ވާހަކަ

ގަހަނާ ފޮށި

( 6 އޯގަސްޓް 2023 އާ ގުޅޭ )

"އާނަ... ކަމެއްވީތަ؟." އަހަރެން ގާތުގައި އެނދުގައި އިށީންނަމުން ހޫދު އަހާލިއެވެ. އަދި އޭނާ އަޅައިގެން ހުރި ދަބަސް ނަގައި ތަޅުންމަތީ ބަހައްޓާލާފައި އަހަރެންނާ އަނެއްކާ ވެސް ކުރިމަތިލިއެވެ. އަހަރެން އާނއެކޭ ބުނީ ބޯޖަހާލުމަކުންނެވެ.

"ފައިސަލް ކަމެއްކުރީތަ؟. ކީއްކުރީ އޭނަ." ހޫދު ވަގުތުން ހަރުކަށިވެލިއެވެ. އޭނާގެ ދެބުމަ ކައިރިކޮށްލި ގޮތުން އެ ސިކުނޑީގައި ހިނގައިގަތް ޝުޢޫރުތައް އެ ދެ ލޮލުން ފާޅުވާން ހުއްޓެވެ. ފައިސަލްދެކެ ހޫދު ނުރުހޭވަރެވެ.

"ހުން އައިސްފަތަ؟." ވާހަކަފަށާނޭ ގޮތަކާމެދު އަހަރެން ވިސްނަން އިންދާ އަނެއްކާވެސް ހޫދު ވާހަކަދެއްކިއެވެ. އަދި އޭނާ އަހަރެންގެ ވައަތު މުލައްދަނޑީގައި ހިފާލިއެވެ.

"ޑަކްޓަރަށް ދައްކައިފިންތަ؟." ހޫދު އެއްސެވެ. އަހަރެންގެ ހަށިގަނޑުން ހޫދަށް ހޫނުކަން އިޙްސާސްވީއެވެ.

"މިހާރު ރަނގަޅު. އާދައިގެ ހުމެއް އައީ... ބޭސްކާލީމަ ރަނގަޅު." އަހަރެން ނިކަން އަވަހަށް ބުނީމެވެ. މިވަގުތު ސަމާލުކަން ދޭންޖެހޭވަރު ކަމަކަށް އެކަން ނުވާތީއެވެ. އަހަރެން ބުނަން އޮތީ އެއަށްވުރެ މާމުހިންމު ވާހަކަތަކެކެވެ.

"ހޫދު..." އަހަރެން ހޫދަށް ގޮވާލަމުން އޭނާއާ ނަޒަރު ސީދާކޮށްލީމެވެ. ހަމައެހިނދު އަހަރެންގެ ލޮލުގެ ހިމަކޮޅުން ކޮޓަރިތެރެއިން ހިޔަންޏެއް ހުރަސްކުރިތަން ފެނުނެވެ. ހޫދުއާ ނަޒަރުވަކިކޮށްލާ ކޮޓަރިތެރެއަށް އަހަރެން ބަލާލީމެވެ. ދޮރުކަންޏާ ދިމާ ދެ ފާރު ބެދުނު ހިސާބުގައި ހުރި ކަޅު ހިޔަނި ފެނުނެވެ. ފެންނަނީ ފަނޑުކޮށެވެ. ނަމަވެސް މީހެއްގެ ސޫރަކަން ހިޔަނިން ވަކިވާވަރުވެއެވެ. ހޫދުގެ އަތުގައި އަހަރެންނަށް ހިފާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިޔަނީގެ އަސްލު ދެނެގަންނަން އަހަރެންނަށް އެނގޭތީ ޖެހިލުންވީއެވެ. އަހަރެންނަށް ނުފެނުނަސް އޭނާ ހުންނާނީ އަހަރެންނާ ދުރުގަ ނޫންކަން ވަނީ ބުނެފައެވެ. މިހާރު އެ އައީ އަހަރެން ފައިސަލްގެ ސިއްރުތައް ހޫދުއަށް ކިޔާދޭން އުޅޭކަން އެނގިގެންބާއެވެ.

"އާނަ... ކިހިނެއްވީ؟. މީހަކު އަތުވެދާނެތީތަ؟. ކަމަކާ ބިރުންތަ ތިއުޅެނީ... އަހަންނަށް މިހާރު ޔަގީން އާނައަށް ކޮންމެވެސް ކަމެއް ވެއްޖެކަން." ހޫދު ވާހަކަދެއްކީ އަހަރެންގެ ދަތްދޮޅީގައި ހިފައި އޭނާއާ ދިމާއަށް މޫނު އަނބުރާލަމުންނެވެ.

"އަހަންނަށް އިތުބާރު ކުރެވިދާނެތަ؟." އަހަރެންގެ އަޑުން ވެސް ޖެހިލުންވުން ފާޅުވިއެވެ.

"އާން. ޓްރަސްޓްކުރަން... ދެން ކިޔާދީބަލަ. ކިހިނެއްވީ... އޭނާ ކީއްކުރީ. އާނަގެ ކޮންމެ ވާހަކައެއް ޤަބޫލުކުރާނަން. އެހެންވީމަ ބިރުނުގަނޭ. އަހަރެންނަށް ޓްރަސްޓްކުރޭ." ހޫދުގެ ވާހަކަތަކުގައިވާ ޔަގީންކަން އޭނާގެ ދެ ލޮލުން އަހަރެން ދުށީމެވެ.

"އަހަރެން ރައްކާތެރިކޮށްދެވިދާނެތަ؟." އަނެއްކާވެސް އަހަރެން ކުރީ ސުވާލެކެވެ. ހޫދު ވާހަކަދެއްކީ ބޯޖަހާލަމުންނެވެ.

"ޓްރަސްޓް މީ. އަހަރެން ހުއްޓާ އާނައަށް އެއްވެސްކަމެއްވިޔަ ނުދޭނަން. ސޯ ޕްލީޒް... ތިވެގެން އުޅޭގޮތެއް ކިޔާދީ. އަހަރެންނަށް ކަމެއްކޮށްދެވޭނީ އޭރުން." އަހަރެންގެ ދެއަތްތިލައިގައި ހިފަހައްޓާލައިގެން އިނދެ ހިތްވަރުދޭ ފަދައިން ދެ އަތަށް ބާރުކޮށްލަމުން ހޫދު ބުންޏެވެ.

"ހޫދުގެ އެއްބާރުލުން މުހިންމު. އަހަރެން ހުރިހާ ވާހަކައެއް ހޫދަށް ކިޔައިދޭން މިއުޅެނީ." އަހަރެން މިހެންބުނީ ކޮޓަރީގެ ކަނުގައި ހުރި ހިޔަންޏަށެވެ. އޭނާ އެ ހުރިތަނުގައި ހުރީއެވެ. ހޫދު އެ ދިމާއަށް ބަލާލީ އަހަރެން ބަލާވަރުންނެވެ. ނަމަވެސް އޭނާއަށް އެތަނުގައި ހުރި ހިޔަނި ނުފެންނަކަން ގައިމެވެ. ހޫދު އަހަރެންގެ އަތް ތަޅުވައިގަތެވެ. އަހަރެންގެ ސަމާލުކަން ހޯދަން ކޮށްލި ހަރަކާތެއްކަން އެނގެއެވެ.

"ފައިސަލް އެއީ ވަރަށް ނުރައްކާތެރި މީހެއް." އިރުކޮޅަކު ހިމޭނުން އިނދެފައި އަހަރެން ވާހަކަދައްކަން ފެށީމެވެ. ޝިފާލީގެ ސިފައިގައި ފެންނަ މަހުލޫގުގެ ފަރާތުން އިޝާރާތެއް ނުވީ އޭނާ އަހަރެން ހުއްޓުވަން ބޭނުންނުވާތީކަން ނިންމީމެވެ. އޭނާ ވެސް އަހަރެން ފަދައިން ޝިފާލީއަށް އިންސާފު ހޯދާދިނުމުގައި ހޫދުގެ އެހީތެރިކަން މުހިންމުކަން ވިސްނުނީހެން ހީވެއެވެ.

"ކުޑަބެ..." ކޮޓަރީގެ ދޮރު ކުއްލިއަކަށް ހުޅުވާލައި އެތެރެއަށް ވަންނަން އުޅުނު އިތޫ ގޮވާލީ ހައިރާންކަމާއެކުއެވެ. އެ ކޮޓަރީގައި އަހަރެންނާއެކީ ހޫދު އިނުމުންނެވެ.

"ކޮންތާކުން ތިއައީ؟." އަހަރެން ކައިރިން ތެދުވި ހޫދު ސުވާލުކޮށްލީ އިތޫއަށެވެ.

"ޒަފަރުމެންގެއިން. ދެންމެތަ ކުޑަބެ ތިއައީ." އިތޫ އަހާލިއެވެ.

"އާން." ހޫދު ބުންޏެވެ. އޭނާ ތަޅުންމަތީ ބެހެއްޓި ދަބަސް ނަގައި އަހަރެންނަށް ބަލާލައި ދަނީއޭ ބުންޏެވެ. އަހަރެން ބޯޖަހާލީއެވެ. އިތޫގެ ކުރިމަތީ ހޫދު ވެސް ވާހަކަދައްކަން ބޭނުންނުވީކަން ދޭހަވިއެވެ. އޭނާ އިތޫއާ ވާހަކަދައްކަމުން ކޮޓަރިން ނުކުތީއެވެ.

"ކުޑަބެ އެއްޗެކޭ ކީތަ؟" ކޮޓަރިއަށް ވަދެ ދޮރުލައްޕާލުމާއެކު އިތޫ އަހާލިއެވެ.

"މާބޮޑަށް ބަލީތޯ އެހީ." އަހަރެން ބުނީމެވެ. އިތޫ ނަމާދުނުކޮށް ހުރީތީ އޭނާ ހޫދުއާ ބެހޭގޮތުން އިތުރަށް ސުވާލުތަކެއް ނުކޮށް ގޮސް ވަނީ ފާޚާނާއަށެވެ. ކޮޓަރިތެރެ ހިމޭންވުމުން އަހަރެންގެ ނަޒަރު ހިޔަނި ފެނުނު ދިމާއަށް ދަތުރުކޮށްލިއެވެ. މިހާރު އެތާކު ހިޔަންޏެއް ފެންނާކަށް ނެތެވެ. ކޮޓަރީގައި މީހަކު ހުރިކަމުގެ އިޙްސާސެއް ވެސް ނުކުރެވެއެވެ. ހެޑްބޯޑުގައި ލެނގިލައިގެން އަހަރެން އެނދުމަތީ ހަމަޖެހިލީމެވެ. ފޯނަށް މެސެޖެއް އައީ އެވަގުތެވެ. އެ ފޯނަށް މެސެޖުކުރާނެ މީހަކީ ހަމައެކަނި ހޫދުކަން އެނގޭތީ އަވަހަށް ފޯނު ނަގައި ބަލާލީމެވެ.

"މިރޭ އަހަރެން ގުޅީމަ ކޮޓަރިން ނުކުންނައްޗޭ." ހޫދު ފޮނުވި މެސެޖުގައި ލިޔެފައި އޮތެވެ. އަހަރެން "އޯކޭ" ޖަހާފައި ފޮނުވާލީމެވެ.

ރޭ ވަގުތުތައް ފާއިތުވަމުން ދިޔައެވެ. ޢާއިލާގެ ކުރިމަތީ ހޫދު އަހަރެންނަށް ޚާއްޞަކަމެއް ނުދެއެވެ. ނަމަވެސް ލިބޭ ފުރުޞަތުގައި އޭނާ ސިއްރުން އަހަރެންނަށް ބަލަން އިންނާތީ ފެނެއެވެ. އަހަރެންނާ ނަޒަރު ސީދާވެއްޖެނަމަ ހިނިތުންވެލައެވެ. ރޭގަނޑު ކައިގެން ނުކުމެ އަހަރެން ހުރީ ދޮރޯށި ކައިރީގައެވެ. ކައިރީގައި ހުރި ފިހާރައަށް އިތޫ ދިޔައީ ދުފާއެއްޗެހި ގަންނާށެވެ. އަހަރެން މަޑުކޮށްލީ އޭނާ އަންނަންދެނެވެ.

"އާނިޔާ." ޖެހިލި ވައިރޯޅިއެއްހާ މަޑު އަޑަކުން އަހަރެންގެ ކައިރިން ގޮވާލިއެވެ. ކާކުކަން އެނގުނަސް އަހަރެންގެ މެޔަށް ފިނިވެލިއެވެ. ދޮރޯށި ކައިރީ ވައަތްފަރާތު ފާރުގައި ލެނގިލައިގެން ހުރި ޝިފާލީ ފެނުނީ ކުއްލިއަކަށެވެ. ކުޑަކޮށް އަހަރެން ސިހުނެވެ. އެތަންފެނި އޭނާ ހީނލިއެވެ.

"އޭނާ މިކަމުގެތެރެއަށް ވެއްދުމުގެ މަޤްޞަދަކީ ކޮބާ." ޝިފާލީ ބުންޏެވެ.

"ފައިސަލްގެ ޢާއިލާއާ ބެހޭ އެއްވެސް ކަމެއް ކަލެއަށް އެނގޭތަ. އޭނާގެ ބައްޕަ މި ރަށުން މީހަކު މަރާލައި އެ ކުށުގައި އުމުރަށް ޖަލަށް ލާފައި ހުންނަކަން އެނގޭތަ. އޭނާގެ ބައްޕަ މަރާލީ އަންހެނެއް. އެއީ ކޮންއަންހެނެއްކަން އެނގޭތަ... ކަލޭ އަހަރެންނަށް ދެއްކި މަންޒަރުތަކުން ފައިސަލްގެ ސިއްރު ކޮޓަރިތެރޭ ހުރި އަލިމާރިން ޝިފާލީ ނޫން އަންހެނެއްގެ މޫނުމަތި ހުއްޓާ ދުށީން.... އަދި ފުޅީތެރޭ އޮތް ދެ ލޯ... ފައިސަލް އެ ލޮލާ ވާހަކަދައްކަމުން އަނުމްއޭ ބުނި ހަނދާންވޭ. އެއީ ކާކުކަން އެނގޭތަ؟. ޝިފާލީ މަރާލުމުގެ އަސްލަކީ ކޮބާކަމެއް ވެސް ނޭނގޭ... ފައިސަލްގެ މަޤްޞަދަކީ ކޮބާކަމެއް." އަހަރެން ވާހަކަދެއްކީމެވެ. އަހަރެންގެ ނަޒަރުގައި ފައިސަލް ހައްޔަރުކުރުމުގެ ކުރީން އެނގެންޖެހޭ ކަންކަން އެބަހުއްޓެވެ. ތިން އަންހެނުންގެ މަރާ އެ ޢާއިލާއާ އޮތް ގުޅުމުގެ ހަޤީޤަތް ހޯދަން އެބަޖެހެއެވެ.

"އަހަރެންނަށް މުހިންމީ ޝިފާލީ." އެ މަހުލޫގު ބުންޏެވެ.

"ހަމައެކަނި ޝިފާލީއެއްނޫން އެ ޢާއިލާގެ ސަބަބުން މަރުވީ. މި ދައްކަނީ ތިން އަންހެނުންގެ މަރުގެ ވާހަކަ. ހޫދު އުޅެފިއްޔާ އެ މަޢުލޫމާތު ހޯދިދާނެ. އޭނާއަކީ ފުލުހެއް. އަހަރެމެންނާ އެއްކޮޅަށް އެފަދަ މީހަކު ހުރުން މުހިންމު. އޭނާއަށް އެނގޭނެ މިކަން ކުރިޔަށްގެންދާނޭ ގޮތަކާމެދު ލަފާދޭން. އަހަރެންނަށް އެނގޭ ކަލޭ ބޭނުންވަނީ ކޮންމެގޮތަކުން ވިޔަސް ކަލޭގެ މަޤްޞަދު ހާސިލުވާންކަން. މިކަމުގައި އަހަރެންނަށް ލިބިދާނެ ގެއްލުމަކަށް ކަލޭ ނުވިސްނާ... އަހަރެން އަހަރެންގެ އަމިއްލަ ރައްކާތެރިކަން ހޯދަން ކުރިކަމެއްމީ. ހޫދަށް ހުރިހާކަމެއް އެނގިފައި އޮތިއްޔާ އޭނާ އަހަރެންނަށް ކަމެއްވޭތޯ ބަލާނެކަން އެނގޭ. އަދި ކަމެއް ދިމާވެއްޖެނަމަ އަހަރެން ރައްކާތެރިކުރާނެކަން ވެސް ޔަގީން." އަހަރެން ބުނީމެވެ.

"އޭނާގެ ބައްޕަ ކުރިކަމަކާ ފައިސަލްއާ ގުޅުމެއްނުވޭ. އެކަމަކު ޝިފާލީ މަރާލީ ފައިސަލް. އަހަރެން މިއުޅެނީ އެކަމުގެ ބަދަލު ހިފަން. މިރޭ މިގޭގައި މަޑުކުރިޔަސް މާދަމާ ރޭ ގެސްޓްހައުސްއަށް ދާން ތައްޔާރުވެ ހުންނާތި." އަހަރެންނަށް މިފަހަރު އިވުނީ ހަމައެކަނި އޭނާގެ އަޑެވެ. އޭނާ ހުރިތަނުން ޣައިބުވީއެވެ. ކީއްވެކަން އެނގުނެވެ. އިތޫ ގެއާ ދިމާއަށް އަންނަނީއެވެ.

"ކިއްލިއެއް ބޭނުން." އަހަރެންނާ އަރާ ހަމަކޮށް އިތޫ ކިއްލި ޕެކެޓެއް ދިއްކޮށްލިއެވެ. އަހަރެން އޭގައި ހިފީމެވެ. ދެ މީހުން އެކުގައި ގޭތެރެއަށް ވަނީއެވެ.

އެންމެން ކޮޓަރިތަކަށް ނިދަންވެ މުޅި ގެ ހިމޭންކަމުގެ ތެރެއަށް ގެނބިފައިވިއެވެ. އަހަރެންނަށް ވެސް ނިދެމުންދަނިކޮށް ބާލީސް ދަށުން ފޯނު ތެޅިލިކަމުގެ ހިލަންވެ ލޯ ހުޅުވާލީމެވެ. ގަޑިން މެންދަމު އެކެއް ޖަހަން ދަނީއެވެ. ސިޓިންރޫމަށް ނުކުތުމަށް ހޫދުގެ މެސެޖުގައި އޮތެވެ. ޖެހިގެން އޮތް އިތޫއަށް އަހަރެން ބަލާލީމެވެ. އެނދުން ފޭބީ ނިކަން ސިއްރުންނެވެ. ކޮޓަރިން ނުކުތުމުގެ ކުރީން އިރުކޮޅަކު މަޑުކޮށްލީ އިތޫ ހަރަކާތެއްކޮށްލާތޯއެވެ. އޭނާ ނުހޭލާނެކަން ޔަގީންކޮށްފައި މަޑުމަޑުން ކޮޓަރި ދޮރު ލައްޕާފައި ސިޓިންރޫމަށް އައީމެވެ. ފަނޑުއަލިކަމުގައި ސޯފާގައި އިން ހޫދު އަހަރެންނަށް ފެނުނެވެ.

"އާދޭ އިށީންނަން." ހޫދު ބުންޏެވެ.

އަހަރެން އައިސް ހޫދުގެ ކަނާއަތްފަރާތުން އެކަކަށް އިށީނދެވޭން ހުރި ގޮނޑީގައި އިށީނީމެވެ. އެއާއެކު ހޫދު އިން ސޯފާގެ ކޮޅަށް ޖެހިލީ އަހަރެމެން ދެމެދުގައިވީ ދުރުމިން ކައިރިކޮށްލުމަށެވެ.

"މީހަކު ނުކުމެދާނެ... ބޮކިދިއްލަންވީނު." އަހަރެމެން ފެނި އެ ގޭ މީހަކު ނުބައިގޮތަކަށް މާނަކޮށްފާނޭ ހީވެ ބުނީމެވެ.

"އާނަ ބޭނުމިއްޔާ އަހަރެންގެ ކޮޓަރިއަށް ދެވިދާނެ. އެކަމަކު އެގޮތް އާނައަށް ކަމުނުދާނޭކަން އެނގޭތީ މިތަނަށް އަންނާށޭ ބުނީ." ހޫދު ބުންޏެވެ. އަހަރެން ދެން ވެސް އެދުނީ ބޮކިދިއްލުމަށެވެ. އެހެންވެ ހޫދު ތެދުވެގެން ގޮސް ސިޓިންރޫމުގެ ހޮޅިބުރި ދިއްލައިފިއެވެ.

"ބޮކިވެސް ދިއްލައިފިން. ދެން އާނަގެ ވާހަކަ ކިޔާދީބަލަ." އެނބުރި އައިސް ސޯފާގައި އިށީނދެ ހޫދު ބުންޏެވެ.

"ތީ ޕޮލިހެއްނު. މި ރަށަށް ޢީދަށް އައި ގުރޫޕެއްގެ ކުއްޖަކު އަހަރެން ހުންނަ ގެސްޓްހައުސްއިން ގެއްލިގެން އުޅުނުއިރު ހޫދު ހުރިންތަ؟." އަހަރެން ސުވާލުކުރީމެވެ.

"އޭރު ދެކުނުގެ ސްޓޭޝަންގައި އަހަރެން މަސައްކަތްކުރަނީ. އަތޮޅަށް ބަދަލުވިތާ އަދި މިވީ ދޮޅުއަހަރު. އެހެންވެ އެކަން ހިނގިގޮތެއް އަހަރެންނަކަށް ނޭނގެ. އަތޮޅުގައި ނެތީމާ އެ މައްސަލަ ކުރިޔަށްދިޔައީ ކިހިނެއްކަމެއް ވެސް ބުނާކަށް ނޭނގޭ... ކިހިނެއްވީ އެ ވާހަކަ ތިފެށީ." ހޫދު ބުންޏެވެ.

"ޝިފާލީ އެއީ... އޭނާ ގެއްލުނީއެއްނޫން. މަރާލީ... ފައިސަލް އޭނާ މަރާލީ." ފަހު ޖުމްލަ އަހަރެންގެ އަނގައިން ނުކުތީ ވެސް މަޑުންނެވެ. އެހެން މީހަކަށް އިވިދާނޭތީއެވެ. ހޫދު އެއްވެސް އެއްޗެއް ނުބުންޏެވެ. އަހަރެންނަށް ބަލަން އިނީ ނިކަން ސީރިއަސް ބެލުމަކުންނެވެ.

"އާނައާ އެ އަންހެންކުއްޖާއާ އޮތީ ކޮންގުޅުމެއް." އިރުކޮޅަކު ހިމޭންވެފައި އިނުމަށްފަހު ހޫދު އަހާލިއެވެ.
"އެއްވެސް ގުޅުމެއްނެތް... މީ... މި ފަށާއި މި އަނގޮށްޓިއަކީ އޭނާގެ އެއްޗެހި." އަހަރެންގެ މުށުތެރެއަށް ލައިގެން އުޅުނު އެއްޗެހި ހޫދަށް ދެއްކީމެވެ. އޭނާގެ ނިތަށް ރޫގިނަވެލީ ލިބުނު ނުތަނަވަސްކަމެއްގެ ސަބަބުންނެވެ.

"އާނައަށް ކިހިނެއް އެނގެނީ." ހޫދު ސުވާލުކުރިއެވެ.

"ބުނޭ... ޝިފާލީގެ ގަހަނާ ފޮށި ނޫނީ ހުރިހާއެއްޗެއް ފުލުހުންނަށް ފެނުނޭ. އެ ގަހަނާ ފޮށި ވީ ފައިސަލްގެ އަތުގައޭ." ކުއްލިއަކަށް އަހަރެމެންގެ ކައިރިން އަހަރެންނަށް އިވުނީ ޝިފާލީގެ އަޑެވެ. އަހަރެން އެ ބަސްތައް ހޫދު ކައިރީ ތަކުރާރުކޮށްލީމެވެ.

"އާނަ ސީރިއަސްކޮށް ވެސް ފައިސަލްއާ ރައްޓެހިވީތަ؟." އިރުކޮޅަކު ވިސްނަން އިނދެފައި ހޫދު އަހާލިއެވެ. އަހަރެން އޭނާއާ ނަޒަރު ސީދާކޮށްލައިގެން އިނދެ ބޯޖަހާލީމެވެ. އެކަމަކު އެއީ އަހަރެންނަށް ހެދުނު ގޯހެކެވެ.

"އެއްވެސް މީހަކު ހުންނަ ގޮތުން ބަލާލާފައި އޭނާގެ ގޮތް ބުނާކަށް ނޭނގޭނެއެއްނު. އަހަރެންނަށް އޭނާގެ ހަޤީޤަތް އެނގުނީ އަދިކިރިޔާ. ހޫދު... އަހަރެން އެންމެންގެ ކުރިމައްޗަށް ފައިސަލްގެ ހަޤީޤަތް ގެންނާނަން. މިކަމުގައި އަހަރެންނަށް އެހީވެދީފާނަންތަ؟. މި ރަށުގައި ހޫދު ނޫނީ އަހަރެން އެހީއަކަށް އެދޭނެ މީހަކުނެތް. މިކަމުގައި އިތޫ ބައިވެރިކުރާކަށް ބޭނުމެއްނޫން. އަދި މި ޢާއިލާގެ އެހެން މީހަކުވެސް... އެންމެން ހާސްވެ ކަންބޮޑުވާނޭވަރު އަހަރެންނަށް އެނގޭ. އެކަމަކު ފައިސަލްއަކީ އެހެން މުޖުތަމައަށް ދޫކޮށްލާފައި ބަހައްޓަންވާވަރުގެ މީހެއްނޫން." އަހަރެން ބުނީމެވެ.

އަހަރެންނަށް ފެނުނު މަންޒަރުތައް ހޫދަށް ކިޔާދިނީމެވެ. ޝިފާލީއާމެދު ފައިސަލްގެ އަނިޔާވެރި ގޮތެވެ. އެ ހުރިހާކަމެއް އަހަރެންނަށް އެނގުނު ގޮތެއް ނުބުނަމެވެ. ހޫދުއާ އެ މަޢުލޫމާތު ޚިއްޞާނުކުރާން އަހަރެން ކައިރީ އެ މަހުލޫގު ބުނީއެވެ. މިވަގުތަށް އެކަން ހާމަނުކުރެވުނަސް ފަހުން އަހަރެން ހޫދަށް އެ ހަޤީޤަތް ވެސް ކިޔައިދޭނަންކަން ވަޢުދުވީމެވެ. އަހަރެން ފަދައިން ހޫދަށް ވެސް ފައިސަލްގެ ރަޙުމްކުޑަ ޢަމަލުތަކުން އުނދަގޫ އިޙްސާސެއް ކުރެވުނުކަން އެ މޫނުން ފާޅުވެއެވެ. ފުލުހުންގެ ރިކޯޑުގައި ހުރި މަޢުލޫމާތު އޮޅުންފިލާނޭ ގޮތެއް ވާނެތޯ އަހަރެން ހޫދާ ސުވާލުކުރީމެވެ.

"ދޮންބެދައްތަ ބުނި މި ރަށުން ޝިފާލީ ފިޔަވައި އެހެންކުއްޖަކު ނުގެއްލެޔޭ. އެހެންވިއްޔާ އަނުމްއަކީ ކާކުބާއޭ ހިތަށް އަރަނީ. ފައިސަލް ބައްޕަ މަރާލި އަންހެނަކީ ކާކުތޯ ވެސް ބަލައިދީބަލަ." އަހަރެން ބުނީމެވެ.

"ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ ރިކޯޑްސް ހުންނާނެ. އެކަމަކު އަހަރެންނަށް އެ މަޢުލޫމާތު ފެންނަ ގޮތަކަށްނޫން ހުންނާނީ. އަހަރެން ޖެހޭނީ ސްޓޭޝަންގެ ވެރިޔާއާ މި ވާހަކަތައް ޚިއްޞާކުރަން. އޭނާއަށް އެ ހުރިހާ މަޢުލޫމާތެއް ހޯދޭނެ. މީ އާނަ އެކަނި ކުރިމަތިލާ ވަރަށްވުރެ ނުރައްކާތެރިކަމެއް." ހޫދު ބުންޏެވެ.

"އެކަމަކު ކުއްލިއަކަށް ފުލުހުން އޭނާއަށް ފާރަލާންފަށައިފިއްޔާ އެއްވެސް އެއްޗެއް އޭނާގެ އަތުން ނުފެންނާނެ. ހީ އިޒް ސްމާޓް... އޭނާ އަހަރެމެންނަށްވުރެ މާދުރަށް ވިސްނާ ރާވާނެ. އަހަރެންނަށް މި އެއްޗެހި ހޫދަށް ދެވޭކަށް ނޯންނާނެ. އަހަރެންގެ ހަށިގަނޑުން މި އެއްޗެހި ނުފެނިއްޖެނަމަ ފައިސަލް ސުވާލުކުރާނެކަން ޔަގީން. ގެއްލުނީއޭ ބުންޏަސް އޭނާ ހަޤީޤަތް ހޯދަފާނެތީ އަހަރެން ބިރުގަނޭ. އެއްވެސް ގޮތަކަށް ކުޑަވެސް ޝައްކެއް އޭނާއަށްވާން އަހަރެން ނޭދެން. މިހާރު ވެސް އޭނާއަށް އޮތް ހުރަހެއް އަހަރެން މިގެއަށް އައުން. އޭނާ އެއްގޮތަކަށް ވެސް ބޭނުމެއްނުވޭ މިގެއަށް އަހަރެން އަންނާކަށް. ރަނގަޅު ރީޒަންއެއް އޭނާއަށް ނުދެވިގެން އުޅެނީ އަހަރެންނާއި އިތޫއަކީ މާކުރިންސުރެ ގާތް ރައްޓެހިންކަން އެނގޭތީ. އަނެއްކާ އިތޫ މިރަށު ކުއްޖަކަށްވީކަން." އަހަރެން ބުނީމެވެ.

އަހަރެންގެ ވާހަކައާ މެދު ހޫދު ވިސްނަން އިނެވެ. އޭނާ އަހަރެންގެ ވާހަކަ ޤަބޫލުކުރިކަމީ އަހަރެންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމެވެ. އޭނާއަކީ ފުލުހަކަށްވިޔަސް އަމިއްލަ ނުނިންމޭނެ ނިންމުންތައް ހުންނާނޭކަން ހޫދު ބުންޏެވެ. އޭނާގެ ވެރިޔާގެ އެހީއާނުލައި ކުރެވޭނެ މާބޮޑުކަމެއް ނޯންނޭކަން ހޫދު ބުންޏެވެ. ގިނަބައެއް ޝާމިލް ނުކުރިޔަސް އޭނާގެ ވެރިޔާއާ ހަމައަށް އެ މަޢުލޫމާތު ފޯރުކޮށްދިނުމުން ފުދޭނެކަން ހޫދު އަހަރެންނަށް ވިސްނައިދިނެވެ. އަދި އޭނާއަށް އިތުބާރުކުރުމަށް ބުންޏެވެ. އާންމު ކުށްވެރިއަކާ ކުރިމަތިލާ އުސޫލުން ފައިސަލްއާ ކުރިމަތި ނުލެވޭނެކަން ހޫދަށް ވެސް ވިސްނޭކަން ހާމަކުރިއެވެ. އަދި އަހަރެން ހޯދަން އެދޭ މަޢުލޫމާތުތައް ލިބޭނީ ހޫދު އެނބުރި ގޮސްގެންކަން ވެސް ބުންޏެވެ. އެކަމަކު ފައިސަލްގެ ނުރައްކާތެރިކަން އެނގި އަހަރެން އެކަނި ބަހައްޓާފައި ދާން ހޫދަށް އުނދަގޫކަން ބުންޏެވެ.

"އަހަރެންނަށް ކަމެއްނުވާނެ. ފައިސަލްއަށް ޝައްކުނުވާހާ ހިނދަކު އެއްވެސް ކަމެއް ގޯހެއްނުވާނެ. މިކަން އެހާ ސިއްރުން ކުރަންޖެހޭ ސަބަބަކީ އެއީ." އަހަރެން ބުނީމެވެ.

ފައިސަލްގެ ބައްޕަގެ ކޭސްއާ ގުޅޭ މަޢުލޫމާތުގެ އިތުރުން އަނުމް ކިޔާ އަންހެންކުއްޖަކު ގެއްލިފައިވޭތޯ ބަލައި އަހަރެންނަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ހޫދު އަހަރެންނަށް ދިނެވެ. އޭނާގެ ވެރިޔާއާ މަޝްވަރާކޮށްފައި އެނބުރި ރަށަށް އަންނަ ހިސާބުން ފައިސަލްގެ ކަންކަން ބަލަން ފަށާނީކަން ހޫދު އެއްބަސްވިއެވެ. ފުލުހުންނަށް ޝިފާލީގެ ގަހަނާފޮށި ލިބުމުގެ އިތުރުން ފައިސަލް ދިރިއުޅޭ ކުޑަ ގޭގެ ތެރޭގައި ހުންނަ ސިއްރު ކޮޓަރިއަށް ވަދެވޭގޮތް ވެއްޖެއްޔާ ބޭނުންވާ ހެކި ލިބޭނެކަން ހޫދު ބުންޏެވެ.

"މާދަމާ އެކޮޅަށް އަހަރެން ނިދަން ދާނީ." އަހަރެން ހޫދު ކައިރީ ބުނީމެވެ. އޭނާ އެގޮތް ބޭނުންނުވާކަން މޫނުމަތިން ފާޅުވި އަސަރުތަކުން ދޭހަވެއެވެ. ނަމަވެސް ހޫދު އަހަރެން ކައިރީ ނުދާށޭ ނުބުންޏެވެ.

"އަހަރެންނަށް ގުޅާނަންތަ. އާނަ އޯކޭކަން މެސެޖަކުން އަންގާލިޔަސް އެންމެ ރަނގަޅު." ހޫދު ބުންޏެވެ. އަހަރެން އެއްބަސްވުމުގެ ގޮތުން ނިކަން އަވަހަށް ބޯޖަހާލީމެވެ.

"ފައިސަލްއަށް އެނގޭ އަހަރެން އިތުރު ފޯނެއް ގެންގުޅޭކަން." އަހަރެން ބުނީމެވެ.

"އެހެންވީރު އޭނާ މިހާރު ހުންނާނީ ވިސްނައިގެން. އެ ފޯނު ގެންގުޅުން ރައްކާތެރިއެއްނޫން." ހޫދު ބުންޏެވެ.

(ނުނިމޭ)