އޭސީސީ

އިންތިހާބާ ގުޅޭ ރިޝްވަތުގެ މައްސަލަ ހުށައެޅުމަށް ހާއްސަ ޕޯޓަލްއެއް

ރިޔާސީ އިންތިހާބާ ގުޅިގެން ހިންގާ އިންތިހާބީ ރިޝްވަތުގެ މައްސަލަތައް ހުށަހެޅުމަށް ހާއްސަ ޕޯޓަލްއެއް އޭސީސީ އިން ގާއިމުކޮށްފި އެވެ.

އޭސީސީ އިން ބުނީ މި ޕޯޓަލް މެދުވެރިކޮށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލައެއް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ކަމަށެވެ.

މި ޕޯޓަލްއަށް ވަނުމުން އިންތިހާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެ ގޮތުގެ މައުލޫމާތު ހިމެނޭ ލުއިފޮތެއްވެސް ފެންނަ ގޮތަށް ހަދާފައިވެ އެވެ.

ޕޯޓަލް ހަދާފައިވަނީ މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކުރެވޭ ގޮތަށެވެ. ނަމަވެސް މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދޭނީ ކާކުކަން އެނގޭ ގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް ކަމަށް އޭސީސީ އިން ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ ވިސިލްބްލޯ ކުރާ ފަރާތްތަކަށް އެ ކޮމިޝަނުން ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް މައްސަލައާ ގުޅޭގޮތުން ދެވެން އޮތް އެންމެ ގިނަ މައުލޫމާތު ހިމެނުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އޭސީސީ އިން އެދިފައިވެ އެވެ.

އޭސީސީ އިން ބުނީ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތެރޭގައި ފޯމުގައި ކޮންމެހެން ހިމަނަންޖެހޭ މައުލޫމާތުގެ ގޮތުގައި ފާހަގަކޮށްފައިވާ ބައިތައް ހިމަނާފައި ނުވާނަމަ ފޯމު ބަލައި ނުގަންނާނެ ކަމަށެވެ. އަދި ކޮމިޝަންގެ އިހްތިސާސަށް ނުފެތޭ ބާވަތުގެ މައްސަލަތައް ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ނަމަވެސް އެފަދަ މައްސަލަތައް ރަޖިސްޓަރީ ނުކުރާނެ ކަމަށްވެސް އޭސީސީ އިން ބުނެފައިވެ އެވެ.