ރިޔާސީ އިންތިހާބު 2023

ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު މާދަމާ ހަވީރު 4:30އާ ހަމައަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ހުޅުވާލާފައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ މި ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ ހަވީރު 4:30ގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވާދަކުރުއްވާ ކެންޑިޑޭޓުން ނަންތައް ތަރުތީބު ކުރުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު 4:30 އަށް ތާވަލްކޮށްފަ އެވެ. އޭގެ ކުރިން ނަން ގެންދިއުމަށް ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް އެ ފުރުސަތު އޮންނާނެ ކަމުގައި ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ މެންދުރުފަހު 2:00 އަށް ހުޅުވާލިއިރު ކުރިމަތިލެއްވި އަށް ބޭފުޅެއްގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިގެންފަ އެވެ.

އިންތިހާބުގައި ފަސް ސިޔާސީ ޕާޓީއަކުން ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަ ގޮތުން ތިން ބޭފުޅަކު ވާދަކުރައްވަ އެވެ.

މިއީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީގެ ގިނަ ސިޔާސީ ޕާޓީތައް ބައިވެރިވާ ގޮތަށް ރިޔާސީ އިންތިހާބުތައް ބާއްވަން ފެށި ފަހުން އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލެއްވި އިންތިހާބެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި ރަނިން މޭޓުން

  • އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު - މުހައްމަދު އަސްލަމް
  • ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހަައްމަދު މުއިއްޒު - ހުސައިން މުހައްމަދު ލަތީފު
  • އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު - ޑރ. އަހުމަދު އަދީލް ނަސީރު
  • ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު - ހުސައިން އަމްރު
  • ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް - ޑރ. އަމީން އިބްރާހިމް
  • އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު - އަހުމަދު ސަލީމު
  • އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ފާރިސް މައުމޫން - ޑރ. އަބްދުއްސައްތާރު ޔޫސުފް
  • އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޒަމީލު - މަރިޔަމް އަލީމް

އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭނަމަ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރާ ވަގުތާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށް އާންމު އިންތިހާބުތަކުގެ ގާނޫނުގައިވެސް ބުނެފައިވެ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ސެޕްޓެމްބަރު ނުވަވަނަ ދުވަހު އެވެ.