އދ. ދިއްދޫ ސްކޫލްގެ ދަރިވަރުން ސްކޫލަށް ނުފޮނުވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ކުދިން ކިޔަވަން ނުފޮނުވާ މައްސަލަ ބަލައިދޭން އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ އިދާރާ އަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ އެޑިޔުކޭޝަން މިނިސްޓްރީން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިއްދޫ ސްކޫލުގެ ބައެއް ދަރިވަރުން ސްކޫލަށް ނުފޮނުވާ މައްސަލައެއް އިއްޔެގެ ވަގުތެއްގައި އެޑިޔުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާ ކަމަށެވެ.
"ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މައްސަލަ ގެންދަނީ ތަހުގީގުކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ މެންބަރު ރުގިއްޔާ ހުސައިން އަވަސްއަށް ވިދާޅުވީ ދިއްދޫ ސްކޫލުގެ ކިޔެވުން ނުފެށެނި ލަސްވަނީ ކުލާސް ރޫމްތަކަށް ބޭނުންވާ ކަރަންޓްގެ ހިދުމަތާ ފެނުގެ ހިދުމަށް ފޯރުކޮށްދީފައި ނުވާތީ ކަމަށެވެ. ފެން ނަގަން ހަދާފައިވާ ވަޅުން ނަގާ ފެނުން ނުބައިވަސް ދުވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަސްލުގައި އެވަޅުގެ ފެނަކީ ބޭނުންކުރަން އެކަށީގެންވާ ފެނެއްވެސް ނޫން،" ރުގިއްޔާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގުރޭޑް 8 ގައި ހަ ކުދިން ތިބިއިރު ދިރާސީ އާ އަހަރާ އެކު އެ ކުދިންނަށް ފޮތްތައް ވެސް ހަމަނުވާ ކަމަށެވެ. ކަމާބެހޭ ފަރާތްތަކުގައި ސްކޫލުގެ ކަންކަން ރަގަޅުކޮށްދިނުމަށް އެދެމުން އަންނަތާ ދުވަސްތަކެއްވެއްޖެ ކަމަށާއި މިއަދާ ހަމައަށް އެއްވެސް ހައްލެއް ލިބިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.
ކައުންސިލުން ލިބޭ މައުލޫމާތުން އެނގޭ ގޮތުގައި ދިއްދޫ ސްކޫލުގައި މިއަހަރު ކިޔަވަން ޖެހޭ 22 އަކަށް ކުދިން އެރަށުގައި އެބަތިއްބެވެ.
ދިއްދޫ ސްކޫލުގެ ދަރިވަރެއްގެ ބެލެނިވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލު ކަމަށް ބުނާ ތަނަކީ ފެނާއި ކަރަންޓް ނެތް ތަނަކަށް ވާތީ އެފަދަ ތަނަކަށް ދަރިވަރުން ފޮނުވުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
ދިއްދޫ ސްކޫލުގެ މައްސަލައިގައި އެޑިޔުކޭޝަން މިނިސްޓްރީގެ ކަމާ ގުޅޭ ބޭފުޅުން ވާހަކައެއް ނުދައްކަވަ އެވެ.