މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ އިލްތިމާސް: "ހުދާ ހީފަމް"އަށް ސަމާލުވޭ

ސޯސަލް މީޑިއާގައި "ހުދާ ހީފަމް"ގެ ނަމުގައި އެކައުންޓެއް ހަދައިގެން އިންވެސްޓްކޮށްދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މީހެއްގެ އެކައުންޓަށް ސަމާލުވުމަށް ފުލުހުން އެދިއްޖެ އެވެ.

މި ސްކޭމް ހިންގާ ގޮތް ފުލުހުން މިއަދު ވަނީ ޓްވިޓާގައި ހާމަކޮށްފަ އެވެ.

އެގޮތުން "ހުދާ" އަމަލުކުރާ ގޮތަކީ އަސްލު މީހެއްގެ ފޮޓޯ އޭނާގެ ޕްރޮފައިލްގައި ބޭނުން ކުރަނީ އެވެ. މިއީ ސްކޭމް ކުރާ ފަރާތަކީ އަސްލުވެސް އެމީހާ ކަމަށް ދެއްކުމަށްޓަކައި ކުރާ ކަމެކެވެ. ގިނަ ފަހަރަށް ޕްރޮފައިލްގައި ފޮޓޯ ބޭނުން ކުރާ އަސްލު މީހާއަށް އެމީހެއްގެ ފޮޓޯ ބޭނުންކޮށްގެން ސްކޭމެއް ހިންގާކަން ނުވެސް އެނގެ އެވެ.

ސްކޭމްގެ އެކައުންޓުތައް އާންމުކޮށް ހިންގަނީ އިންސްޓަގްރާމް އަދި ފޭސްބުކްގައި ކަމަށް ފުލުހުން ބުނެ އެވެ.

ސްކޭމްގައި މީހުންނަށް މެސެޖުކޮށް ފޮރެކްސް ޓްރޭޑިން އެކައުންޓް މެނޭޖަރެއް ކަމަށް ނުވަތަ އެފަދަ ކަންކަން ކުރާ މީހެއް ކަމަށް މީހުން ކައިރީ ބުނެ އޮޅުވާލުމަށް މަސައްކަތްކުރެ އެވެ. އަދި ކުޑަ އެއްޗެއް އިންވެސްޓްކޮށްގެން ބޮޑު ފައިދާއެއް ނެރެވޭ ކަމަށް ބުނެ މީހުން އެވިޔަފާރިއަށް ހިތްޖައްސުވައިގެން ލާރި ހޯދަ އެވެ. ފޮރެކްސް ޓްރޭޑް ކޮށްގެން ބޮޑު ފައިދާއެއްވާ ކަމަށް ހެކީގެ ގޮތުގައި ދައްކަނީ ފޭކް ސްލިޕްތަކާއި ފޭކް ޗެޓް ތަކެކެވެ. އަދި މީހުން އެ މީހަކާ މެދު ދައްކާފައި ހުންނަ ރަނގަޅު ވާހަކަތައް ދައްކައި އެހެން މީހުންގެ ލޯތްބާއި އިތުބާރު ހޯދަންވެސް މަސައްކަތް ކުރެ އެވެ.

މީހުން މިކަންކަމާމެދު ހޭލުންތެރިނުވުމުގެ ސަބަބުން އެމީހާގެ ބަހަށް ހެއްލި ބައެއް ފަރާތްތަކުން ލާރި އެ އެކައުންޓުތަކަށް ޖަމާކުރަނީ އެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެ އެ ލާރި އެމީހަކަށް ގެއްލިގެން ދެއެވެ.

ފުލުހުން ވަނީ މިފަދަ ސްކޭމެއްގެ ޝިކާރައަކަށް ވެފައިވާ ފަރާތެއްވާނަމަ އަވަހަށް ފުލުހުންނަށް ރިޕޯޓް ކުރުމަށް އެދިފަ އެވެ. އަދި ވީހާވެސް ގިނަ ބަޔަކު ސްކޭމްތަކަށް ހޭލުންތެރިވެ ނޭނގޭ މީހުންނަށް ފައިސާ ނުފޮނުވުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.