ފާރިސް މައުމޫން

ފާރިސްގެ ކެންޑިޑެސީ ފޯމް ހުށަހަޅުއްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އަހުމަދު ފާރިސް މައުމޫން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފި އެވެ.

ދަރުބާރުގޭގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އަތްޕުޅަށް އެރުވީ ފާރިސް އެވެ.

މި ރަސްމިއްޔާތުގައި ފާރިސްގެ ރަނިން މޭޓް ޑރ. އަބްދުއްސައްތާރު ޔޫސުފް ބައިވެރިވެވަޑައިގެންނެވި އެވެ.

މޯލްޑިވްސް ރީފޯމް މޫވްމަންޓް -- އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ރިޔާސީ އިންތިހާބުގައި ފާރިސް ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. ފާރިސްގެ ކެންޑިޑެސީ ފޯމް ހުށަހެޅުއްވީ 2،662 ތާއީދު ސޮޔާއެކު އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގަނެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމު އިބްރާހީމް އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފަ އެވެ.