ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ ވިންދު އެނގޭ ތަޖުރިބާ ހުރި މީހުން ތިބީ އަޅުގަނޑާ އެކު: ރައީސް

ސިޔާސީ ގޮތުން އެންމެ ތަޖުރިބާކާރު ބޭފުޅުންނާއި ރައްޔިތުންގެ ވިންދު އެންމެ ރަނގަޅަށް އެނގޭ ބޭފުޅުން ތިއްބެވީ އެމަނިކުފާނުގެ ކޯލިޝަންގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ނ. ކުޑަފަރީގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންގެ ވިންދު އެންމެ ރަނގަޅަށް އެނގޭނީ އެމްޑީޕީ، އެމްޑީއޭ އަދި އަދާލަތުގެ ކޯލިޝަންގައި ތިއްބެވި ބޭފުޅުންނަށް ކަމަށެވެ. އެގޮތުން ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިހާބާއި ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި ރަނިންމޭޓް މުހައްމަދު އަސްލަމާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދަކީ ރައްޔިތުންގެ މަޖިލީހުގެ ހަތަރު އިންތިހާބު ކާމިޔާބު ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

"އަސްލަމާއި ސިޔާމު އަދި އަޅުގަނޑުމެން މިއިންތިހާބުތައް ކާމިޔާބުކުރީ ރައްޔިތުންގެ ގާތަށް ގޮސް ރައްޔިތުންނާ ވާހަކަދައްކައިގެން ރައްޔިތުން ބެނުންވާ ކަންކަން އޮޅުން ފިލުވައިގެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނާއި ސިޔާމާއި އަދި އަދާލަތު ޕާޓީގެ ވެސް ހަމައެކަނި ބޭނުމަކީ ރައްޔިތުންނަށް ހިދުމަތް ކުރުން ކަމަށެވެ. ސިޔާމަކީ "ފުދިފައި ހުންނެވި ބޭފުޅެއް" ކަމަށް ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސިޔާމު ބޭނުންވާ ރަށެއް ފަޅެއް ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ސަރުކާރެއްގައި ކަންކަން ކުރަނީ ސިޔާސަތުތަކެއް ޕްލޭންތަކެއް އަދި ދިރާސާތަކެއް ވެސް ހެދިގެން ކަމަށެވެ. އެގޮތުން ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލުމުގެ ކުރިންވެސް ދިރާސާއެއް ހެދި ކަމަށާއި އެ ދިރާސާގައި ފެނުނު އަދަދާ އެއްވަރުގެ އަދަދަކަށް މީހުން ފޯމުވެސް ހުށަހެޅި ކަމަށެވެ.

ރައީސް މިއަދުވެސް ދެއްވި ޔަގީންކަމަކީ ފްލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް އެމަނިކުފާނުގެ ރިޔާސީ ދެވަނަ ދައުރެއްގައި ފްލެޓް ދޭނެ ކަމުގެ ޔަގީންކަމެވެ. މާލެއިން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް އަންނަ އަންގާރަ ދުވަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށްވެސް ރައީސް މިއަދު ވަނީ އިއުލާންކުރައްވާފަ އެވެ.

ކުޑަފަރީއާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ކުޑަފަރީ އަކީ އިޖުތިމާއީ ރޫހު ވަރުގަދަ ރަށެއް ކަމަށާއި، ރަށުގެ ތަރައްގީއަށްޓަކައި އަބަދުވެސް މަސައްކަތް ކުރާ ރައްޔިތަކު ދިރިއުޅޭ ރަށެއް ކަމަށެވެ. އަދި ކުޑަފަރީއަށް ވަޑައިގެންނެވޭ ކޮންމެ ފަހަރަކު އިހްސާސް ވަނީ އަމިއްލަ ރަށަށް ވަޑައިގަތުމުން އިހްސާސްވާ ފަދަ އުފަލެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ވަކިން ބޮޑަށް ސިޔާމް އާއި އެކު މިރަށަށް އާދެވުމުން އިތުރު ފުރިހަމަ ކަމެއް ލިބިއްޖެ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ކުޑަފަރިއަށް ބައެއް ކަންކަން ކޮށްދިނުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އެގޮތުން ކުޑަފަރީގެ ސިއްހީ މަރުކަޒު 16 ގަޑި އިރަށް ހިދުމަތްދޭ ތަނަކަށް ބަދަލްކޮށް އައު އިމާރާތް އެޅުމާއި އެކު 24 ގަޑި އިރުގެ ހިދުމަތް ލިބޭނެ ތަނަކަށް ހަދައިދިނުމަށާއި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ދެ ހަފްތާގެ ތެރޭގައި ފަށާ ދެއްވާނެ ކަމަށްވެސް ވައުދުވެވަޑައިގެންނެވި އެވެ. ކުޑަފަރީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ރޯހައުސް އަަޅައިދިނުމަށާއި، އަމިއްލަ ގޯތި އަޅަން ބޭނުންވާ މީހުންނަށް ހަ ޕަސަންޓަށް ކުޑ އިންޓްރެސްޓް ރޭޓުގައި އަދި 10 ޕަސަންޓް އިކުއިޓީ އާއި އެކު ލޯން ދޫކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން ކުޑަފަރީ ސްކޫލްގައި ސައިންސް ލެބޯޓަރީއެއް ހަދައިދީ، އެރަށުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްދީ، އޭޓީއެމް އެއް ބަހައްޓައިދިނުމަށްވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ. އަދި ކުޑަފަރި ބަނދަރު ތަރައްގީކުރާއިރު އެރަށުގެ ހިތްގައިމު ސާފިން ޕޮއިންޓް ހިމާޔަތް ކުރާނެ ކަމަށާއި، ރަށުގެ ޕަވާ ހައުސް މި މަހުގެ 18 ވަނަ ދުވަހު ބަޔަކާ ހަވާލުކޮށްގެން މަސައްކަތް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.