މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

ޔުނިވަސިޓީތަކާއި ކޮލެޖުތައް އޮޑިޓްކުރަން ފަށަނީ

ރާއްޖޭގައި ހިންގާ ޔުނިވަސިޓީތަކާއި ކޮލެޖުތަކުގެ ކޯސްތަކާއި އެތަންތަނުގެ ހިދުމަތްތައް އޮޑިޓް ކުރުމަށް "އިންސްޓިޓިއުޝަނަލް އޮޑިޓް" ޕްރޮގްރާމެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގެ ދަށުން ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދެމުންދާ މަތީ ތައުލީމަކީ އެންމެ ފުރިހަމަ އެކަށީގެންވާ މަތީ ތައުލީމުކަން ކަށަވަރުކުރުމުގެ ގޮތުންނާއި މިފަދަ މަރުކަޒުތަކުން ފޯރުކޮށްދެމުންދާ މަތީ ތައުލީމުގެ ކޯސްތައް ފޯރުކޮށްދެމުން އަންނަނީ އެންމެ އެކަށީގެންވާ މާހައުލެއްގައިކަން ކަށަވަރުކުރުމަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ޒިންމާ އެކެވެ.

އިންސްޓިޓިއުޝަނަލް އޮޑިޓް ކުރުމަށް އެމްކިއުއޭ އިން ނަގާފައިވާ ޕޫލްގައި ހިމެނޭ މެންބަރުންނަށް އަމާޒުކޮށްގެން މިއަދު ވަނީ ހާއްސަ ވޯކްޝޮޕެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

ވޯކްޝޮޕް އިފްތިތާހްކޮށްދެއްވަމުން ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފް ވިދާޅުވީ އެމްކިއުއޭ އިން ކުރިއަށް ގެންދާ އިންސްޓިޓިއުޝަނަލް އޮޑިޓްގެ ސަބަބުން މަތީ ތައުލީމު ފޯރުކޮށްދެމުންދާ މަރުކަޒުތައް އިތުރަށް ހަރުދަނާކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި ރާއްޖެއަކީ ކުޑަ ގައުމަކަށް ވާތީ އިންސްޓިޓިއުޝަނަލް އޮޑިޓް ކުރިއަށް ގެންދާއިރު ހަމަހަމަކަމާއި ސިއްރު ހިފެހެއްޓުމާއި ފަންނިއްޔާތާ އެކު އިންސްޓިޓިއުޝަނަލް އޮޑިޓް ކުރިއަށް ގެންދިއުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

މި ވޯކްޝޮޕްގައި އިންސްޓިޓިއުޝަނަލް އޮޑިޓްއާ ގުޅޭގޮތުން ސެޝަން ނަންގަވައިދެއްވަނީ އެމްކިއުއޭގެ ކޮންސަލްޓަންޓް ޕްރޮފެސާ ޑރ. ޖިއަންޝިން ޖާން އެވެ.

ޑރ. ޖިއަންޝިން އަކީ އޭޝިއާ ޕެސިފިކް ކޮލިޓީ ނެޓްވޯކް (އޭޕީކިއުއެން)ގެ ރައީސާ ކަން ޖެހިޖެހިގެން ދެ ދައުރު ފުރިހަމަކުރައްވާފައިވާ ކަނބަލެކެވެ. ޖިއަންޝިން އަކީ މިހާރު އައްޔަންކޮށްފައިވާ އޭޕީކިއުއެންގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރެއްގެ އިތުރުން އެމެރިކާގެ ސީއެޗްއީއޭ އިންޓަނޭޝަނަލް ކޮލިޓީ ގްރޫޕްގެ އެޑްވައިޒަރުކަމާއި ޔުނާން ހަޔަ އެޑިޔުކޭޝަން އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ އިތުރުން ޔުނާން ޔުނިވަސިޓީގެ ރިސާޗް ސެކްޓަރުގެ ޑިރެކްޓަރެވެ.

މި ވޯރކްޝޮޕްގައި އެމްކިއުއޭގެ ޑިރެކްޓާ ޖެނެރަލް މަރިޔަމް ފިޒާނާ ރަޝީދު ޑރ. ޖިއަންޝިން އެމްކިއުއޭގައި ކޮންސަލްޓެންޓެއްގެ ގޮތުގަ އާއި އަދި އިންސްޓިޓިއުޝަނަލް އޮޑިޓް ޕެނަލް މެންބަރެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ އިންސްޓިޓިއުޝަނަލް އޮޑިޓް ޕެނަލްގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ފަހަރު ދެ ޔުނިވަސިޓީ އާއި ނުވަ ކޮލެޖެއްގެ އިންސްޓިޓިއުޝަނަލް އޮޑިޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައި ވިދާޅުވި އެވެ.

ފިޒާނާ އިތުރަށް ވިދާޅުވީ އިންސްޓިޓިއުޝަނަލް އޮޑިޓް މެންބަރުންނާ ވީހާވެސް ގާތްކޮށް މަސައްކަތްކޮށް އިންސްޓިޓިއުޝަނަލް އޮޑިޓަކީ ކާމިޔާބު އޮޑިޓަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ހަމަމިއާ އެކު އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅޭގޮތުން ރާއްޖޭގެ މަތީ ތައުލީމު ދޭ މަރުކަޒުތަކަށް މާދަމާ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަހުގެ 26 ވާ ހޮނިހިރު ދުވަހު "ކޮލިފިކޭޝަންސް ރިކޮގްނިޝަން"އާ ގުޅޭގޮތުން ކޮންފަރެންސެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.