ވިލާ ފައުންޑޭޝަނުން ލޯނު ނަގައިގެން ކިޔަވާފައިވާ ދަރިވަރުންގެ ތެރެއިން ލޯން ދައްކާފައި ނުވާ ހުރިހާ ދަރިވަރުންގެ ލޯން މައާފްކޮށްދީފި އެވެ.
ވިލާ ފައުންޑޭޝަންގެ ފަރާތުން މިރޭ މިކަން ހާމަކުރެއްވީ އެ ފައުންޑޭޝަން ޗެއާމަން އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.
ޖުމްހޫރީ ޕާޓީގެ މައި ހަރުގެ -- މ. ކުނޫޒުގައި ޖޭޕީގެ މެނިފެސްޓޯ އިއުލާންކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އެކި ދާއިރާތަކުން އެތައް ހާސް ދަރިވަރުން އޭނާގެ މަސައްކަތުން ހޯދި ފައިސާގައި ކިޔަވައިފި ކަމަށާއި މިވަގުތުވެސް ބައެއް ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި އޭގެތެރެއިން ގިނަ ކުދިންނަކީ އޭނާ ކުރާ ހަރަދުގެ ވަކި ޕަސަންޓެއް އަނބުރާ ދައްކާ ގޮތަށް ކިޔެވި ކުދިން ކަމަށެވެ. އަދި އެގޮތަށް ކުރި ހަރަދުގެ ފައިސާ ބިލިއަނެއްހާ ރުފިޔާއާ ގާތްކުރާނެ ކަމުގައި ވިދާޅުވި އެވެ.
"އެ ހުރިހާ ކުދިންގެ ފައިސާ އަޅުގަނޑު މައާފްކޮށްފިން،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވިލާ ފައުންޑޭޝަނުން އަދި އެމަނިކުފާނުގެ އަތްޕުޅުން ސީދާ ގޮތުން ދަރިވަރުންގެ ކިޔެވުމަށް ދޫކޮށްފައިވާ ލޯން ފައިސާ އެމަނިކުފާނަށް ކުރިއަށް އޮތް އިންތިހާބުގައި ކާމިޔާބު ލިބިވަޑައިނުގެންނެވި ނަމަވެސް ބޭނުން ނުވާ ކަމަށެވެ.
ގާސިމް ވަނީ ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް މާސްޓާސް ލެވަލް އަށް ކިޔެވުމަށް ބޭނުންވާ ކޮންމެ މީހަކަށް ދައުލަތުގެ ހަރަދުގައި ކިޔެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ ކިޔެވުމަށް ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑަންޓް ލޯން މައާފްކޮށްދިނުމަށްވެސް ގާސިމް ވައުދުވެވަޑައިގެންނެވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ ރައްޔިތަކުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ ގައުމު ތިމާއަށް ކޮށްދޭ ކަމެއް ބެލުމުގެ ބަދަލުގައި ގައުމަށް އިހްލާސްތެރިކަމާ އެކު ހިދުމަތް ކުރުމަށް ކަމަށެވެ. އެމަނިކުފާނު ކުރައްވާ ކޮންމެ މަސައްކަތެއް ކުރައްވަނީ ގައުމަށް ހެޔޮ އެދިވަޑައިގެން ކަމުގައިވެސް ވިދާޅުވި އެވެ.