ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ގާސިމްގެ ދައުވަތަކަށް ރައީސް ވަހީދު މާމިގިލީގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ދައުވަތަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އދ. މާމިގިއްޔަށް ވަޑައިގެންފި އެވެ.

ރައީސް ވަހީދު މާމިގިއްޔަށް ވަޑައިގަތުމުން އެ ރަށު އެއާޕޯޓުން ރައީސް ވަހީދަށް މަރުހަބާ ދެންނެވީ ވެސް ގާސިމް އެވެ.

މާމިގިއްޔަށް ވަޑައިގަތުމުގެ ކުރިން ރައީސް ވަހީދާއި ގާސިމް އިބްރާހީމް މަޝްވަރާތަކެއް ކުރެއްވި ކަމަށް ޖޭޕީގެ ބައެއް އިސް ބޭފުޅުން ވިދާޅުވެފައިވެ އެވެ.

ރައީސް ވަހީދު މާމިގިއްޔަށް ވަޑައިގެންފައި މިވަނީ އިއްޔެގެ ވަގުތެއްގައި ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށްފަހު އެވެ.

ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ކަމެއް ކޮށްދިނުން ކަމަށެވެ. އެކަންކަން ކޮށްދިނުމަށް ބޭނުންވާ އަމާން، އިހުލާސްތެރި އަދި ތެދުވެރި މާހައުލު ޕީޕީއެމްގެ ތެރޭގައި އޮތް ކަމަކަށް ވަހީދު ގަބޫލެއް ނުކުރައްވަ އެވެ.

"އެހެންވެ ޕީޕީއެމުން ވަކިވާން ނިންމެވީ ވަރަށް ފުންކޮށް ވިސްނުމަށްފަހު،" ވަހީދު ވިދާޅުވި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް މާދަމާ ރޭ ގާސިމްގެ އުފަން ރަށުގައި ބާއްވާ ޖަލްސާގައި ރައީސް ވަހީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ނަމަވެސް ރައީސް ވަހީދުގެ އަދި މިކަމާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.