( 8 އޯގަސްޓް 2023 އާ ގުޅޭ )
"ފައިސަލްއަށް އެނގޭ އަހަރެން އިތުރު ފޯނެއް ގެންގުޅޭކަން." އަހަރެން ބުނީމެވެ.
"އެހެންވީރު އޭނާ މިހާރު ހުންނާނީ ވިސްނައިގެން. އެ ފޯނު ގެންގުޅުން ރައްކާތެރިއެއްނޫން." ހޫދު ބުންޏެވެ.
* * * * *
ނިދިފައި އޮއްވާ އަހަރެންނަށް ހޭލެވުނީ ނިތްކުރިއަށް ފިނިކަމެއް އިޙްސާސް ވެގެންނެވެ. ދެ ލޯ ހުޅުވާލިއިރު ކައިރީގައި ހުރީ އިތޫއެވެ. އޭނާގެ އަތްތިލަ އަވަހަށް އަހަރެންގެ ނިތްކުރިން ނެގިއެވެ.
"ހޭލެވުނީތަ... ސޮރީ. ހުން އެބަހުރިތޯ ބަލާލަން އުޅުނީ." އިތޫ ނިކަން އަވަހަށް ބުންޏެވެ. އަހަރެން އަމިއްލައަށް ނިތްކުރީގައި އަތް ޖައްސާލީމެވެ. ހުމުގެ އަސަރެއް ނެތެވެ. ހަށިގަނޑުގައި ހުރި ހޫނުކަން ވެސް ފިލައިފިއެވެ.
"ކިހާއިރެއްވެގެން އެ އުޅެނީ." ތެދުވެ އިށީނދެލަމުން އަހަރެން އަހާލީމެވެ.
"ގަޑިން... އަށްގަޑިވިހި." އެނދުއަރިމަތީ ހުރި ކަބަޑުމަތިން އަހަރެންގެ ފޯނު ނަގައި ގަޑިންވީއިރު އިތޫ ބުނެލިއެވެ.
"އިތޫ ގޮވާލިނަމަ." އަހަރެންގެ ލޮލުން ނިދިފިލިއެވެ. މިހާއިރު ވާއިރު އެ ގޭ މީހުން ތިބޭނީ ހެނދުނުގެ ނާސްތާކުރާށެވެ. އަވަހަށް އެނދުން އަހަރެން ފޭބީމެވެ. އެނދުގެ ތަންމަތި ރަނގަޅުކުރަން ފެށިތަނާ އަހަރެންގެ އަތުގައި އިތޫ ހިފިއެވެ.
"ތި ބަހައްޓަބަލަ... މީހަކު ނޫޅޭ އާނަ ނުތެދުވެގެން. ކަންނެތްކަމުން ނުތެދުވަން އޮތީއޭ މީހަކު ބުނެފާނެތީތަ އެނދުން ތިފުންމާލީ." އިތޫ މިހެންބުނީ ހިނިއައިސްފައި ހުރެއެވެ.
"ނިދިހަމަވެގެން މިތެދުވީ. އިތޫ ސައިބުއީތަ؟." އަހަރެން އަހާލީމެވެ.
"ކޮފީބޮއެގެން މިހުރީ. އިރުކޮޅަކުން ސައިބޯން ދާނީ. ހުރިހާ ފިރިހެންވެރީން އެބަތިބި ބަދިގޭގައި." އިތޫ ބުންޏެވެ.
"އަހަރެން މި ނުކުންނަނީ ފެންވަރާލައިގެން. އެކީގައި ދޯ ސައިބޯން ދާނީ." އަހަރެން ތުވާލި ނަގަން ދަމުން ބުނީމެވެ. އެއާއެކު އަވަސްކުރައްޗޭ އިތޫ ބުނެލީ ސަމާސާ ރާގެއްގައެވެ.
އަހަރެން ފެންވަރައިގެން ނުކުމެ ތައްޔާރުވަމުން ދިޔައިރު އިތޫ އިނީ އަހަރެން ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. އޭނާ ކައިރީ އަހަރެން އެނބުރި ގެސްޓްހައުސްއަށް ދާނެ ވާހަކަ ބުނީމެވެ.
"ދޮންބެދައްތައަށް އެނގޭއިރަށް ލެކްޗަރެއް އަޅާލާނެ. ބީ ރެޑީ." އިތޫ ބުންޏެވެ. އެއީ އަހަރެން ވެސް ޔަގީންވާ ކަމެކެވެ. ގެސްޓްހައުސްއަށް އަހަރެން ދާން އުޅޭކަން އެނގޭއިރަށް ސީރަތު ހިތްހަމަނުޖެހިގެން އުޅޭނެކަމެވެ. އެހެންވިޔަސް ހުރެވޭކަށް ނެތެވެ.
"އައި ނޯ... އަހަރެން ގެސްޓްހައުސްގައި ހުއްޓަސް ބޮޑުކަމެއް ދިމާވެއްޖެއްޔާ އަންނާނީ ހަމަ އިތޫ ކައިރިޔަށް. މި ފެމެލީ ނޫނީ އަހަރެން ދާނެ ބައެއް ނުތިބޭނެ. ދެން އަސްލު އެހާ ދުވަހެއް ވެސް ނެތް ދޯ. އަބަދު މިތާކު ނުހުރެވޭނެއެއްނު. އަހަރެން ދިރިއުޅުން އޮތްތަނަކީ މިއެއްނޫން. އެނބުރި އެ ދިރިއުޅުމުގެ ތެރެއަށް ދާން ޖެހޭނެ." ތެތްކޮށް އިސްތަށިގަނޑު ފަހަތަށް ދޫކޮށްލަމުން އަހަރެން ވާހަކަދެއްކީމެވެ. އަދި ރީތިވާ މޭޒުކައިރީ ހުރެފައި އިތޫއާ ދިމާއަށް އެނބުރިލީމެވެ.
"ފައިސަލްއަށް ކިހިނެއް ހަދަނީ. އާނަ މާލެ ދިޔައިމަ ތި މީހުންގެ ރިލޭޝަންޝިޕްއަށް ވާނީ ކިހިނެއް." އިތޫ ސުވާލުކުރިއެވެ.
"އަދި ނޭނގެ." އަހަރެން ބުނީމެވެ. އެކަމަކު އެއީ ހަޤީޤަތެއްނޫނެވެ. އަހަރެންނަށް ޔަގީންވާ ކަމަކީ ފައިސަލްއާ އެއްވެސް ގުޅުމެއް އަހަރެން ބާއްވަން މިހާރު ބޭނުންނުވާކަމެވެ. އަދި އެނބުރި ޢާއިލާގެ ކައިރިޔަށް އަހަރެން ދާނީ އަހަރެންގެ އަމިއްލަ ނަފްސައިގެން ކަމެވެ.
އަހަރެންނާއި އިތޫ ކޮބާތޯ ބަލަން ސީރަތު އައެވެ. އޭނާ އަހަރެމެންނާ އެކީ ސައިބޯން މަޑުކޮށްގެން ހުރި ވާހަކަ ބުންޏެވެ. އަހަރެމެން ތިން އަންހެނުންނަށް ސައިބޮއެގެން ކާމޭޒުދޮށުން ނުފޭބިގެން އުޅެނިކޮށް ބަދިގެއަށް ވަންތަން ފެނުނީ އެމީހުންގެ ތިމާގެ ކުދީން ކަމަށްވާ ސީމާއާއި އައިންތުއެވެ. އެމީހުން އައުމާއެކު އަޑުފަށްގަނޑު ގަދަވެއްޖެއެވެ. ހީނާފަތް ގޮށިތަކެއް ލިބިގެން އެމީހުން އައީ އިތޫއަށް ބައި އަޅައިގެންނެވެ. ކާމޭޒުދޮށުން ތެދުވުމުގެ ބަދަލުގައި އެތަނުގައި ފޫހަރުކޮށްގެން ވާހަކައިގައި ޖެހިފައި ތިބީއެވެ. އިތޫ ކުއްލިއަކަށް ތެދުވީ ފޯނެއް އަންނާތީއެވެ. ކާކުބާއޭ ކިޔަމުން އޭނާ އެންމެންނާ އެކަހެރިވެލިއެވެ. އެ ކޯލު ނިންމާލުމާއެކު އޭނާ އަހަރެމެން ކައިރިޔަށް އައީ ހެވިދިއްލިފައި ހުރެއެވެ.
"އެ ގުޅީ ސުކޫލުން. މާދަމާ ދިހައެއް ޖަހާއިރު އިންޓަވިއުއަށް އަންނަން." އިތޫ ބުންޏެވެ.
"ކޮންގްރާ... ލިބިއްޖެއްޔާ ކާންދޭންވާނެ." ސީމާ ބުންޏެވެ.
"ލިބޭނެ އިންޝާﷲ. ޒަފަރު ހުރިއްޔާ ނުލިބިއެއްނުދާނެ." އައިންތު ބުންޏެވެ.
"ޒަފަރު ބުނި ބުރާސްފަތި ދުވަހަށް އިންޓަވިއުއަށް ގުޅާފާނެއޭ. ލިބޭނެހެން ހީވެޔޭ ވެސް ބުނި... އެކަމަކު އޭނައެކަންޏެއްނޫން ދޯ އެކަހަލަ ނިންމުން ނިންމާނީ." އިތޫ އައިސް އަހަރެމެން ކައިރީ އިށީނެވެ. އޭނާއަށް އިތުރު އުފާވެރިކަމެއް ލިބުނީއެވެ. އަހަރެން ވެސް އެކުވެރިޔާގެ އުފާވެރިކަމުގައި ބައިވެރިވެ ތަހުނިޔާ ކީމެވެ. އައިންތު ބުނިހެން އަހަރެންނަށް ވެސް ޔަގީންވަނީ އިތޫއަށް އެ ވަޒީފާ ހަމަޖެހޭނެކަމެވެ. ނުލިބޭނެހެން ހީވާނަމަ ޒަފަރު އެހާ ޔަގީންކަމެއް އިތޫއަށް ނުދޭނެއެވެ.
"ވަޒީފާއަށް ނުކުންނަތަނާ ގެއްލިދާނެތީތަ ކައިވެނި އަވަސްކޮށްލީ. ޒަފަރު ހިތްބިރުގަތީ ދޯ." ސީމާ ދިމާކޮށްލިއެވެ. އެންމެން އެއްފަހަރާ ހީނގަތެވެ.
"އާން. ސުކޫލުގައި މިހާރު ފިރިހެން ޓީޗަރު ވަރަށް ގިނަ. އެހެންވީމަ ހިތްބިރު ގަންނާނެ ދޯ." އައިންތު ބުންޏެވެ.
އެމީހުންގެ ތެރޭގައި ބަސްމަދުވެފައި އަހަރެން އިނީއެވެ. އެކަމަކު ބާކީވެފައެއްނޫނެވެ. އަހަރެން ފިކުރުބޮޑުވެފައިވާކަމެއް އެމީހުންނަކަށް ނޭނގެއެވެ. ގޯސް ނިންމުމެއްކަން އެނގޭ ހިސާބުން އެކަން އެގޮތަށް ނުވިނަމައޭ ހިތަށް އެރުމަކީ އިންސާނީ ޠަބީޢަތެވެ. އަހަރެންގެ ހާލަކީ ވެސް އެޔެވެ. ގެސްޓްހައުސްގައި ހުންނަން ނިންމުނުކަން އެއީ އަހަރެންނަށް ހެދުނު އެންމެ ބޮޑު ގޯހެވެ. އާދަޔާ ޚިލާފު ކަންކަމާ ދިމާވާންފެށުމުން ވެސް އަޅާލުން ކުޑަކުރީ އަމިއްލައަށެވެ.
* * * * *
ހަވީރުގެ ވަގުތެވެ. މެންދުރުން ފެށިގެން އުޑުމަތި ބަނަކޮށްފައި އޮތަސް ވާރޭއެއް ނުވެހެއެވެ. އެހެންވިޔަސް ރައްކާވެތިބިއްޔާ ދަތުރޭ ބުނާހެން ސީރަތު ގެއިން ނުކުތީ ކުޑަ ހިފައިގެންނެވެ. ބައެއް މަގުތަކުގައި ހެދިފައި ހުރި ފެންގަނޑުތައް ބޮޑެއްޗެވެ. ހިކިފަސްކޮޅެއް ނެތުމުން ހިނގައި އުޅޭން ވެލިބަސްތާ ފާރު ކައިރީ ޖައްސާފައި ހުއްޓެވެ. އަހަރެންނާއި އިތޫ ވެސް ސީރަތާއެކީ ގެއިން ނުކުތީ އާތިފާ އުޅޭ ގެއަށް ދާށެވެ. އެ ގޭ ޖީހާން އަހަރެންނާއި ސީރަތުގެ ހެދުން ފަހައި ނިންމާފައި އޮތީމައެވެ.
"އާދެވިއްޖެ ދޯ." ސިޓިންރޫމު ސޯފާގައި ޢާއިލާ މީހުންނާއެކީ އިން އިތޫގެ ދޮންތައަށް އަހަރެމެން ފެންނައިރަށް ބުނެފިއެވެ.
"ހީކުރީ ޕާޓީ އޮންނަ ދުވަހުއޭ ދެން ދައްކާލާނީ." އާތިފާ ކައިރީ އިން ނަސްމާ ބުންޏެވެ. ސީރަތު ވާހަކަދައްކަން ފެށީ ދެނެވެ. އަހަރެން ގޮވައިގެން އަންނަން މަޑުކުރަން ހަދައިގެން ލަސްވީއޭ އޭނާ ބުންޏެވެ. އެއީ ދޮގެއް ނޫނެވެ. ނަސްމާ ތަންކޮޅެއް ބާރަށް ޖީހާނަށް ގޮވާލިއެވެ. ޚަބަރެއް ނުވުމުން ތެދުވެގެން އެތެރެއަށް ދާން އޭނާ ހިނގައިގަތެވެ.
ޖީހާނު އަހަރެންނާއި ސީރަތުގެ ހެދުން ގެނެސްދިނެވެ. ސީރަތު ހެދުން ހެޔޮވަރުކޮށް ނިމުމުން އަހަރެން ވެސް ހެދުން ހިފައިގެން އާތިފާގެ ކޮޓަރިއަށް ދިޔައީ ހެޔޮވަރު ކުރާށެވެ. ހެދުން ލައިގެން ނުކުމެ އެންމެންނަށް ހެދުން ހުރި ގޮތް ދައްކަން ޖެހުނެވެ.
"އަދި ކުޑަތަންކޮޅެއް ފަތިން ބާރުކޮށްލަނިކޮށް ރީތިވާނެ. އެހާ ގޯނިވީމަ ނިކަން ހުތުރު." ނަސްމާ ފާޑުކިޔެވެ.
އަހަރެން ހެދުން ނިންމާލަންދެން އެ ގޭގައި މަޑުކުރީމެވެ. އެނބުރި ގެއަށް އައީ ހެދުން ހިފައިގެންނެވެ. ކައިވެނީގެ ވަލީމާއަށް ތައްޔާރުކޮށްފައިވާ ދަޢުވަތު ކާޑު ހިފައިގެން ހަފްތާބަންދުގައި އިތޫއާއި ޒަފަރު އަންނާނަން ކަމުގައި އެގޭ ކުދީން ގާތު ބުންޏެވެ. އަހަރެމެން ގެއަށް އަންނަން ދޮރޯށި ދޮށޮށް ނުކުތްއިރު ޒަފަރު ސައިކަލުގައި އައިސް އިނެވެ. އިތޫ ބަލައެވެ. އެމީހުން ދަނީ ކޮންތާކަށްތޯ އަހަރެން ނާހަމެވެ. ސީރަތާއެކީ އަހަރެން އައީ ގެއަށެވެ.
ދޮރޯށި ކައިރީ މަޑުކޮށްލައިގެން ހޫދު ހުއްޓެވެ. އޭނާ ހުރީ އެކްސެލް ދަޅެއް ބޯށެވެ. އަހަރެންނާއި ސީރަތު ގެއަށް ވަންނަން އައުމުން އޭނާ ދޮރޯށި ކުރިމަތިން އެއްފަރާތަށް ޖެހިލިއެވެ. އަދި ސީރަތުގެ ފަހަތުން އަހަރެން ވަދެވަދެ ހުއްޓާ ގޮވާލައިފިއެވެ. ނަސީބަކުން ސީރަތު އަހަރެމެންނަށް ބަލާލާފައި އެއްޗެކޭ ނުބުނެ އެތެރެއަށް ވަދެގެން ދިޔައީއެވެ. ކޮންތާކުންތޯ އައީ ހޫދު އަހާލިއެވެ.
"އިތޫ ވެޑިންއަށް ފެހި ހެދުން ހިފައިގެން މިއައީ." އަހަރެން ބުނީމެވެ.
"މިރޭ... އެކޮޅަށް ދަނީތަ؟." ހޫދު އަހާލިއެވެ.
"ހޫމް. ދާންޖެހޭނެ." އަހަރެން ބުނީމެވެ.
"އަހަރެން ގެންގޮސްދޭންތަ." ހޫދު ބުންޏެވެ. އަހަރެން އޭނާއާ ނަޒަރު ސީދާކޮށްލީމެވެ.
"އެގޮތް ކަމަކުނުދާނެ. ފައިސަލް ކައިރީ އަހަރެން ބަލާ އަންނަން ބުނާނީ. މިކޮޅަށް އައިފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވޭ. އެކަމާ އަހަރެން ހައިރާނެއްނުވޭ. ދުރުގައި ހުންނައިރު އޭނާ ކޮންޓެކްޓެއް ނުކުރާނެ. އެހެންވިޔަސް އަހަރެންނަށް އެނގޭ އޭނާ އަންނާނޭކަން އަހަރެން ބަލާ." އަހަރެންނަށް ކޮންމެވެސް ވަރަކަށް ފައިސަލްގެ އާދަތައް ދަސްވެއްޖެއެވެ. ފައިސަލްއާ މެދު ހޫދު ނުރުހޭހެން ފައިސަލް ވެސް ގަޔާވާ ކަމަކަށް ހޫދާއެކީ އަހަރެން ފެނުން ނުވާނޭކަން އެނގެއެވެ. އަނެއްކޮޅުން ހޫދު ދީފައި އޮތް ފޯނު ފައިސަލް ބަލާފައިވަނީނަމަ އޭގައި ހޫދު ފޮނުވާފައި ހުރި މެސެޖުތައް ވެސް ފެންނާނެއެވެ. ހޫދު އަހަރެންނާމެދު ދެކޭ ގޮތް އެ މެސެޖުތަށް ކިޔައިފި މީހަކަށް ދޭހަވާނެއެވެ. އަހަރެން އިތޫމެންގެއަށް އައީ ދެ ދުވަސްވަންދެން މިކޮޅުގައި މަޑުކުރާނޭކަން ފައިސަލް ކައިރީ ނުބުނެއެވެ. އަހަރެން މަޑުކުރީތީ އޭނާ ވެސް މިހާރު ހުންނާނީ ހިތްނުތަނަވަސްވެފައިކަން ގައިމެވެ. މިފަދަ ދަނޑިވަޅެއްގައި ހޫދާއެކީ އެނބުރި ގެސްޓްހައުސްއަށް ގޮސްފިނަމަ އަހަރެން ހީނުކުރާ ކަހަލަ ކަމެއް ވެދާނެއެވެ. އެފަދަ ހިރާސްއެއް ނެގުން ރައްކާތެރިއެއް ނޫނެވެ. އަހަރެންނަށް އަހަރެންގެ ފުރާނަ މުހިންމެވެ.
"އަހަރެން ވެސް ހެނދުނުން ފުރަން. ކޮއްކޮގެ ވެޑިންގެ ކުރިން ހިޔެއްނުވޭ މިކޮޅަށް އަންނާނޭ ފުރުޞަތެއް ދެން ލިބޭނެހެން. އެކަމަކު އާނަ އެދުނުހެން ފައިސަލްގެ ކޭސްގައި ކޮންމެވެސް ކޮޅެއް އަހަރެން ހޯދާނަން. އަހަރެންނަށް މަޢުލޫމާތު ލިބޭވަރުން އާނައާ ޚިއްޞާކުރާނަން. އާނަ ބުނިހެން މިއީ އަވަސްއަރުވާލެވޭނެ ކަހަލަ ކޭސްއެއްނޫން. މިހާރު އާނަ އަތުގައި ތިއޮތް ފޯނު ފައިސަލް އަތުލަފާނެ... ނޫނީ އެ ފޯނު ގެއްލުވާލަފާނެ. އަހަރެން ކުރީން ގެންގުޅެފައި އޮތް ފޯނު އަދިވެސް މަސައްކަތްކުރޭ. އެ ފޯނު އާނައަށް ދޭނަން. ހުރިހާ ވަގުތެއްގައި އެ ފޯނު އާނަގެ އަތުގައި ބާއްވާތި." ހޫދު އިރުޝާދު ދިނެވެ.
"އެތާކު އަހަރެންނަށް އެއްވެސް ޕްރައިވެސީއެއްނެތް." މާޔޫސްކަމާއެކީ އަހަރެން ބުނެލީމެވެ. ކޮޓަރީގައާއި ފާޚާނާގައި ސިއްރު ކެމެރާއެއް ހަރުކޮށްގެން ޝިފާލީ އުޅޭނޫޅޭ ގޮތް ބެލިކަން އަހަރެން ހޫދަށް ކިޔައިދިނީމެވެ. ނަމަވެސް ހަމަ އެގޮތަށް އަހަރެންނަށް ފައިސަލް ފާރަލާ ވާހަކައެއް ނުބުނަމެވެ. އެ ވާހަކަ ބުނަން ނުކެރުނީއެވެ. އަހަރެންނާއި ފައިސަލްއާ ދެމެދު ހިނގާފައި ހުރި ގާތް ގުޅުންތަކުގެ ސަބަބުންނެވެ. އަހަރެން ވަނީ ފައިސަލްއާއެކީ ހުރިހާ އިމެއް ހުރަސްކޮށްފައިކަން ހޫދަށް އެނގެން ބޭނުންނޫނީއެވެ. އަމިއްލަ ނަފްސުގެ ލަދަށެވެ. އަހަރެންނަކީ ގޮތެއްފޮތެއްނެތް އަންހެން ކުއްޖެއްގެ ގޮތުގައި ހޫދު ދެކެފާނޭތީއެވެ. ނޫނީ އަހަރެންނާ ދެކޮޅަށް އެ ވާހަކަތަކުން އޭނާ ފައިދާއެއް ނަގާފާނޭކަމަށެވެ.
އިޝާ ނަމާދަށް ގޮސްފައި ހޫދު އެނބުރި އައިސް ގެއަށް ވަނެވެ. ސިޓިންރޫމު ސޯފާގައި އަހަރެން އެކަނި އިންތަން ފެނުމުން އޭނާއާއެކީ އައުމަށް ބުނެލިއެވެ. އަހަރެން ނުގޮސްފާނޭ ހީވުމުން ފޯނު ހަވާލުކުރަން ކަމުގައި ހޫދު ބުންޏެވެ. އަހަރެން އޭނާގެ ފަހަތުން އައިސް ކޮޓަރި ދޮރުމަތީ މަޑުކޮށްލީއެވެ.
"ތިތާތަ ހުންނަނީ." ހޫދު އަހާލިއެވެ.
"މިތަން އޯކޭ. ފޯނު ހަވާލުކޮށްލެވޭނެއެއްނު." އަހަރެން ބުނީމެވެ. ނަމަވެސް ހޫދު އަހަރެންނަށް ބަލަން ހުރީއެވެ. އެ ހިމޭންކަން ދިގުލާންފެށުމުން ކުޑަކޮށް އެތެރެއަށް އަހަރެން ޖެހިލީމެވެ. އެނދު އަރިމަތީ ހުރި ކަބަޑުގެ ވަތްގަނޑުން ނެގި ފޯނާއި ޗާޖަރު ހޫދު ދިއްކޮށްލިއެވެ. އެ ހިފައިގެން އޭނާ އަހަރެންގެ ކައިރިޔަށް ނައުމުން އަހަރެންނަށް އޭނާގެ ކައިރިޔަށް އަންނަން މަޖުބޫރުވިއެވެ. ފޯނުގައި އަހަރެން ހިފުމުން ހޫދު ހިފީ އަހަރެންގެ އަތުގައެވެ.
"އަހަރެން މިބަލަނީ ހަމަޖެހިގެން ހުރެވޭތޯ. އެކަމަކު ހަމަޖެހެވޭނީ ކިހިނެއް؟. އާނައާ މެދު އަހަރެންނަށް ނުވިސްނާ ހުރެވޭނީ ކިހިނެއް؟." ހޫދު ވާހަކަދެއްކީ މަޑުންނެވެ. އޭނާ ކަންބޮޑުވެ ހާސްވެފައި ހުރިވަރު މިފަހަރު އެ މޫނުމަތިން ނުފޮރުވިއެވެ. ފައިސަލްއާ އަހަރެން އެކަނި ކުރިމަތިލުމާމެދު ހޫދު ބިރުގެންފައި ހުރި ކަހަލައެވެ. މިނޫނީ އެފަދަ ޖެހިލުންވުން އެކުލެވިފައިވި ބަލިކަށިކަމެއްގެ ކުލަވަރެއް ހޫދުގެ މޫނުން އަހަރެން ނުދެކެމެވެ. ޝިފާލީއަށް ވީގޮތް ކިޔާދިން އިރުވެސް އޭނާ އިނީ ނިކަން ސީރިއަސްކަމާއެކު އަޑު އަހާށެވެ.
"އައިލް ބީ ކެއާފުލް." އަހަރެން ބުނީމެވެ. އެކަމަކު އެއީ ހޫދުގެ ހިތްހަމަޖެއްސުމަށެވެ. ޚުދު އަހަރެންނަށް ވެސް ފައިސަލްއާ ކުރިމަތިލުމުން ކަންތައްތައް ވެގެންދާނެ ގޮތެއް ލަފާކޮށްލާކަށް ނޭނގެއެވެ. ޝިފާލީގެ މަރުގެ ހަޤީޤަތް ކިޔައިދިން މަހުލޫގު އަހަރެންގެ ބޭނުން ހިފަން ގަސްދުކުރާއިރު އެއީ ވެސް ހޫދު ކައިރީ ބުނެވެންނެތް ވާހަކައެކެވެ.
"އަނިޔާއެއް ލިބެން އުޅޭހެން ހީވާއިރަށް ނުހުންނާތި. އެކަނި ވިޔަސް އެތަނުން ނުކުންނާތި. އަހަރެންނަށް ގުޅާތި... ވަގުތުން ނާދެވުނަސް އަހަރެން ފޮނުވާނަން އާނައަށް އެހީވާނޭ މީހަކު. ސޯ ޕްލީޒް... ފޯނަށް ސަމާލުވާތި." ހޫދު ބުންޏެވެ. އެ ނޫނަސް އޭނާ އަހަރެންނަށް ބަލަން ހުރި ގޮތުން އެތައް ވާހަކައެއް ދައްކަން ބޭނުންވާކަން ދޭހަވެއެވެ. ނަމަވެސް ތުންބައްދާލުން ފިޔަވައި އޭނާ އިތުރު ހަރަކާތެއް ނުކުރިއެވެ. އަހަރެންގެ އަތުން ވެސް ދޫކޮށްލިއެވެ. ހޫދު އަހަރެންނާ ގާތްވުމުން ކަންތައް ހިނގައިދިޔަ ގޮތް އޭނާގެ ހަނދާނުގައި ބިންވަޅުނެގިފައި ވަނީހެން ހީވެއެވެ. އެ ދެ ލޮލުން އަހަރެން ދުށީ ބޭގަރާރުކަމެވެ. އަހަރެން އޭނާއާ ދުރަށްދާން ނޭދޭ ފަދަ އަސަރެކެވެ. ނަމަވެސް އެފަދަ އެއްވެސް ބަހެއް އޭނާގެ ދުލުން ހާމައެއް ނުކުރެއެވެ. އޭނާގެ ލޮލުތެރޭ އަހަރެން ޤައިދުކުރާން ބޭނުންވާފަދަ ފުން ނަޒަރަކުން ބަލަން ހުރީއެވެ. ފޯނު ހިފައިގެން އޭނާއަށް ފުރަގަސްދީ އަހަރެން ހިނގައިގަތީމެވެ. އަދި ކޮޓަރިން ނުކުމެ ދޮރު ލައްޕާލުމުގެ ކުރީން ހޫދަށް ބަލާލީމެވެ. އޭނާ އަދިވެސް އިހު ހުރި ފަދައިން އަހަރެންނަށް ގެއްލިފައި ހުއްޓެވެ.
* * * * *
ރޭގަނޑު ދިހަގަޑި ބަޔަކީ އާންމުކޮށް ފައިސަލް އަހަރެން ބަލާ އަންނަ ގަޑިއެވެ. ރޭގަނޑު ކައިގެން ނުކުމެ އޭނާއަށް އަހަރެން ބަލާ އަންނަން މެސެޖު ކުރީމެވެ. ކާން އިނދެފައި އަހަރެން ގެސްޓްހައުސްއަށްކަން ނިދަން ދަނީ ބުނުމާއެކު ސީރަތުގެ އާންމު އުސޫލުން ހިތްހަމަނުޖެހިއްޖެއެވެ. ނަމަވެސް އަހަރެމެންނާއެކީ ހޫދު އިނީތީ އެހެން ފަހަރުތައްހެން މާކަންތައް ބޮޑެއް ނުކުރިއެވެ. އިތޫގެ ކޮޓަރިން އަހަރެން ތައްޔާރުވެލައިގެން ނުކުތީމެވެ. އަހަރެންނާއެކީ އިތޫ ވެސް ދޮރޯށި ކައިރިޔަށް ނުކުންނަން އައެވެ. އަހަރެމެން ދޮރުބުޑުގައި ތިބޭތާ އިރުކޮޅެއްގެ ތެރޭ މަގަށް އެޅި ކާރު ފެނިއްޖެއެވެ. އެހެންޏާ ވެސް ފައިސަލް ކަންތައްކުރާހެން ކާރު މަޑުކުރީ އިތޫމެން ގެއަށްވުރެ ތަންކޮޅެއް ފަހަތުގައެވެ.
"އަހަރެން ހުރީމަ ނައީ ދޯ." ކާރު މަޑުކުރި ހިސާބު ފެނި އިތޫ ބުނެލިއެވެ. އަހަރެން ހަމަޖައްސާލީ ހިނިގަނޑަކުންނެވެ.
"އާނަ ބުނީތީ ނޭނގޭކަމަށް ހަދައިގެން މިހުންނަނީ. މަށަށް ހުއްދަލިބޭ ހިސާބުން ފައިސަލްއާ ދިމާފަށެއް ކޮށްލާނަން." ހެވިފައި ހުރެ އިތޫ ބުންޏެވެ.
"ދަނީ އިނގޭ. މާދަން އިންޓަވިއު ދިޔަގޮތް ކިޔާދޭން ގުޅާތި." އަހަރެން ހިނގައިގަތުމުގެ ކުރީން ބުނީމެވެ.
"މާދަން ނާންނާނަންތަ؟." އިތޫ އަހާލިއެވެ.
"ހެނދުނު އިތޫ ވެސް ބިޒީވާނެއެއްނު. ހަވީރު އާދެވޭތޯ ބަލާނަން. ދެން ޔޫ ގުޅާ މާދަން. ގުޅީމަ އެނގޭނީ." އަހަރެން ބުނީމެވެ. އިތޫއަށް އަތް ހޫރާލާފައި ހެދުން ދަބަސް ހިފައިގެން ކާރާ ދިމާއަށް ހިނގައިގަނެފީމެވެ.
ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލުމުގެ ކުރީން ގުދުވެލައި ބިއްލޫރިގަނޑުން އެތެރެ އަހަރެން ބަލާލީމެވެ. ފައިސަލްގެ ޠަބީއަތް ހުރި ގޮތް ބަލާލަން ގަސްދުކޮށްގެންނެވެ. ޑްރައިވަރު ސީޓުގައި ކުރިޔަށް ނަޒަރު ހުއްޓާލައިގެން އޭނާ އިނެވެ. އެ މޫނުން އެއްވެސް އެއްޗެއް ދެނެގަތުން ފަސޭހައެއް ނުވިއެވެ. ފަހަތު ސީޓުމައްޗަށް ދަބަސް ލާފައި އަހަރެން ކުރިޔަށް އެރީމެވެ. ފައިސަލް އެއްވެސް އެއްޗެއް ނުބުނެ ކާރު ދުއްވާލީއެވެ.
"ހޫދުއާ ބައްދަލުކުރަންތަ އައީ؟." ކާރުގައި އިތޫމެން ގެއާ ދުރަށް އާދެވިފައިވަނިކޮށް ކުއްލިއަކަށް ފައިސަލް ސުވާލުކުރިއެވެ. އަހަރެންނަށް ލިބުނީ ސިހުމެކެވެ. ހައިރާންކަމާއެކު ފައިސަލްއަށް އަހަރެން ބަލާލީ ހޫދު އައިސް އުޅޭކަން އެނގުނު ގޮތަކާމެދުއެވެ.
"އޭނަ ކައިރީ މަޑުކުރަންވަގެން ދޯ ގެސްޓްހައުސްއަށް ނިދަން ނައީ." އަހަރެން އެއްޗެކޭ ނުބުނެ އިންދާ ދެން ވެސް ފައިސަލް ވާހަކަދެއްކިއެވެ. އެ އަޑުގައިވީ ނުރުހުން އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިކުރުވިއެވެ.
(ނުނިމޭ)