ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާއި ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ސޮއި ކުރައްވައިފި އެވެ.
ރައީސް ވަހީދާއި ޝައިނީ ޖޭޕީއަށް ސޮއި ކުރެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރަށް އދ. މާމިގިލީގައި މިރޭ ބޭއްވި ޖޭޕީގެ ޖަލްސާއެއްގަ އެވެ.
ރައީސް ވަހީދާއި ޑރ. ޝައިނީ އަދި ވަހީދުގެ ދަރިފުޅު ޖެފްރީ ވަހީދުގެ މެންބަޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ވެސް ގާސިމް އެވެ.
ރައީސް ވަހީދު ޖޭޕީއަށް ސޮއިކުރައްވާފައި މިވަނީ މިމަހުގެ 10 ވަނަ ދުވަހު ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށްފަހު އެވެ. ޑރ. ޝައިނީވެސް އެންމެ ފަހުން ހުންނެވީ ޕީޕީއެމް ގައެވެ.
ޕީޕީއެމް އިން ވަކިވެވަޑައިގެންނެވި މައިގަނޑު ސަބަބެއްގެ ގޮތުގައި ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނަށް ލިބިފައިވާ އިލްމާއި ތަޖުރިބާގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ކަމެއް ކޮށްދިނުން ކަމަށެވެ. އެކަންކަން ކޮށްދިނުމަށް ބޭނުންވާ އަމާން، އިހުލާސްތެރި އަދި ތެދުވެރި މާހައުލު ޕީޕީއެމްގެ ތެރޭގައި އޮތް ކަމަކަށް ވަހީދު ގަބޫލެއް ނުކުރައްވަ އެވެ.
"އެހެންވެ ޕީޕީއެމުން ވަކިވާން ނިންމެވީ ވަރަށް ފުންކޮށް ވިސްނުމަށްފަހު،" ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު މީގެ ކުރިން ވަނީ "ގައުމީ އިއްތިހާދު ޕާޓީ"ގެ ނަމުގައި އަމިއްލަފުޅަށް ޕާޓީއެއް ހައްދަވާފަ އެވެ. ނަމަވެސް ފަހުން އެ ޕާޓީ ވަނީ އުވާލާފަ އެވެ. ރައީސް ވަހީދު މީގެކުރިން ވަނީ އެމްޑީޕީގައިވެސް މަސައްކަތް ކުރައްވާފަ އެވެ.