އިލެކްޝަންސް ކޮމިޝަން

ރީރަޖިސްޓްރީއަށް ހުޅުވާލުމުން 35،000 މީހުން ރަޖިސްޓްރީވެއްޖެ

ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓްލުމަށް ބޭނުންވާ މީހުން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލުމުން 35،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓާކޮށްފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރީރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

ރީރަޖިސްޓްރީވި ގޮތުގެ ތަފާސްހިސާބުތައް ހިއްސާކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން މިރޭ ހާމަކުރި ތަފާސްހިސާބަށް ބަލާއިރު ވަގުތު ހަމަވިއިރު ރީރަޖިސްޓްރީވުމަށް ހުށަހަޅާފައިވަނީ 42،867 މީހުންނެވެ. މީގެތެރެއިން 35،849 މީހަކު ރީރަޖިސްޓްރީ ކޮށްދީފައިވާއިރު 6،736 މީހެއްގެ ފޯމު ބަލައިގެންފައެއް ނުވެ އެވެ.

ރީރަޖިސްޓްރީ ކުރަން އޮންލައިންކޮށް ހުށަހެޅި 22،882 މީހުންގެ ތެރެއިން 18،088 މީހެއްގެ ފޯމު ބަލައިގަތުމަށްފަހު 4،794 މީހުންގެ ފޯމު ބަލައިގެންފައެއް ނުވެ އެވެ.

ރީރަޖިސްޓްރީ ކުރުމަށް ސިޔާސީ ޕާޓީތަކުން ހުށަހެޅި 4،606 ފޯމުގެ ތެރެއިން 4،010 ފޯމު ރަޖިސްޓާކޮށްދީފައިވެ އެވެ. ބާކީ 596 ފޯމު ބަލައިގެންފައެއް ނުވެ އެވެ. ޖަލު ތަކުގައި ތިބި 1،443 ގައިދީއަކު ވެސް ވަނީ ރީރަޖިސްޓްރީ ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީރަޖިސްޓްރީ ކުރަން ހުށަހެޅި ފޯމުތައް އިތުރަށް ބަލައި ޗެކް ކުރަމުންދާތީ ރީރަޖިސްޓްރީ ކުރި މީހުންގެ ނަންބަރުތަކަށް ކުދިކުދި ބަދަލު އަދިވެސް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ނުވަ ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރި ނަމަވެސް ފޮށްޓެއް ބެހެއްޓޭ ވަރަށް ރީރަޖިސްޓާ ކޮށްފައިވަނީ މެލޭޝިއާ، އިނގިރޭސިވިލާތް، ސްރީލަންކާ، އިންޑިއާ އަދި ޔޫއޭއީ ގައި އެކަނި ކަމަށްވެސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ މިއަހަރުގެ ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ. ދެވަނަ ބުރަކަށް ގޮސްފިނަމަ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.