ޑރ. މުހައްމަދު މުއިއްޒު

އަދުލު އިންސާފު ގާއިމުކުރާނެ ވެރިކަމެއް ކޮށްދޭނަން: މުއިއްޒު

ރާއްޖެއަށް މިއަދު ބޭނުންވަނީ އަދުލު އިންސާފު ގާއިމްކުރާނެ، ހަމަހަމަ އަދި ބަދަލު ހިފުމުގެ ރޫހާއި، އަނިވާރިކަމާ ދެކޮ ސަރުކާރެއް ކަމަށާއި އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެފަދަ ސަރުކާރެއް ގާއިމުކޮށްދެއްވާނެ ކަމަށް ޕީޕީއެމް ޕީއެންސީ ނިސްބަތްވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ ކާނިވާ ސަރަހައްދުގައި ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ގައުމުގެ ކަންކަން އަލުން ބައްޓަން ކުރުމަށްޓަކައި ގައުމީ ފިކުރުގެ ބަޔަކާ ވެރިކަން ހަވާލުކުރަންޖެހޭ ކަމަށެވެ. ރާއްޖޭގެ ވެރިކަމަށް ހޮވަން ޖެހެނީ ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ފަދަ ގައުމު އިސްކޮށް ގައުމަށްޓަކައި މަސައްކަތްކުރާނެ ބައެއް ކަމުގައި ވިދާޅުވި އެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ރައީސް އަބްދުﷲ ޔާމީންގެ ފިކުރަކީ އެންމެ ފުރަތަމަ ގައުމު ކަމަށްވެސް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސަބަބުން ގައުމު ވަނީ ބޮޑު އަނދަވަޅަަކަށް ވެއްޓިފަ އެވެ. ރައީސް ސޯލިހްގެ ސަރުކާރުން އަނިޔާވެރި ނުވާ ކަމަށް ބުނާއިރު ކުރީގެ ރައީސް ޔާމީނަށް މިސަރުކާރުން ނުހައްގުން އަނިޔާ ދޭ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން ރާއްޖެއަށް މިއަދު ބޭނުން ވަނީ އަދުލު އިންސާފު ގާއިމުކުރާނެ އަނިވާރިކަމަށް ދެކޮޅު ސަރުކާރެއް ކަމަށްވެސް ވިދާޅުވި އެވެ.

"ވަކި އަތަކަށް ބުރަވެފައި އޮތުމަކީ އަދުލު އިންސާފެއް ނޫން. އަދުލުވެރިކަމަކީ އޭގެ ފުރިހަމަ މާނައިގައި ސަރުކާރު ހިންގާ ފަރާތަކުން ފެންނަން ޖެހޭ ކަމެއް. ހަމައެކަނި ޖުޑީޝާރީ ތެރެއިން ފެންނަން ޖެހޭކަމެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ އޭނާ އަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތް ކަމަށެވެ.

ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ބޮޑު އިސްކަމެއް ދޭނެ ސިޔާސަތަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ވިދާޅުވީ ގެދޮރުވެރިކުރުވުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންގޮސް ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްޔިތުން ގެދޮރުވެރިކުރުވާނެ ކަމަށެވެ.

ރައީސް ސޯލިހް ބޯހިޔާވަހިކަމުގެ ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން މުއިއްޒު ވިދާޅުވީ މިސަރުކާރުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޭން ވައުދުވި ފުލެޓުތަކުގެ ތެރެއިން 70 އިންސައްތަ ފްލެޓް އަދި ވުޖޫދުގައި ވެސް ނެތް ކަމަށެވެ. އަދި މިސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޭން ވައުދުވި ގޯތި ދޭނެ ބިން އަދި މިހާތަނަށް ހިއްކާފައިވެސް ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގާއިމުކުރާ ސަރުކާރެއް ވާނީ އެ ސަރުކާރުގެ މޮޓޯއަކަށް ގެދޮރުވެރިކަމަކީ ކޮންމެ ރައްޔިތެއްގެ އަސާސީ ހައްގެއް ކަމަށް ބުނާ ސަރުކާރަކަށް،" ރައީސް ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒު ވިދާޅުވި އެވެ.

މިސަރުކާރުން ދޫކުރާ ގޯތި ލިބޭ މީހުންނާއި ފްލެޓް ލިބޭ މީހުންގެ ލިސްޓް އެކުލަވާލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް އެ ލިސްޓްގައި ތިބި މީހުންނަށް މިސަރުކާރުން ދޭން ވައުދުވި ގޯއްޗާއި ފްލެޓް އަތުނުލާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ހަމަޔަކީ ރައްޔިތުންނަށް ސަރުކާރުން ދީފި އެއްޗެއް އަތުލައިގެން ނުވާނެ ކަމަށް. ގޯތި ވިޔަސް ފްލެޓު ވިޔަސް ދީފި އެއްޗެއް އަތުލުމަކީ އިންސާފަކަށް ނުވާނެ. އަޅުގަނޑުމެން ކަންތައް ކުރާނެ ގޮތަކީ ހުރިހާ ރައްޔިތުންނަށް ގޯއްޗާއި ފްލެޓް ހޯދައިދެވޭނެ މަގު ފަހިކޮށްދިނުން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީ ކުރި މަޝްރޫއަކަށް ވާތީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ކަންކަމުގައި މިސަރުކާރުގެ އެއްވެސް އަޅާލުމެއް ނެތް ކަމަށެވެ. އަދި ހިޔާ ފްލެޓްތައް ހުރި ސަރަހައްދު ތަރައްގީކުރުން ހުއްޓާލާފައިވާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.