މޯލްޑިވްސް ނޭޝަނަލް ޕާޓީ

މިއަރުގެ މަސްވެރިކަން ކުރަން ހުއްދަ ދޭނަން: ނާޒިމު

ވެރިކަން ލިބިވަޑައިގެންފިނަމަ ލޭނުގެ މަސްވެރިކަމާއި މިއަރުގެ މަސްވެރިކަން ކުރުމަށް ހުޅުވާލާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ ނ. ރ. އަދި ބ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ކެމްޕޭނު ދަތުރު ނިންމަވާލެއްވުމަށްފަހު މިއަދު މާލެވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.

ނާޒިމު ވިދާޅުވީ އޭނާ ވަޑައިގެންނެވި ރަށްތަކުގެ މަސްވެރިން ބޭނުންވާ ވަރަށް މުހިއްމު ކަންތައްތަކެއް ނުވެ އެބަހުރި ކަމަށެވެ. އޭގެތެރެއިން ބައެއް ކަންމަކީ އޭނާގެ މެނިފެސްޓޯގައިވެސް ހިމެނޭ ކަންތައްތަކެއް ކަމުގައި ވިދާޅުވި އެވެ. އެގޮތުން މަސްވެރިން މިއަދު އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ލޭނު މަސްވެރިކަމާއި މިޔަރު ބޭނޭ ގޮތަށް މަސްވެރިކަން ހުޅުވާލުން ކަމުގައިވެސް ވިދާޅުވި އެވެ.

"ލޭނު މަސްވެރިކަމާއި މިއަރުގެ މަސްވެރިކަން އެއީ މަސްވެރިން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އަހަރެމެންގެ ސަރުކާރެއްގައި އެކަންކުރާނަން. މަސްވެރިންނަށް ހައްގު މިންވަރަކީ ދޮށި ހިފައިގެން ގޮސް މަސްބާނާލަ ބާނާލާ ތިބުމެއް ނޫން،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސްވެރިންނަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހަދައިދޭން ޖެހޭ ކަމަށެވެ. އެގޮތުން ލޭނުގެ މަސްވެރިކަމާއި މިޔަރުގެ މަސްވެރިކަން ކުރެވޭނެ ވަކި ސަރަހައްދުތަކެއް ކަޑައެޅުމަށްފަހު ކޮންމެ އަހަރަކުވެސް ވަކި ދުވަސްވަރެއްގައި އެފަދަ މަސްވެރިކަން ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ލޭނު މަސްވެރިކަމަށް ނުކުންނާނެ. އޭގެއިން ރައްޔިތުންނަށް ނަފާއާއި ފައިދާ ލިބޭނެ،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ލޭނުގެ މަސްވެރިކަމާއި މިޔަރުގެ މަސްވެރިކަން ކުރެވޭ ގޮތް ހެދުމުން މަސްވެރިންނަށް ބޮޑު ފައިދާއެއް ލިބޭ މަންޒަރު ފެންނަ ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ ހުވަފެން ހަގީގަތަކަށް ހަދާނެ ކަމަށެވެ.

"ރައްޔިތުން ބޭނުންވަނީ ތަނަވަސް ކަމުގައި ދިރިއުޅެން. މިއީ 21 ވަނަ ގަރުނުގައި އަހަރެމެން މިތިބީ،" އޭނާ ވިދާޅުވި އެވެ.

ނާޒިމު ދަރަވަންދޫއަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގެ ތަޖުރިބާ ހިއްސާކުރައްވަމުން އޭނާ ވިދާޅުވީ ދަތުރުކުރެއްވި ފްލައިޓް ދަރަވަންދޫގައި ޖެއްސުމާ އެކު ފެނުނީ ނިކަމެތި މަންޒަރެއް ކަމަށެވެ. ދަރަވަންދޫ އަކީ އެންމެ ބާރު ބޮޑު ޑޮމެސްޓިކް އެއާޕޯޓަށް ވެފައި އެރަށުގެ ވަށައިގެން މުޅިންވެސް ހުރީ ރިސޯޓްތައް ކަމަށްވީ ނަމަވެސް އެއާޕޯޓުގައި ލަގެޖު އުފުލަނީ ގާޑިއާގައި ކަމަށް ނާޒިމު ވަނީ ފާހަގަކުރައްވާފަ އެވެ.

"މިއިތޯ އަޅުގަޑުމެން މިއަދު ތިބެންވީ ފެންވަރަކީ،" ދަރަވަންދޫގެ އެއާޕޯޓުގައި ފެންވަރު ދަށް ކަން ސިފަކުރައްވާ ނާޒިމް ވިދާޅުވި އެވެ.

"ފައިސްޓާ ސިކްސްޓާ ފެންވަރުގެ ރިސޯޓުން ފުރައިގެންދާއިރު މީހުން ގެންގޮސް ގަދައަވީގައި މަޑުކޮށްލައިގެން ތިބުމަކީ މިއަދު ގަބޫލުކުރާ ކަމެއް ނޫން،" ނާޒިމު އިތުރަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފިނަމަ ދަރަވަންދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރާނެ ކަމަށެވެ. ކެމްޕޭނު ދަތުރުގައި ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން ރ. މަޑުއްވަރީގެ ސިއްހީ ހާލަތު އަދިވެސް ހުރީ މީގެ 10 އަހަރު ކުރިން އެރަށަށް ކުރެއްވި ދަތުރެއްގައި ހުރި ގޮތަށް އެހާލަތުގައި ކަމަށްވެސް ވިދާޅުވި އެވެ.

"ރައްޔިތުން ދަސްކޮށް ރައްޔިތުންގެ އިހްސާސްތައް [އަޅުގަނޑު] ދެނެގަނެފިން،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމުގެ ކެމްޕޭންގައި މ. ފ. ދ. ތ. ލ. ޏ އަދި ސ އަތޮޅަށް ކުރައްވާ ދަތުރެއްގައި މާދަމާ ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެެވެ.