ބޭރު ކުޅިވަރު

ޗެމްޕިއަންސް ލީގަށް ދެވޭނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެން: ވެންހާލް

އަންނަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑަށް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ކުޅެން ފުރުސަތު ލިބުން ގާތީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްގެން ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ވެންހާލް ބުނެފި އެވެ.

މި ސީޒަނަށް ފަހު މަގާމުން ވަކިކުރާނެކަމަށް ބެލެވިފައިވާ ކޯޗު މިހެން ބުނީ އިނގިރޭސި ލީގުގައި ރޭ ސަންޑަލޭންޑް އަތުން 2-1އިން ބަލިވުމުންނެވެ. މި ބައްޔާއެކު ޔުނައިޓެޑް ވަނީ ޗެމްޕިއަންސް ލީގުން ޖާގަ ލިބޭ ގަދަ ހަތަރު ޓީމަށްވުރެ ހަ ޕޮއިންޓް ފަހަތަށް ވެއްޓިފަ އެވެ.

"މިހާރު ޗެމްޕިއަންސް ލީގަށް ދާން އަހަރުމެންނަށް ލީގަށް ވުރެ ފަސޭހަވާނީ ޔޫރޮޕާ ލީގު ކާމިޔާބު ކޮށްގެން. އެކަމަކު އެއީ ފަސޭހަ ކަމެއްނޫން. ބައިވަރު މޮޅު ޓީމުތައް އެ ލީގުގައި އެބަތިބި،" ވެންހާލް ބުންޏެވެ.

ނަމަވެސް އޭނާ ބުނީ އަދިވެސް ގަދަ ހަތަރު ޓީމުގެ ތެރޭގައި ލީގު ނިންމާލުމުގެ އުއްމީދު ގެއްލުވާނުލާ ކަމަށެވެ.