މުހައްމަދު ނާޒިމް

ރައްޔިތުން މުއްސަނދިކޮށް، އިގުތިސޯދީ އިންގިލާބެއް ގެންނާނަން: ނާޒިމު

މޯލްޑިވްސް ނެޝަނަލް ޕާޓީ -- އެމްއެންޕީގެ ވެރިކަމެއްގައި ރައްޔިތުން މުއްސަނދިކޮށް އިގުތިސޯދީ އިންގިލާބެއް ގެންނަވާނެ ކަމަށް އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ރ. ދުވާފަރުގައި ރޭ ބޭއްވި "އުޖާލާ ޒަމާން" ކެމްޕޭން ޖަލްސާގައި ނާޒިމު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވިއްޖެނަމަ ނިކަމެތިންނާއި ފަގީރުން މުއްސަނދިންނާ ހަމައަށް އައުމަށް މަސައްކަތްކޮށްދޭނެ ކަމަށެވެ.

އެގޮތުން އެމްއެންޕީގެ ވެރިކަމެއްގައި ދުވާފަރު ހިމެނޭ ސަރަހައްދަށް ގެންނަ އިންވެސްޓްމެންޓް ބޭންކުން އެކި ކަންކަމަށް ލޯނު ބޭނުންވާ މީހުންނަށް އެކަން ހަމަޖެހިގެންދާނެ ކަމަށް ނާޒިމު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްއެންޕީގެ ސަރުކާރެއްގައި އާންމުން ގެދޮރު ހެދުމަށް ސަރުކާރުން ގެރެންޓީ ދޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި އެވެ.

"އަޅުގަނޑުގެ ވިސްނުމަކީ ގެދޮރު ހަދަން ބޭނުންވާ މީހުންނަށް ސަރުކާރުން ދޭނަމޭ ސޮވެރިން ގެރެންޓީ،" ނާޒިމު ވިދާޅުވި އެވެ.

ލޯނު ނަގައިގެން ބޭރަށް ކިޔަވަންދާ ކުދިންގެ ލޯނުތައް މާފުކޮށްދީ ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔެވޭނެ ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.