ހައިކޯޓް

މަރުގެ މައްސަލައެއްގެ ތުހުމަތު އޮތް ބަޔަކަށް ވަޒީފާ ދިން މައްސަލައެއް

Aug 9, 2023

މަރުގެ މައްސަލައެއްގައި ތުހުމަތު ކުރެވޭ ބަޔަކަށް ފެނަކަ ކުންފުނިން ވަޒީފާ ދީފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވިގެން ދައުލަތުން ދައުވާ އުފުލާފައިވާ ދެ މީހަކަށް ސަރުކާރު ހިއްސާވާ ކުންފުންޏަކުން ވަޒީފާ ދީފައިވާކަން ފެންމަތިވީ ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގަ އެވެ.

ނަދީމުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރަނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ގ. ޝާރާޒް މުހައްމަދު މަފާޒު ހުސައިން ސަލީމަށެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންނަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ހުކުމްކުރުމުން ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

މައްސަލައިގައި ދައުވާ ލިބޭ މުހައްމަދު ކަރަމް ސުހައިލާއި ހުސައިން ޝާމީނަށް ފެނަކަ ކޯޕަރޭޝަނުން ވަޒީފާދީފައިވާ ކަމަށް ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގައި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސައިން މަޒީދު ވިދާޅުވި އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ މުހައްމަދު ކަރަމް ސުހައިލް އާއި ހުސައިން ޝަމީނަށް ފެނަކައިން ވަޒީފާ ދީފައިވާކަން ނޭނގޭ ކަމަށެވެ.

ނަދީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި މީހުންގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން އެ މީހުން ބަންދުގައި ބޭތިއްބުމަށް ދައުލަތުން މިދިޔަ ޖުލައި މަހު ހައިކޯޓުގައި އެދުނެވެ.