ރިޔާސީ ކެންޑިޑޭޓަކު ރަސްމީ ބޭނުމެއްގައި ކުރާ ދަތުރެއްގައި ދައުލަތުގެ ހަރަދު ނުކޮށް ކުރާ ނުރަސްމީ ކެމްޕޭން ހަރަކާތްތަކަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް އޭސީސީ އިން ބުނެފި އެވެ.
އޭސީސީ އިން އެކުލަވާލާފައިވާ އިންތިހާބުކާ ގުޅޭ ކޮރަޕްޝަނުގެ ހިރާސް ކުޑަކުރުމުގެ އިރުޝާދުނާމާގައި ހިމަނާފައިވާނީ އިންތިހާބީ ދުވަސްވަރު އާންމުކޮށް ހުށަހަޅާ ޝަކުވާތަކާއި، މައްސަލަތަކާ ގުޅޭގޮތުން އިންތިހާބީ ކޮރަޕްޝަން ވިޔަނުދިނުމަށް ފަންނީ ގޮތުން ކަންކަން ކުރާނޭ ގޮތުގެ ބައިނަލްއަގްވާމީ އަސާސްތަކާއި މިންގަނޑުތަކެވެ.
މިގައިޑްލައިންގައިވާ ގޮތުން އެއްވެސް ކެންޑިޑޭޓަކު ނުވަތަ ސިޔާސީ ޕާޓީއަކުން ނަމަވެސް ކެމްޕޭންގެ އެއްވެސް ކަމެއްގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ވަނީ މަނާކޮށްފަ އެވެ. ގައިޑްލައިންގައި ފާހަގަކޮށްފައިވާ އެންމެ މުހިއްމު އެއް ކަމަކީ ކެންޑިޑޭޓަކު ރަސްމީ ކަމެއްގައި ދައުލަތުގެ ހަރަދުގައި ދަތުރެއް ކުރި ނަމަވެސް ސިޔާސީ ހަރަކާތްތަކުގައި އުޅުން މަނާކޮށްފައެއް ނުވުމެވެ. ނަމަވެސް އެފަދަ ސިޔާސީ ހަރަކާތްތަކަށް ދައުލަތުން ހަރަދުކޮށްގެން ނުވާނެ ކަމަށް ބުނެފައިވެ އެވެ.
"ރަސްމީ ބޭނުމަށް ކުރާ ރަސްމީ ދަތުރެއްގެ ހަވާސާގައި އެކަމަކުން އެ ދަތުރެއްގެ ހަރަދަށް އެއްވެސް އަސަރެއް ނުކުރާނެ ފަދަ ސިޔާސީ ހަރަކާތެއްގައި ނުރަސްމީ ގަޑީގައި ބައިވެރިވެވިދާނެ،" ގައިޑްލައިންގައިވެ އެވެ.
މިގައިޑްލައިންގެ މަސަދުތަކުގެ ތެރޭގައި އިންތިހުބުތަކުގައި ހިންގާ ކޮރަޕްޝަނުގެ އަމަލުތަކާއި ކޮރަޕްޝަނަށް ހުށަހެޅޭ ފަދަ ކަންކަން ވިޔަނުދިނުމާއި އިންތިހާބާ ގުޅޭ ހުރިހާ މަރުހަލާއެއްގައިވެސް ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް އަމަލުކުރާނޭ ގޮތުގެ އިރުޝާދު ފޯރުކޮށްދީފައިވެ އެވެ. އަދި ދައުލަތުގެ އިދާރާތަކާއި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ދެފުށްފެންނަ ހާމަކަން ބޮޑު ގޮތެއްގައި އިންތިހާބާ ގުޅޭ އެންމެހައި ކަންކަން ހިންގުމަށް ބާރުއަޅައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފަޔާއި އިރުޝާދުދިނުންވެސް ހިމެނެ އެވެ.
މި ގައިޑްލައިންގައި ހިމަނާފައިވާ ލަފާއާއި އިރުޝާދުތަކުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށާއި އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ކެމްޕޭން ކުރުމަށް ފައިސާއާއި އެހީ ހޯދުމާއި ހަރަދުކުރާނެ ގޮތާއި، ދައުލަތުގެ މުވައްޒަފުން ކެމްޕޭން ތަކުގައި ހަރަކާތްތެރިވާންވީ ގޮތްވެސް ހިމެނެ އެވެ. ދައުލަތުގެ މުދަލާއި ފައިސާ އަދި މަގާމު ކެމްޕޭންކުރުމުގައި ބޭނުންކުރުމާއި އަދި ރިޝްވަތު ދިނުމާއި އިންތިބާއި ގުޅިގެން ވޯޓު ގަތުމާއި ވޯޓު ވިއްކުން ފަދަ ކަންކަން މަނާވާނެ ގޮތްތައް ވެސް ހިމަނާފައިވެ އެވެ.
މި ގައިޑްލައިންގައި ރާއްޖޭގެ ދިމިގްރާތީ ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ، ރައްޔިތުންގެ ހައްގު ލިބިދެނިވި ގޮތެއްގައި ބައްޓަންކުރެވި ހިނގަމުންދާ ނިޒާމަކަށް ހެދުމަށްޓަކައި، އިންތިހާބުތަކުގެ ހުރިހާ މަރުހަލާތަކަކީވެސް ކޮރަޕްޝަންގެ ހިރާސްތަކުން މިންޖުވެފައިވާ މަރުހަލާތަކަކަށް ހަދަންޖެހޭކަން ފާހަގަކޮށްފައިވެ އެވެ.