ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދެވަނަ ދައުރެއްގައިވެސް އެއްވެސް ރަށެއް ތަފާތެއް ނުކުރާނަން: ރައިސް

ރިޔާސީ ދެވަނަ ދައުރަކަށް އިންތިހާބުވި ނަމަވެސް އެއްވެސް ރަށެއް ތަފާތުނުކޮށް ހިދުމަތްތައް ދެމުން ގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދ. ބަނޑިދޫއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ސޯލިހް ވިދާޅުވީ މިސަރުކާރު ބަދަލުވެއްޖެނަމަ ހުރިހާ އެންމެން އެއްތަނަކަށް ޖަމާކޮށް ރާއްޖެތެރޭ ރަށްތަކުގެ ހުރިހާ ކަމެއް ހުއްޓުމަކަށް އަންނާނެ ކަމަށާއި ނިމިގެން ދިޔަ ދައުރުގައި އެގޮތަށް ކަންކަން ވެގެންދިޔަ ހަނދާން ނައްތާނުލުމަށް އެދޭ ކަމަށެވެ. ރަށްތަކުގައި ފެނާއި ނަރުދަމާ އަދި އެހެނިހެން ތަރައްގީގެ މަޝްރޫއުތައް މިސަރުކާރުން ކުރަންޖެހުނީ ނިމިދިޔަ ސަރުކާރުގައި އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް އިސްކަންދީފައި ނުވާތީ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އައިސް 141 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރަން ފަށްޓަން ޖެހުނީ އެސަަބަބާ ހުރެ. 150 ރަށުގެ އިންޖީނުގެ، ކަރަންޓުގެ ހިދުމަތް ރައްޔިތުންނަށް ދޭން ފަށަން ޖެހުނީ މިއިން އެއްވެސް ރަށަކާ ދޭތެރޭގައި އަޅާނުލާ އޮތީމަ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2014 އިން 2018 އާއި ހަމައަށް ކުރީގެ ސަރުކާރުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގެނަސްފައިވާ ބަދަލުތަކާއި މިސަރުކާރު ވެރިކަމަށް އައުމަށްފަހު އެ ދާއިރާއަށް އައިސްފައިވާ ބަދަލުތަކަށް ބަލާލުމުންވެސް ކުރީގެ ސަރުކާރުން ތައުލީމީ ދާއިރާއަށް އަޅާނުލާ އޮތް މިންވަރު އެނގޭނެ ކަމަށެވެ.

ކުރީ ސަރުކާރުން ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގައި އަޅާފައިވަނީ ހަމައެކަނި 15 މަލްޓިޕާޕަސް ހޯލް ކަމަށް ރައިސް ވިދާޅުވި އެވެ. ނަމަވެސް މިސަރުކާރުން ޖުމްލަ 85 ރަށުގައި މަލްޓިޕާޕަސް ހޯލް އަޅައިދީ މި ދައުރުގައި އެކަނިވެސް 1578 ކްލާސްރޫމް އަޅާފައިވާ ކަމަށެވެ. ކުރީ ސަރުކާރުގައި އަޅާފައިވަނީ ހަމައެކަނި 135 ކްލާސްރޫމް ކަމުގައިވެސް ވިދާޅުވި އެވެ.

ރައިސް ވިދާޅުވީ ތެލުގެ އަގު މައްޗަށް ދިޔުމުންވެސް މިސަރުކާރުން ވާނީ ބަނޑިދޫގެ ރައްޔިތުންގެ ޖީބަށް ލުއިކޮށްދިނުމަށް ކަރަންޓު ސަބްސިޑީގެ ގޮތުގައި ސަރުކާގެ ބަޖެޓުން 7.5 މިލިއަން ރުފިޔާ ހަރަދުކޮށްފައި ކަމަށެވެ. ކޮވިޑަށްފަހު ރައްޔިތުންނަށް ބަނޑުހައިހޫނުކަމެއް ނުޖެހި ސަލާމަތުން ތިބެވިފައިވަނީ ވެސް ސަރުކާރުން އަޅަމުންދާ ހަރުދަނާަ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމަށްވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބަނޑިދޫގެ ރައްޔިތުން ތިބީ އެމްޑިޕީއާ އެއްކޮޅަށްކަން ފާހަގަކުރައްވާ ރައިސް ވަނީ ރަށުގެ ރައްޔިތުންނަށް ޝުކުރުދަންނަވާފައި އެވެ. އެހެންނަމަވެސް ދެ ސަރުކާރުގެ ދެމެދު އޮތް ތަފާތާ މެދު ވިސްނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

"ދުނިޔެއާ ގުޅުން ކަނޑާލި، އެކި ގައުމުތަކާ އޮތް ގުޅުން އެކީގައި ކަނޑާލި. އެކަހެރިކޮށް މުޅި ގައުމު އޮތީ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެން މިއޮތީ މިކަން ބަދަލުކޮށްފައި. މިއަދު އަޅުގަނޑުމެން އެހީއަށް އެދިގެން ގައުމަކަށް ގޮސް ބުނެލާފިއްޔާ ވަރަށް ފަސޭހައިން ލިބޭ،" ކުރީގެ ސަރުކާރުން ބޭރުގެ ގައުމުތަކާ އެކު ބޭއްވި ގުޅުމާ މެދު ރައީސް ވިދާޅުވި އެވެ.

ބަނޑިދޫއަކީ މަސްވެރިން ނިސްބަތުން ގިނަ ރަށެއްކަން ފާހަކުރައްވާ ރައިސް ވިދާޅުވީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމ މި ސަރުކާރުގެ ސިޔާސަތުގެ ދަށުން އެ ރަށުގައި މަސްވެރިން އެދޭގޮތަށް އައިސް ޕްލާންޓެއް އަޅުއްވާދެއްވާނެ ކަމަށެވެ. މީގެ އިތުރުން މަލްޓިޕާޕަސް ހޯލަކާއި، ކްލާސްރޫމްތަކާއި، ރަށުގެ ސިއްހީ ފެންވަރު ރަނގަޅު ކޮށްދެއްވާ ކުނި މެނޭޖުކުރުމުގެ ޕްރޮޖެކްޓެއްވެސް ބަނޑިދޫގައި ހިންގާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ދައުރުގެ ތެރޭގައި ބަނޑިދޫގައި އާ އިންޖީނު ގެއެއް އެޅިގެންދާނެ ކަމަށެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދީ ބަނޑިދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ. ބަނޑިދޫގެ ކައުންސިލްގެ އާ އިމާރާތް އެޅުމަށް ސަރުކާރުގެ ތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ. ދަތުރުފަތުރުގެ ނިޒާމު ފަސޭހަ ކޮށްދިނުމަށްޓަކައި ބަނޑިދޫއާ ކައިރީގައި އެއާޕޯޓެއް އެޅުމަށް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ހުށަހެޅުމާ ގުޅިގެން ރައީސް ވަނީ އެކަމާ މެދު ވިސްނަވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.