ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޑްރަގު މައްސަލަ ހައްލުކުރަން ޕްލޭނެއް އެބައޮތް: ރައީސް

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ޕްލޭނެއް އެބައޮތް ކަމަށާއި އެ މައްސަލައަށް ހައްލު ގެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް ނ. އަތޮޅަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު މާފަރު މަގުން އެންމެ ފުރަތަމަ ވަޑައިގަތީ ނ. މާޅެންދޫ އަށެވެ.

މާޅެންދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ އަކީ މުޅި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު ވަބާ ކަމަށެވެ.

މާޅެންދޫއަށް ވެސް މަސްތުވާތަކެތީގެ މައްސަލަ ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ފުޅާކޮށް މިވިޔަފާރި ހިނގަމުންދާ ކަމަށާއި މިކަމުގައި ކުޑަކުދިން ބޭނުންކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ވެރިކަމުގައި ހުރުމަށް އެމަނިކުފާނުގެ ސިޔާސީ އަމިއްލަ އެދުމެއް ނެތް ކަން ފާހަގަކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރެވިއްޖެނަމަ ހަމައެކަނި މަގުސަދަކަށް ވާނީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުން ކަމަށެވެ.

"ދެން އަންނަ ދައުރެއްގައި އަޅުގަނޑުގެ ސިޔާސީ އެއްވެސް މަގުސަދެއް ނޯންނާނެ. ދެވަނަ ދައުރު ނިމޭއިރު ރާއްޖެ ބަދަލުވާ މަންޒަރު ތިބޭފުޅުންނަށ ފެންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޓޫރިޒަމްގެ ދައިރާއަށް އުއްމީދު ކުރާވަރަށް ވުރެ ބޮޑު ތަރައްގީއެއް އަންނާނެ ކަަމަށެވެ. އަދި ޓޫރިޒަމް ދާއިރާ ކުރިއަރުވާ ތަރައްގީކުރުމުގައި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމުގެ ހިއްސާ ވަރަށް ބޮޑުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކެމްޕޭން ހިންގަން އެއްވެސް ހުރަހެއް އެއްވެސް ފަރާތަކަށް އޮތްނަމަ އެކަމެއް އެމަނިކުފާނާ ހިއްސާކުރުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ. ރައީސްގެ ކެމްޕޭން ޓީމު އޮތީ ކެމްޕޭނަށް ފުރިހަމައަށް ތައްޔާރަށް ކަމަށާއި އެގޮތުން މާދަމާ ރޭ އިތުރު ސިޔާސަތު ތަކެއް ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ މީގެކުރީގެ ސަރުކާރުތައް ކަންކުރަމުން ދިޔައީ މުޅިން ތަފާތު ގޮތަކަށް ކަމަށެވެ. ހާއްސަކޮށް 2013 އިން 2018 އާއި ހަމައަށް އޮތް ސަރުކާރުން، އެ ސަރުކާރާ ދެކޮޅަށް ހިޔާލުފާޅު ކުރި ކޮންމެ މީހަކު ޖަލަށްލި ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވަނީ ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ މާޅެންދޫއަށް ކޮށްދެއްވާނެ ބައެއް ކަންކަން ވެސް ހާމަކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ މާޅެންދޫގެ ސިއްހީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ހަައިދޭނެ ކަމަށާއި، އެތަނުގައި ލެބޯޓަރީ އެއްވެސް ގާއިމު ކޮށްދެއްވާނެ ކަމަށެވެ. ހަމަ އެހެންމެ މާޅެންދޫގައި އިތުރު ބަނދަރެއް އަޅައި، ޒުވާނުން ބޭނުންވާ ފަދަ ވޮލީ ކޯޓެއް އަޅައިދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.