މުހައްމަދު ނާޒިމް

ރަށްތައް ތަރައްގީކުރަން ސަރުކާރަށް ނޫނެކޭ ބުނަންޖެހޭ: ނާޒިމު

ރަށްތައް ތަރައްގީކުރަން ސަރުކާރަށް ނޫނެކޭ ބުނަން ރައްޔިތުން ތެދުވަން ޖެހޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ބ. ދަރަވަންދޫގައި ރޭ ބޭއްވި އުޖާލާ ޒަމާން ޖަލްސާގައި ނާޒިމު ވިދާޅުވީ ރަށްތައް ވަށައިގެން ރިސޯޓުތައް އޮތްއިރު މީހުން ދިރިއުޅެނީ ވަރަށް ދަތި ހާލުގައި ކަމަށެވެ.

"ވަށައިގެން 17 ރިސޯޓް އޮތް ތަނެއްގައި ތިބޭފުޅުން ތިބެންވީ މިފަދަ ހާލުގައިތޯ؟ ތިބޭފުޅުން އެބަ ޖެހޭ ތެދުވެވަޑައިގަންނަވަން. ސަރުކާރަށް ނޫނެކޭ ބުނެ ބޮޑު ބަދަލެއް ގެންނަން،" ނާޒިމު ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނެ ވެރިއަކު ހޯދަންޖެހޭ ކަމަށާއި ނިކުމެ ހުންނެވީ ރައްޔިތުން އެދޭ ބަދަލު ގެނެސްދޭން ކަމަށް ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ނުވާ ރަށެއްގައި ތަރައްގީއެއް ނެތް ކަމަށާއި މަސައްކަތް ކުރާނެ އާބާދީއެއް ނެތް ކަމަށެވެ. ނަމަވެސް އެމްއެންޕީގެ ވެރިކަމެއްގައި އެކަން ބަދަލުކުރާނެ ކަމަށް ވިދާޅުވި އެވެ.

"ޔަގީން ކުރައްވާ އަޅުގަނޑުމެންގެ އިރެއްގައި އަޅުގަނޑުމެންގެ ޕްލޭނާއި އެއްގޮތަށް، ރަށްރަށުގައި ގިނަ ވަޒީފާތަކެއް އުފައްދާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އަޅުގަނޑުމެން އުފައްދާ އާލާ ކުރާނަން،" ނާޒިމު ވިދާޅުވި އެވެ.