ވާހަކަ

ގަހަނާ ފޮށި

( 12 އޯގަސްޓް 2023 އާ ގުޅޭ )

"ހޫދުއާ ބައްދަލުކުރަންތަ އައީ؟." ކާރުގައި އިތޫމެން ގެއާ ދުރަށް އާދެވިފައިވަނިކޮށް ކުއްލިއަކަށް ފައިސަލް ސުވާލުކުރިއެވެ. އަހަރެންނަށް ލިބުނީ ސިހުމެކެވެ. ހައިރާންކަމާއެކު ފައިސަލްއަށް އަހަރެން ބަލާލީ ހޫދު އައިސް އުޅޭކަން އެނގުނު ގޮތަކާމެދުއެވެ.

"އޭނަ ކައިރީ މަޑުކުރަންވަގެން ދޯ ގެސްޓްހައުސްއަށް ނިދަން ނައީ." އަހަރެން އެއްޗެކޭ ނުބުނެ އިންދާ ދެން ވެސް ފައިސަލް ވާހަކަދެއްކިއެވެ. އެ އަޑުގައިވީ ނުރުހުން އަހަރެންގެ ހިތަށް ބިރުވެރިކަން ވެރިކުރުވިއެވެ.

"ބުނާނެ އެއްޗެއް ނެތީތަ؟." އަހަރެން އެއްޗެއް ނުބުނީތީ ފައިސަލްގެ އަޑު ބާރުވެލިއެވެ.

"ކީކޭ ބުނަންވީ. އެހެންނޫނަސް މިވަގުތު އަހަރެން ބުނާ އެއްޗެއް ޤަބޫލުކުރެވިދާނެތަ... ފައިސަލް ތިއިނީ އަމިއްލައަށް ގޮތް ނިންމައިގެން. އެހެންވެ ތިކަހަލަ އެއްޗެއް ބުނާނީ." އަހަރެން ވާހަކަދެއްކީ މަޑުމައިތިރިކަމާއެކީއެވެ. ފައިސަލް އެހާ ނުރުހިފައި އިން ވަގުތެއްގައި އަހަރެން ރުޅިއައުން ރަނގަޅުނުވާނޭކަން ވިސްނޭތީއެވެ. ދެ ބުމަ ގުޅުވާލައިގެން އިން ފައިސަލްގެ ކަތުރުކަށިގަނޑަށް ވާންވެލިތަން އަހަރެން ދުށީމެވެ.

"އިތޫމެން ގޭ ކައިރިޔަށް ފައިސަލް އައީތަ؟. އެހިސާބަށް އައީ ވިއްޔާ ކީއްވެ އަހަރެންނަށް ނުގުޅީ." އަހަރެން ބުނީމެވެ.

"އާނަ އަހަރެންނަށް ގުޅިންތަ؟." ފައިސަލް ނިކަން އަވަހަށް ބުނެލިއެވެ.

"ގުޅިޔަސް ފޯނު ނަގަންތަ؟. ގައިމު ވެސް އަހަރެން މެސެޖު ކުރީން. ފައިސަލް ޖަވާބެއް ނުދޭ. އަހަރެން އިތޫމެން ގޭގައި ހުރީ ވިއްޔާ ފައިސަލް އަޅައެއްނުލާ. މިސްވެގެން ތި އަޑު އަހާލާ ހިތުން ގުޅާ މެސެޖު ކުރި ނަމަވެސް ފައިސަލް ރައްދެއްނުދޭ. އަހަރެން އެކަން އެކްސެޕްޓްކޮށްފިން. އެހެންވެ ނުގުޅީ... އެކަމަކު އަޕްޑޭޓް ދޭން އަހަރެން މެސެޖު ކުރީން. އެވަރުން ވެސް ފައިސަލް ތި ނިންމީ އަހަރެން އެ ގޭގައި މަޑުކުރީ އިތޫގެ ބޭބެއަށް ޓަކައޭ... އަހަންނަކީ ފެންނަހާ ފިރިހެނެއްގެ ފަހަތުން ދުވާ މީހެއް ކަމައްތަ ފައިސަލް ހީކުރީ. ތިކަހަލަ އެއްޗެހި ބުނީމަ އަހަރެން ވެސް ދެރަވޭ." އަހަރެން ތުންފިއްތާލީމެވެ. މޫނު އަނބުރާލައި ކާރުގެ ދޮރުފަތުގެ ބިއްލޫރިގަނޑުން ބޭރު ބަލަން ފެށީމެވެ.

ގެސްޓްހައުސްއާ ހަމައަށް އާދެވުނުއިރު ވެސް އަހަރެންނާ ފައިސަލް ވާހަކަ ނުދައްކާތީ އަހަރެން ވެސް އިނީ އަނގައިން ނުބުނާށެވެ. ކާރު މަޑުކޮށްލުމުން ފައިސަލްއަށް ބަލާލުމެއްނެތި އަހަރެން ފޭބީމެވެ. ފަހަތު ސީޓުމަތީ ބޭއްވި ހެދުން ދަބަސް ނަގައިގެން ގެސްޓްހައުސްގެ އިމާރާތުގެ ތެރެއަށް ވަންނަން ހިނގައިގަތީމެވެ. ހަރުކޮށް ހިނގާފައި އަހަރެން އައީ ތަންކޮޅެއް ބާރަށެވެ. ފައިސަލްއަށްވުރެ ކުރީން ވަދެގެން ދާން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަރެންނަށް ކޮޓަރިއާ ހަމައަށް ނުފޯރަނީސް ފައިސަލް ދުވެފައި އައިސް އަހަރެން ހުއްޓުވައިފިއެވެ. އެއީ އަހަރެންނަށް ލިބުނު ކުރިއެރުމެއްކަމުގައި ހިތާއި ޟަމީރު އެއްބަސްވިއެވެ.

"ސޮރީ..." އަހަރެންގެ ގައިގާ ބައްދާލަމުން ފައިސަލް ބުނެލީ ސިއްރުންނެވެ. ދުރަށް ޖެހެން ބޭނުންނުވެފައި ހުރިހެން އަހަރެންގެ ގައިން ދޫކޮށްނުލާ ފައިސަލް ހުއްޓެވެ.

"ކީއްވެ އެކަހަލަ އެއްޗެއް ބުނީ... އެކަހަލަ ޚިޔާލެއް ތި ސިކުނޑިއަށް ވަންނަން ޖެހުނީ ކިހިނެއް؟. ހޫދުއާ ފައިސަލް ދިމާވީތަ؟. އޭނާ އެކަހަލަ ދޮގު ވާހަކައެއް ދެއްކީތަ؟." އަހަރެން ދެރަވެފައިކަން ހުރީ ބުނެދޭން މަސައްކަތް ކުރީމެވެ. ފައިސަލްގެ ހިތުގައިވީ ވަހުމް ކުޑަކުރުމަށެވެ.

"ހަވީރު އޭނަ ފެނުނީ... އާނަ އެނބުރި އަންނާނޭ ދުވަހެއް ނުބުނާތީ އަހަރެން ހާސްވީ. ގޯސް ޚިޔާލުތައް ބޮލަށް ވަދެގަތީ. އެރޭ ތި ދެ މީހުން އެކީ ގެސްޓްހައުސްއަށް ވަދެގެން އައިއިރު... އަހަރެންނަށް ކޮންމެވެސް ވަރަކަށް ފެނުނު އޭނާ އުޅުނު ގޮތް. އޭނާ އާނައަށް ބަލާގޮތް އަހަރެންނަށް ކަމުނުދަނީ." ފައިސަލް މަޑުމަޑުން ވާހަކަދެއްކިއެވެ. އަހަރެން އޭނާއާ ދުރަށް ޖެހިލީމެވެ. އަދި ފައިސަލްގެ މޫނަށް ބަލާލީމެވެ. އަހަރެމެންގެ ނަޒަރު ސީދާވެލިއެވެ.

"ޓްރަސްޓް މީ... އަހަރެންނަކީ ފައިސަލްގެ މީހެއް. އަހަރެން ލޯބިވަނީ... ހަމައެކަނި ފައިސަލްދެކެ. އިތޫ ކައިރިޔަށް އަހަރެންނަށް ނުގޮހެއް ނުހުރެވޭނެ. އޭނާގެ ކައިވެނި އަންނަ ހަފްތާގައި ކުރެވޭނެ. އެހާތަނަށް ކެތްކޮށްލާ... ކުރީން ވެސް އަހަރެން ބުނިހެން އިތޫ މެރީ ކުރީމަ އަހަރެމެން އެކުގައި ހޭދަކުރާނޭ ވަގުތު ލިބޭނެ. އަލަތު ދެމަފިރިންނަށް އުނދަގޫކުރަން އެގެއަށް ދިއުން ރަނގަޅެއް ނުވާނެތާ." ނިކަން ރީތިކޮށް އަހަރެން ވާހަކަ ހަމަޖައްސާލީމެވެ.

އަހަރެންނާއެކީ ފައިސަލް ވެސް ކޮޓަރިއަށް ވަނެވެ. އިތޫގެ ކައިވެންޏަށް އަހަރެން ލާން ފެއްސި ހެދުން ފައިސަލްއަށް ދެއްކީމެވެ. އޭނާ ހެދުމަށް ތައުރީފުކުރިއެވެ. ފައިސަލް ބުނާ އެއްޗެއް ބަލާލަން އަހަރެންނާއެކީ އިތޫގެ ކައިވެނި ޙަފުލާގައި ބައިވެރިވާން އެދުނީމެވެ.

"ސޮރީ ލަވް... އެނގެއެއްނު އަހަރެންގެ ގޮތް. އެތާ އަހަރެން ދަންނަ މީހަކު ނުހުންނާނެ. އެހެންނޫނަސް އާނަ ފްރެންޑުގެ ވާންއުޅޭ ފިރިސޮރާ ބޮޑަށް ގުޅުން އޮންނަނީ ފަޒީލުއާ. ނޫންތަ؟... އޭނަ އަތުވެއްޖެ މިކޮޅަށް. އާނައަށް ނުގުޅާތަ؟." ވާހަކައިގެ ތެރެއިން ފައިސަލް ސުވާލުކޮށްލިއެވެ. ދޮގު ހެދުން ބުއްދިވެރިއެއް ނުވާނޭކަން އަހަރެންގެ ޟަމީރު ވަގުތުން ބުނެލިއެވެ. ފަޒީލަކީ ފައިސަލްގެ ކޮއްކޮއަށް ވާއިރު އެ ދެމެދުގައި އަހަރެންގެ ވާހަކަ ނުދެކެވޭކަމުގެ ޔަގީންކަމެއް ނެތެވެ.

"ގުޅި... އިއްޔެ ކޮފީއަކަށް އެރީން އޭނައާއެކީ." އަހަރެން ބުނީމެވެ.

ފައިސަލް މޫނުން ތަފާތު އަސަރެއް ފާޅެއް ނުވިއެވެ. އޭނާ އިތުރު ސުވާލެއް ވެސް ނުކުރިއެވެ. އަހަރެން ގައިދޮވެލައިގެން ނުކުމެ ނިދަން އޮށޯންނާނީކަން ބުނެލީ ފައިސަލް ކޮޓަރިން ފޮނުވާލާށެވެ.

"ހާދަ އަވަހަށް ނިދަން ތިއުޅެނީ. އަހަރެންނަށް ޓައިމްކޮޅެއް ނުދޭނަންތަ؟. ކޮފީއެއް ބޯލައިގެން ފިލްމެއް ބަލާލަން މަޑުކޮށްލަންވީނު." ފައިސަލް ނިކަން އަވަހަށް ބުންޏެވެ.

"އާނއެކޭ ބުނޭ." ކުއްލިއަކަށް އަހަރެންނަށް އިވުނީ ޝިފާލީގެ ސިފައިގައި ހުންނަ މަހުލޫޤުގެ އަޑެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނާ އަހަރެންގެ ލޮލަކަށް ނުފެނުނެވެ. ނަމަވެސް އޭނާ ވާހަކަ އެ ދެއްކީ ކޮޓަރިތެރޭ ހުރެފައިކަން އެނގެއެވެ. އަހަރެން ޖެހިލުންވިއެވެ. ފައިސަލް ގެންނަ ކޮފީ ބޯށެވެ. އަހަރެންގެ ކުރިމަތީ ތައްޔާރުކުރާ ކޮފީތަށްޓެއް ނޫނީ ބޯކަށް ނުކެރޭނެއެވެ.

"މި ނުކުންނަނީ. ދެ މީހުން އެކީ ތިރިޔަށް ދާނީ." އަހަރެން ބުނީމެވެ.

އަހަރެން ފާޚާނާއަށް ވަންނަން ޖެހިލުންވިއެވެ. އަހަރެން ފާޚާނާއަށް ވަންނަތަނާ ފައިސަލް އަހަރެންގެ ދަބަސް ބަލާފާނެތީ ކަންބޮޑުވަނީއެވެ. އަނެއްކޮޅުން ދަބަސް ހިފައިގެން ފާޚާނާއަށް ވަދެއްޖެނަމަ ކަމަކަށް ޝައްކުކޮށްފާނެއެވެ. ހޫދުއާ މެދު ފައިސަލް އެހާ ބޮޑު ޝައްކެއް އެ ކުރަނީ ފޯނުގައި ހުރި މެސެޖުތައް ބެލީތީކަން އަހަރެންނަށް ޔަގީނެވެ.

"ކީއްވެފަ ތިހުންނަނީ." ފާޚާނާއަށް ނުވަދެ އަހަރެން ހުންނަން ފެށުމުން ފައިސަލް ބުންޏެވެ.

"އަހަރެން ރެޑީވެލައިގެން ތިރިއަށް ދާނަން. ފައިސަލް ދާންވީނު." އަހަރެން ބުނީމެވެ. އެއާއެކު ފައިސަލް ޖަހާލީ ހިނިގަނޑެކެވެ.

"އަހަރެން އިނީމަ ލަދުންތަ؟." ހިނިއައިސްފައި އިނދެ އޭނާ އަހާލިއެވެ.

"ދެން ފައިސަލް." ރަކިވެގެން އުޅޭ ފަދައިން އަކުރުތަކަށް ދަމާލަފައި އަހަރެން ބުނެލީމެވެ.

ނަސީބަކުން އޭނާ ކޮޓަރިން ނުކުތެވެ. އަހަރެން ފާޚާނާގައި އުޅުނީ ދޮރު ހުޅުވައިގެންނެވެ. ފައިސަލް ކޮޓަރިއަށް ވަދެއްޖެނަމަ އަހަރެންނަށް ހިލަންވާނޭތީއެވެ. އަހަރެން ފާޚާނާއިން ނުކުތްއިރު ވެސް ކޮޓަރި އޮތީ ހުސްކޮށެވެ. ތައްޔާރުވެލައިގެން އައިސް އަހަރެން އިށީނީ ބެލްކަންޏަށް ނުކުމެވެން ހުރި ފަރާތުން އެނދު އަރިމަތީގައެވެ. އަތްދަބަހުން އަހަރެންގެ ފޯނު ނަގައި ކަބަޑުގެ ވަތްގަނޑު ތެރެއަށް ލީމެވެ. އަދި ހޫދު ފުރަތަމަ ދިން ފޯނު ގެނެސް އަލަމާރިތެރެއަށް ލީ ކޮޓަރީގައި ހުރި ކެމެރާއަށް އެ މަންޒަރު އަރާނޭ ގޮތަކަށެވެ. އެ ފޯނު ހިފައިގެންކަން އަހަރެން ދިޔައީ ފައިސަލްއަށް މިހާރު އޮންނާނީ އެނގިފައިކަން އެނގެއެވެ. އޭނާ ކޮޓަރީގެ ކެމެރާތަކުގައިވާ ރިކޯޑިންގެ އިތުރުން އަލަމާރި ވެސް ބަލާނޭކަން ޔަގީންވާތީއެވެ. ދެން އޮތް ފޯނު ފޮރުވަން ހަދާނޭ ގޮތެއް އަހަރެންގެ ވިސްނުމަކަށް ނައެވެ. ހިފައިގެން އުޅެނިކޮށް ފައިސަލްއަށް ފެނިދާނެއެވެ. ކޮޓަރީގައި ރައްކާކޮށްފިނަމަ ފައިސަލްއަށް ނުފެނި ހިނގައިދާނެބާއެވެ. އެ ހާސްކަމުގައި އަހަރެން އައިސް އަނެއްކާ ވެސް އެނދުގައި އިށީނީއެވެ. ބެލްކަންޏާ ދިމާއަށް ކުރިމަތިލައިގެން އަހަރެން އެނދުގައި އިނީ، އެހެން އިންނައިރު ކެމެރާއަށް އަހަރެން އެރި ނަމަވެސް ފެންނާނީ އަހަރެންގެ ފުރަގަސް އެކަނިވީމައެވެ. އެގޮތަށް އިނދެ ހޫދަށް އަހަރެން މެސެޖުކޮށްލީމެވެ. ގެސްޓްހައުސްއަށް ދެވުނީމާ އޭނާއަށް މެސެޖަކުން ވިޔަސް އަންގާލައްޗޭ ބުނީމައެވެ.

ފޯނު އަތަށް ލައިގެން އިސްޖެހިފައި އަހަރެން އިނީ ވިސްނާށެވެ. އެހެން އިންދާ އެނދާއި ފާރާ ދޭތެރޭ އޮތް ހުސްޖާގަ ފެނި ޚިޔާލެއް ބޮލުތެރެއަށް ވަނެވެ. އެދިމާ އެނދު ކައިރިއަށް ތިރިވެ ރަގުމަތީ އިށީނދެ އެނދުގެ އަރިމަތީގައި ބޯ ޖައްސާލައިގެން އިނދެ އެނދުމައްޗަށް ވާހެން އިސްތަށިގަނޑު ފަތުރާލީމެވެ. އަދި މައްޗަށް ބަލަން ބަލަންފެށީ އަހަރެން ކަމެއް ކުރާކަން ނޭންގުމަށެވެ. އެހެންއިނދެގެން ނިކަން ސިއްރުން ހަރަކާތެއްކުރާކަން ފާހަގަނުވާނޭހެން އެނދާއި ފާރާ ދޭތެރެއަށް ފޯނު ކޮށްޕާލީމެވެ. އަހަރެންގެ އަތުޖެހޭނެ ހިސާބަށެވެ. އިރުކޮޅަކު އެހެން އިނދެފައި ތެދުވެގެން ކޮޓަރިން ނުކުމެއްޖައީމެވެ.

ކޮފީބޮއެ ނިމުމުން ސޯފާގެ ދިގަގަށް ފައިސަލް ހަމަޖެހިލިގޮތަށް އޭނާގެ އަތުގެތެރެއަށް އަހަރެންގެ ގެނެސް އުނގަށް ލައިފިއެވެ. ބަލަން ތިބި ލޯބީގެ އިނގިރޭސި ފިލްމު ނިމެންދެން އަހަރެންނަށް ޖެހުނީ އެހެން އިންނާށެވެ. ފައިސަލްގެ ކުދިކުދި ބީހުންތައް އިޙްސާސް ކުރެވުމުން އަހަރެންނަށް އުނދަގޫވެއެވެ. އެހެންނަމަވެސް އޭނާއާއެކު ފެށިފައި އޮތް ގުޅުންވަނީ ހުރިހާ އިމެއް ހުރަސްކޮށްފައެވެ. ނޫނެކޭ ބުނަން މާބޮޑަށް ވެސް ލަސްވެއްޖެއެވެ. ކުރީން އަހަރެން ވެސް ގަޔާވިއެވެ. ނަމަވެސް ޖެހިލުންވެ ގަންނަ ބިރެއްގެ ސަބަބުން ފައިސަލްއާމެދު ހިތުގައި އުފެދުނު ޖަޒުބާތުތައް މުޅީން ބަދަލުވެއްޖެއެވެ.

"ރޫމަށް ދަމާ." އަހަރެންގެ ކަންފަތްދޮށުގައި ފައިސަލް ބުންޏެވެ. އޭނާ ތެދުވަމުން އަހަރެން ވެސް ނެގިއެވެ. ހިތާދެކޮޅަށް ފައިސަލްއާއެކީ ކޮޓަރިއަށް އައީއެވެ.

"މިރޭ އާނަ ކައިރީ އޮންނާނީ." އެނދުމައްޗަށް އަހަރެން ވައްޓާލައި ކައިރިޔަށް އަރަމުން ފައިސަލް ބުންޏެވެ.

"އެކަމަކު..." ފައިސަލް ސިގްނަލްދެމުން ދަނީ ކޮންކަމަކަށްކަން އަހަރެންނަށް އެނގެއެވެ. އެ ފުރުޞަތު ދޭން އަހަރެން ބޭނުންނޫނީއެވެ. ނަމަވެސް އަހަރެން ބުނަން އުޅުނު އެއްޗެއް ނުބުނެވުނީ އެނދުކައިރީ ހުރި ޝިފާލީގެ ސޫރަ ފެނިފައެވެ. އޭނާ އައިސް އަހަރެންގެ ކޮނޑުގައި އަތްލިކަން އެނގެއެވެ. އަހަރެންގެ ބޮލަށް ބަރުވެ ވަރުދޫވާންފެށިކަން އިޙްސާސް ކުރެވުނެވެ. އަމިއްލަ ނަފްސަށް ނޫނެކޭ އަހަރެންނަށް ބުނެވުނެވެ. އެކަމަކު އަޑެއް ނުނިކުތެވެ.

* * * * *

ކޮފީޖޯޑު ހިފައިގެން އަހަރެން އިނީ ގެސްޓްހައުސްގެ ދޮރުމަތިން ހިޔާކޮށްފައި އޮންނަ ބައިގައި ހުރި ދިގު ގޮނޑީގައެވެ. ރޭގައި އަހަރެންނަށް ނިދުނީ ކޮންއިރަކުކަމެއް ނޭނގެއެވެ. ފައިސަލްއާއެކު ވަގުތުތައް ދިޔައީ ކިހިނެއްކަން އަހަރެންނަށް އެނގުނީ ހެނދުނު ހޭލެވުނީމައެވެ. އޭނާ އެނދުގައި ނެތަސް ރޭގައި އަހަރެމެން ދެމެދުގައި ހިނގައިދިޔަ ހުރިހާކަމެއްގެ ނިޝާން އަހަރެންގެ ހަށިގަނޑުން ފެންނަން ހުއްޓެވެ. އަހަރެން ތެދުވިއިރު ކޮޓަރީގައި ފައިސަލްއެއް ނެތެވެ. އާދައިގެ މަތިން އޭނާއާ ދިމާވީ ބަދިގެއިންނެވެ. އަހަރެންނަށް ވީނުވީއެއް ނޭނގޭނީ ކީއްވެކަން އެނގެއެވެ. ހޭލައިގެން އަހަރެންނަށް އަހަރެން ހުރި ހާލު އެނގުމުން ކޮޓަރިތެރޭގައި ހުރެ ހަޅޭލެވުނެވެ. ޝިފާލީގެ ސޫރައިގައި އުޅޭ މަހުލޫގާ ދިމާއަށެވެ. އެގޮތަށް އަހަރެންގެ ހަށިގަނޑު ބޭނުންކުރީތީއެވެ. އަހަރެންނަށް ވާނުވާނޭނގޭ ހާލަތެއްގައި ބެހެއްޓީތީއެވެ. ނަމަވެސް އޭނާގެ އިޝާރާތެއް ނުވިއެވެ.
"ކޮފީބޮއެ ނުނިމޭތަ." ފައިސަލް އުޅޭ ގެގަޑުން ނުކުމެގެން އަހަރެންގެ ގާތަށް އައެވެ.

"ނިމިއްޖެ." އަތަށް ލައިގެން އިން ޖޯޑަށް ބަލާލާފައި އަހަރެން ބުނީމެވެ.

އަހަރެންނަށް ބަލަން ހުރެފައި ފައިސަލް އަހަރެންގެ ދަތްދޮޅީގައި ހިފައި އޭނާއާ ދިމާއަށް އުފުލާލިއެވެ. ފަރުވާތެރިކަމާއެކު އަހަރެންނަށް އޭނާ ބަލަމުންދިޔައެވެ. ޠަބީޢަތް ގޯސްވެފައިވިޔަސް އެކަން ފޮރުވާލަން އަހަރެން އަވަސްވެލީމެވެ. އެގޮތުން ހިނިތުންވެލީމެވެ.

"އަހަރެން ގަސްދެއްނުކުރަން ދުވަހަކުވެސް އާނަ ދޫކޮށްލާކަށް." ފައިސަލް ބުންޏެވެ.

"އޯކޭ." ލުއި ހިނިތުންވުމަކާއެކު އަހަރެން ބުނެލީމެވެ.

"އާނިޔާ." ޖަޒުބާތުތައް ފުންވެފައިވާ ފަދަ ގޮތަކަށް ފައިސަލް އަހަރެންގެ ނަން ކިޔާލިއެވެ. އެއާއެކު އަހަރެން ހޫން ލައްވާލީމެވެ.

ދޮރޯށި ކައިރިއަށް ސައިކަލެއް މަޑުކުރި އަޑު އިވުމާއެކު ފައިސަލް އެނބުރިލިއެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭ ފެނުނީ ފަޒީލާއެކު މެދު އުމުރަށްވުރެ ދޮށިވައްތަރު ޖަހާ އަންހެނަކު ވަދެގެން އަންނާތީއެވެ. އިސްކޮޅުން ދިގުވެފައި މެދުމިނުގެ ހަށިގަނޑެއް ލިބިފައިވާ އެ އަންހެން މީހާ ހުރީ ދެމޭފޮތީގެ ވަށްބުރުގާއަކާއި ކަޅުހެދުމެއް ލާފައެވެ. ފައިސަލް ވަގުތުން އަހަރެންނާ ދުރަށް ޖެހިލިއެވެ. އޭނާގެ ހަރަކާތްތަކަށް ބަދަލުތަކެއް އައިހެން އަހަރެންނަށް ހީވިއެވެ.

"ފައި..." އަހަރެންނަށް ފައިސަލްގެ ނަން ކިޔާނުލެވެނީސް އޭނާ ހިނގައިގަތީ އެމީހުންނާ ދިމާއަށެވެ.

"މަންމާ. ކިހިނެއްވީ." ފައިސަލް އެ އަންހެން މީހާއާ ވާހަކަދެއްކި އަޑު އިވުނެވެ.

"މިއައީ ބިލިމަގުކޮޅަކާ މުރަގަފަތްކޮޅެއް ބޭނުންވެގެން. ކުރުނބާކޮޅެއް ގެނެސްދޭށޭ ވެސް ކިޔާތާ ކޮންދުވަހެއް." އެ އަންހެން މީހާ ބުންޏެވެ.

އަހަރެން ގޮނޑީގައި އިނީ އެމީހުންގެ ހަރަކާތްތަކަށް ބަލާށެވެ. ފަޒީލާއި ފައިސަލްގެ މަންމަކަން ހަމައެކަނި މޫނުން ވެސް ބުނަން އެނގޭނެއެވެ. އެމީހުންގެ މަންމައާ ވައްތަރުކަމުންނެވެ. ބިއްދޮށް ފަރާތަށް ދިއުމުގެ ކުރީން އެ އަންހެން މީހާއަށް އަހަރެން ފެނި ހުއްޓުނެވެ. އަހަރެން ފެނުމުން އޭނާގެ ލޮލުން ފާޅުވީ ތަފާތު އަސަރެކެވެ. އެންމެ ހައިރާންވީ އޭނާ ފައިސަލްއަށް ބަލާލީމައެވެ. އެއީ ފައިސަލްއާއި ފަޒީލުގެ މަންމައަށް ވީތީ އޭނާ ކޮންމެ ކަހަލަ ނަޒަރަކުން ބަލަން ހުރި ކަމުގައި ވިޔަސް އަހަރެން ހިނިތުންވެލީމެވެ.

"މަންމަ އެތެރެއަށް ވަންނާނަންތަ؟." އަހަރެންނާއި އެ އަންހެން މީހާގެ ނަޒަރާ މެދަށް ފައިސަލް ހުރަސްވެލިއެވެ.

"އެފަރާތަށް ހިނގާ." އެމީހުންގެ މަންމަ ބުންޏެވެ. ފައިސަލް މަންމަ ގޮވައިގެން ބިއްދޮށަށް ފަރާތަށް ހިނގައިގަތްއިރު ފަޒީލު މަޑުކޮށްގެން ހުއްޓެވެ. އަހަރެން އޭނާއަށް ހިނިތުންވުމެއް ދިނުމުން ކައިރިޔަށް އައިސް ހުއްޓިލިއެވެ.

"މަންމަ ދޯ." އަހަރެން އަހާލީމެވެ. ފަޒީލު އާނއެކޭ ބުނެލީ ބޯޖަހާލުމަކުންނެވެ.

"އަހަރެން ހީކުރީ މިކޮޅުގައި އަހަރެން އުޅޭކަން އެނގޭތީ ޑެލިވަރީއަށް ގުޅާނެކަމަށް." ފަޒީލު ބުންޏެވެ.

"ފައިސަލް އެކަން ކޮށްދޭތީ... ފަޒީލް މިކޮޅަށް އައިސްފައި އަނެއްކާ އެނބުރި ދާކަށްނު ޖެހޭނީ. އެއަށްވުރެ ފަސޭހަވާނެއެއްނު މިކޮޅުގައި ދިރިއުޅޭ މީހަކާއެކު އައީމަ." އަހަރެން ބުނީމެވެ. ފަޒީލާއި ފައިސަލްގެ ދެމެދުގައި އަންހެންކުދީންގެ ވާދަވެރިކަމެއް އޮވޭބާއޭ އަހަރެން ހިތަށް އެރިއެވެ. އަހަރެންނާއި ފަޒީލާ ދެމެދު އޮތް ގުޅުން ގާތްވެ ބަދަހިވާން ފައިސަލް ނޭދޭކަން އެނގެއެވެ. މިހާރު ފަޒީލު ވެސް ފެންނަނީ އެކަމަށް އިޝާރާތްކުރާ ފަދަ ކޫސަނި ޝަކުވާކުރާތަނެވެ.

"ތި ދެ މީހުންނަށް އެކަކުދެކެ ލޯބިވެވިއްޖެއްޔާ ކިހިނެއް ހަދާނީ." އަހަރެން އަހާލީމެވެ.

"ކޮންދެމީހުންނެއް." ފަޒީލަށް ދޭހަނުވީކަމެއް ނޫނީ ގަސްދުގައި ނޭނގޭކަމަށް ހެދުނީކަމެއް ބުނާކަށް ނޭނގެއެވެ.

"ޔޫ އާ ފައިސަލްއާ ދެ މީހުން." އަހަރެން ބުނެލީމެވެ. އެއާއެކު ފަޒީލު ޖަހާލީ ހިނިގަނޑެކެވެ.

"އަހަރެން އަންހެންކުއްޖެއް ފަހަތުން ދުވާތީ ފެނިދާނެ. އެކަމަކު ދޮންބެ... އޭނާ އަންހެންކުއްޖެއްގެ ކަމެއް ކުރާތީ ނުދެކެން. މީހަކާ އިންނާކަށް އޭނާ ބޭނުމެއްނޫން. މަންމަގެ ހުރިހާ ޕްރެޝާއެއް އަހަންނަށް. މަންމައަށް ވެސް އެނގޭ ދޮންބެ މީހަކާ ނީންނާނޭކަން އެހެންވެ ނުވެސް ކިޔާނެ." ފަޒީލު ބުންޏެވެ.

"ފައިސަލްއަށްވުރެ ފަޒީލާ ދޯ މަންމަ ކްލޯޒްއީ." އަހަރެން އަހާލީމެވެ.

"މަންމަ އަސްލު ވަރަށް ކަންބޮޑުވޭ ދޮންބެ އެ އުޅޭ އެކަހެރި ދިރިއުޅުމުން. އަހަރެންދެކެ ރުޅި އަޔަސް ދޮންބެދެކެ ރުޅި އައިސްފައި ހުއްޓާ ދުވަހަކުވެސް ނުދެކެން. އެހެންވީމަ ބޮޑަށް ލޯބިވަނީ ކާކުދެކެ ކަމެއް ނޭނގޭ. މަންމަ އަހަރެމެން ތަފާތެއް ނުކުރޭ. އަހަރެންނާއި ދޮންބެއަކީ ވަރަށް ތަފާތު ދެ މިޒާޖުގެ މީހުން." ފަޒީލު ބުންޏެވެ.

"ކުރީން ދުވަހު ކޮފީގައި އަހަރެންނަށް ދެއްކުނު ވާހަކައާ މެދު ސޮރީ އިނގޭ. އަހަރެން ވެސް އަޑު އިވުނީމާ ކިއުރިއަސް ވެގެން އަހާލެވުނީ. ބަޓް ސްޓިލް... ސޮރީ ފޯ ދެޓް." އަހަރެން ބުނީމެވެ. ފަޒީލު ބަދަލުކޮށްލީ ލުއި ހިނިތުންވުމެކެވެ.

އަހަރެން ކޮފީ ހުސްކުރި ޖޯޑު ހިފައިގެން ބަދިގެއަށް އައުމުން ފަޒީލު ހިނގައިގަތީ އޭނާގެ މަންމައާއި ފައިސަލް ކައިރިޔަށް ދާށެވެ. އަހަރެން ބަދިގެއިން ނުނިކުންނަނިސް އެދިމާއަށް އެމީހުންނަ އަންނަ އަޑު އިވުނެވެ. އެމީހުން އައިސް ބަދިގެއަށް ވަނުމުން އަހަރެން އަވަހަށް ހިނގައިގަތީ ނުކުންނާށެވެ.

"ދަނީތަ. ކޮންއިރަކުން ފުރަނީ." އެ އަންހެން މީހާ އަހަރެންނާ ވާހަކަދެއްކިއެވެ. އަހަރެންނަށް ބަލާލެވުނީ ހައިރާންކަމާއެކުއެވެ. ފުރާ އިރެއް އޭނާ ބަލަންވީ ކީއްވެބާއޭ ހިތަށް އެރިއެވެ.

(ނުނިމޭ)