ކެމްޕޭން ކުރާނަމަ ގާނޫނީ އިމުގެ ތެރެއިން އެކަން ކުރުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެދިވަޑައިގެންފި އެވެ.
މާރިޔާ މިކަމަށް ގޮވާލައްވާފައި މިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައެއް ރަށްރަށަށް ކުރައްވާ ކެމްޕޭން ދަތުރުފުޅާ ދިމާކޮށް އެ ރަށްތަކުގައި ތިބޭ އިދިކޮޅު ސަޕޯޓަރުން ރައީސް ދެކޮޅަށް އަޑުއުފުލައި ހަމަނުޖެހުން ހިންގުން އިތުރުވާން ފަށާފައި ވަނިކޮށެވެ.
ރައީސް ސޯލިހްގެ ކެމްޕޭން ތަރުޖަމާންގެ ހައިސިއްޔަތުން މާރިޔާ މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ހަމަނުޖެހުން ނުހިންގާ، ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފަ އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރެކޯޑު އަދަދަކަށް ކެންޑިޑޭޓުން ވާދަކުރައްވާތީ އެކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އެއީ ރާއްޖޭގައި އޮތް ޑިމޮކްރަސީ ވަރުގަދަކަން އަންގައިދޭ ކަމެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ އިންތިހާބުގައި ވާދަކުރާ ހުރިހާ ބޭފުޅުންނަށްވެސް ކެމްޕޭން ކުރަން ފުރުސަތު އޮންނާނެ ކަމަށެވެ. އެކަމަކު އެކަން ކުރަން ވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި ހަމަޖެހުން ނަގާލައިގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސްގެ ކެމްޕޭނަށް ބައެއް ރަށްރަށުން ހުރަސް އަޅާތީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އާއި ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވާލާފަ އެވެ. އެހެންނޫނީ އެގޮތަށް ހިންގާ ހަރަކާތްތައް ހުއްޓުވާނެ ކަމުގެ އިންޒާރުވެސް ދީފައިވެ އެވެ.