިވަގުތުވެސް ނެތުމާ ގުޅިގެން ފުއާދުގެ ބޭނުން ކޮމިޝަނަށްވެސް އެންމެ މުހިއްމު ވާނީ މިވަގުތު އެވެ. އެކަން ވިސްނޭތީ ހަޔާތުގެ އެންމެ ހިތްދަތި ވަގުތު ފުއާދު އެ ހުންނެވީ މަގާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ސާބިތުވެ އެވެ.
އަމިއްލަ ދަރިފުޅު ނިޔާވުމުގެ ހިތްދަތި އިހްސާސްތައް ކުރައްވަމުން ވެސް ފުއާދު ހުންނެވީ ގައުމީ ހިދުމަތުގައި ދަރުބާރުގޭގައެވެ. ފުއާދުގެ ހިތްވަރާއި ގައުމީ ލޯބި ފާހަގަކޮށް ބައެއް މީހުން ގެންދަނީ ސޯޝަލް މީޑިއާގައި އޭނާއަށް ހިތްވަރުދީ ތައުރީފް ކުރަމުންނެވެ. ބައެއް މީހުން ބުނި ގޮތުގައި ފުއާދަކީ އިހްލާސްތެރި ހިދުމަތްތެރިއެކެވެ.
ފުއާދުގެ އަމިއްލަ ދަރިފުޅު މިއަދު ނިޔާވެފައިވަނީ އޭނާގެ އަންހެނުންގެ ބައްޕަ ހުސައިން މަނިކުފާނު ނިޔާވިތާ 16 ދުވަސް ފަހުންނެވެ. އަންހެނުންގެ ބައްޕަ ނިޔާވުމަކީ ވެސް ފުން ހިތާމައެއް ކަމުގައި ހުސައިން މަނިކުފާނު ނިޔާވި ދުވަހު ފުއާދު ވިދާޅުވެފައިވެ އެވެެ. ހުސައިން މަނިކުފާނު ވެސް ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރެއްވީ ފުއާދުގެ ދެކަނބަލުންނާ އެކު އެެވެ.
ގައުމީ ހިދުމަތުގައި ފުއާދަށް އެންމެ ހާއްސަ ވަގުތުތައް މިވީ އޭނާގެ އަމިއްލަ ހަޔާތުގައިި އެންމެ ހިތްދަތި ވަގުތުތަކަށެވެ. އެކަމަކު ގައުމީ ހިދުމަތުގައި ފުއާދު މިއަދު ދައްކަވަމުން ގެންދަވަނީ އާދަަޔާ ހިލާފު ހިތްވަރެކެވެ.