ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް އެއްވެސް ކަހަލަ އަނިޔާއެއް އުނދަގުލެއް ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގއ. ކޮލަމާފުށީގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމަނިކުފާނަށް ތަފާތު އެތައް އުނދަގޫތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. ވޯޓު ލާން އޮތް ދުވަހުގެ ކުރީ ދުވަހު އެމަނިކުފާނުގެ ކެމްޕޭންގައި އުޅުނު 18 މީހުން ޖަލަށް ލުމުގެ ސަބަބުން އެމީހުންނަށް ވޯޓު ލެވޭނެ ގޮތެއް އެފަހަރު ނުވި ކަމަށްވެސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމުގައި އެއްވެސް ކަހަލަ އުނދަގުލެއް ނުކުރައްވާނެ ކަމަށާއި ކެމްޕޭން ކުރުމުގެ ފުރިހަމަ ޖާގަ އެ ކެންޑިޑޭޓުންނަށް އޮންނާނެ ކަމަށެވެ.
"ސާފުކޮށް ކެމްޕޭން ކުރުމުގެ ފުރިހަމަ ޖާގަ އަށެއް ކީއްކުރަންތޯ 12 ކެންޑިޑޭޓުން ލިޔަސް އެ ފުރުސަތު އޮންނާނެ. ކެމްޕޭން ކުރައްވަންވީ. ހިޔާލު ފާޅުކުރަންވީ. ހާމަކަން ބޮޑު ގޮތެއްގައި އެ ޖާގަ އެ އޮތީ ދީފަ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ވޯޓުލުމުގައި ނިންމާ ނިންމުމެއްގެ ސަބަބުން އަނެއްކާވެސް އެ އަނިޔާވެރިކަން އިއާދަ ވެދާނެ ކަމަށެވެ. އެމަނިކުފާނުގެ އެންމެ ބޮޑު ވައުދަކީ ރައްޔިތުންނަށް އުފާވެރި އަމާން ރާއްޖެއެއް ހޯދައިދިނުން ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރައްޔިތުން ވޯޓު ލުމުގައި އެކަން ހަނދުމަކޮށް މިއަދު ރާއްޖޭގެ ތަރައްގީއަށްޓަކައި ގެންނަމުންދާ ބަދަލުތަކާއި އެއްކޮށް ކުރިއަށް ދިއުމަށް ވިސްނަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު މި އަންނަ ބަދަލުތައް އެހެން ގޮތަކަށް ބަދަލުވެގެން ނުދިޔުމަށް ކުރަންޖެހޭ މަސައްކަތް މިއަދު ކުރުމާމެދު ވިސްނަންޖެހޭ. އެ އަނިޔާވެރިކަމުގެ ތެރެއަށް އެނބުރި ދާނީތޯ ނުވަތަ ރައްޔިތުން ބޭނުންވާ ތަރައްގީ އާއި އެއްގޮތަށް ކުރިއަށް ދާނީތޯ ވިސްނަވަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ދިވެއްސަކުވެސް ދިވެއްސަކަށް ވީތީ ފަހުރުވެރިވާން ޖެހޭނެ ކަމަށެވެ.
"ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް މިއީ ދިވެއްސެކޭ ބުނުމުން ތަފާތުކަމެއް ކޮންމެ ދިވެއްސަކަށްވެސް އިހުސާސް ވާނެ. ހަމަގައިމުވެސް އަޅުގަނޑަށް ވޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފަހުރުވެރިކަމަކީ ހަމައެކަނި ރީތި ގޮނޑުދޮށްތަކުގެ ސަބަބުން ވާ ފަހުރުވެރިކަމެއް ނޫން ކަމަށާއި އެއީ ދިވެހިންގެ ސަގާފަތާއި، ތާރީހާއި، ތަރިކައިގެ ވެސް މުއްސަނދި ކަމުން ވާ ފަހުރުވެރިކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތާރީހާއި އާސާރާތައް ހިމާޔަތް ކުރުމުގެ ގޮތުން ސައިޓު މިޔުޒިއަމްތައް ތައާރަފުކޮށް ތަރައްގީކޮށް އެ ތަންތަނުން ރަށަށް އާމްދަނީ އެއް ހޯދައިދިނުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ޕްރިސަވޭޝަން ލެބޯޓަރީއެއް ހަދައި އާސާރުތައް ހިމާޔަތް ކުރުމަށް އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި އެބަ އޮތް ކަމަށާއި ދިވެހި ބަހަށް ދަރިވަރުންގެ ތެރޭގައި ލޯބި އަށަގަންނުވައި އަމަލީ ދިވެހި ބަހަށް ފަރިތަވުމަކީ ވެސް މިހާރަށް ވުރެ ބޮޑަށް ކުރާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"ކުރިއަށް އޮތް ދައުރުގައި އެއް ސިޔާސަތަކީ އެއީ. މި އާސާރުތައް ވީރާނާވާކަށް ގެއްލޭކަށް އަޅުގަނޑުމެން އިރާދަ ކުރެއްވިޔާ ދުލެއް ނުކުރާނަން." އެމަނިކުފާނު ވިދާޅުވި އެވެ.
ކޮލަމާފުށީގެ ތަރައްގީއަށްޓަކައި މިހާރުވެސް ކަންތައްތަކެއް ކުރެވެމުންދާ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެގޮތުން އެ ރަށު ރައްޔިތުން އެންމެ ބޮޑަށް އެދިފައިވާ ބަނދަރު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމުގައިވެސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ކޮލަމާފުށީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވުމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ބޯހިޔާވަހި ކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބިން ހިއްކައި ރޯހައުސް ނުވަތަ ފްލެޓު އަޅައިދޭނެ ކަމަށާއި ރަށުގެ އުދަ އަރާ ސަރަހައްދު ހިމާޔަތްކޮށް ރިވެޓުމެންޓު ޖަހައި ރަނގަޅަށް ރައްކާތެރި ކުރާނެ ކަމަށްވެސް ވައުދުވެވަޑައގެންނެވި އެވެ.
މީގެ އިތުރަށް އައިސް ޕްލާންޓުގެ ކެޕޭސިޓީ ބޮޑުކޮށް އެ ތަނުގައި ކޯލްޑު ސްޓޯރޭޖެއް ގާއިމުކުރާނެ ކަމަށާއި ހެލްތު ސެންޓަރު އަޕްގްރޭޑުކޮށް މިނީ ހޮސްޕިޓަލެއްގެ ގޮތުގައި ހަދައިދޭނެ ކަމަށްވެސް ވިދާޅުވި އެވެ.