ފިނިޕޭޖް

ބީޓީއެސްގެ ސުގާ އަސްކަރީ ތަމްރީން ފުރިހަމަކުރަން ތައްޔާރުވަނީ

ސައުތް ކޮރެއާގެ މަޝްހޫރު ޕޮޕް ގްރޫޕް ބީޓީއެސްގެ ސުގާ އަސްކަރީ ހިދުމަތް ފުރިހަމަ ކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.

މި ހަބަރު އިއުލާންކޮށްފައިވަނީ ބީޓީއެސްގެ އޭޖެންޓް، ބިގް ހިޓް މިއުޒިކް އިން ނެރުނު ބަޔާނެއް ގައެވެ.

މިބަޔާނުގައި ބުނެފައިވަނީ ސުގާ އޭނާގެ އަސްކަރީ ހިދުމަތް ފުރިހަމަކުރުން ލަސްކޮށްފައި އޮތުމަށްފަހު އެކަން ފުރިހަމަ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ސުގާގެ އަސްކަރީ ހިދުމަތް ނިންމާފައި ސަލާމަތުން އެނބުރި ބީޓީއެސްއަށް އަންނަންދެން ފޭނުންގެ ދެމެހެއްޓެނިވި ލޯތްބާއި ސަޕޯޓް ބޭނުންވާނެ ކަމަށްވެސް ބުންޏެވެ.

އުމުރުން 30 އަހަރުގެ މިން ޔޫން ޖީ ނުވަތަ ސުގާ އަކީ މި ގްރޫޕުން އަސްކަރީ ހިދުމަތް ފުރިހަމަ ކުރުމަށްދާ ތިންވަނަ މެންބަރެވެ.

މި ހަބަރު އާންމުކޮށްފައިވަނީ ސުގާ "އަގަސްޓް ޑީ"ގެ ނަމުގައި ނެރޭ މިއުޒިކްގެ ޓުއާ ނިންމިތާ އެއް ދުވަސް ފަހުންނެވެ.

ދެކުނު ކޮރެއާގެ ގާނޫނުގެ ދަށުން ސިއްހަތު ރަނގަޅު ގާބިލް ހުރިހާ ފިރިހެނުން އެމީހުންގެ އުމުރުން 28 އަހަރު ވުމުގެ ކުރިން 18 މަހާއި 21 މަހާ ދެމެދުގެ މުއްދަތުގެ އަސްކަރީ ހިދުމަތް ފުރިހަމަ ކުރަންޖެހެ އެވެ. ބައެއް ހާލަތުގައި (މިސާލަކަށް ކޭ-ޕޮޕް ފަދަ ސްޓާރުންނަށް) 30 އަހަރާ ހަމައަށް ނެޝަނަލް ސާވިސް ފަސްކުރެވިދާނެ އެވެ.

ބީޓީއެސްގެ ހަތް މެންބަރުންގެ މިލިޓަރީ ހިދުމަތް ފުރިހަމަކުރުމަށް އެ ބޭންޑް ވަނީ ބްރޭކެއް ނަގާފަ އެވެ. އަދި މި މުއްދަތުގައި ބީޓީއެސް މެންބަރުން ސޯލޯ ޕްރޮޖެކްޓްތަކުގައިވެސް މަސައްކަތްކުރާނެ ކަމަށް އެ ގްރޫޕްގެ ތަރުޖަމާނެއް ވަނީ ބުނެފަ އެވެ.

ހުރިހާ މެންބަރުންގެ ނެޝަނަލް ސާވިސް ނިމި، އެންމެންނަށް ބީޓީއެސްގެ ގޮތުގައި އެންމެ އަވަހަށް ލަވަކިޔަން ފެށޭނީ 2025 ގައި ކަމަށް ލަފާކުރެވެ އެވެ.