ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށްޓަކައި ހުށަހެޅުއްވި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މުއިއްޒުގެ ކެންޑިޑެސީ ފޯމުގައިވާ މައުލޫމާތާއި ތަކެތި، ކޮމިޝަނުން ބަލައި ޗެކްކުރިއިރު ގާނޫނުގައިވާ ގޮތުގެ މަތީން، މުއިއްޒު ރިޔާސީ އިންތިހާބަށް ޝަރުތު ހަމަވާ ކަމުގައި ބަލައި ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ބަލައިގެންފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް މުއިއްޒު ފޯމު ހުށަހެޅުއްވީ މިއަދު އެވެ. މުއިއްޒުގެ ރަނިން މޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.
ޕީޕީއެމް އާއި ޕީއެންސީން ވަނީ މުއިއްޒުއަކީ އެ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ނިންމާފަ އެވެ. ޕީޕީއެމް އާއި ޕީއެންސީން މި ނިންމުން ނިންމާފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމްއާއި އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ސެނެޓަރުންނަށް އިއްޔެ އެންގެވި އެވެ. ނަމަވެސް އިންތިހާބު ބޮއިކޮޓް ނުކުރަން ސެނެޓަރުންގެ އަގުލަބިއްޔަތުން ނިންމި ފަހުން އެ ނިންމުން ބަލައިގަތުމަށް ޔާމީން ފުރަތަމަ ދެކޮޅު ހެއްދެވި އެވެ. މުއިއްޒުއަށް ތާއީދުކޮށް އިންތިހާބުގައި އޭނާ ވާދަކުރަން ޔާމީން ހުއްދަ ދެއްވީ ޕާޓީގެ ލީޑަޝިޕުން ތަކުރާރުކޮށް ޔާމީނާ ވާހަކަ ދެއްކެވި ފަހުންނެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު އަދި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގަނެފަ އެވެ.