އިންޓަނޭޝަނަލް އެއާޕޯޓެއްގެ ފެންވަރަށް ތަރައްގީކޮށް ލ. ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ނާޒިމު ވިދާޅުވީ ކައްދޫ އެއާޕޯޓް ތަރައްގީކުރަން ސަރުކާރު ހިންގެވި ބޭފުޅުން ބޭނުންވިނަމަ އެކަން އޮންނާނީ މިހާރު ކުރެވިފައި ކަމަށެވެ. ނަމަވެސް ސަރުކާރުތަކުން ވަނީ ލ. އަތޮޅާއި ކައްދޫ އެއާޕޯޓުގެ ތަރައްގީއަށް އިހްމާލުވެފައި ކަމަށް ވިދާޅުވި އެވެ.
ސިފައިންގޭގައި މަސައްކަތް ކުރެއްވި ދުވަސްވަރު ލ. އަތޮޅުގައި ކޮމަންޑާރަކަށް ހުންނެވި ދުވަސްތަކުގެ ހަނދާން އާކުރައްވަމުން ނާޒިމު ވިދާޅުވީ އެއީ މީގެ 27 އަހަރު ކުރި ކަމަށެވެ. ނަމަވެސް އޭރުވެސް މިހާރުވެސް ކައްދޫ އެއާޕޯޓުގެ ތަރައްގީއަށް އެއްވެސް ކަމެއް ކުރެވިފައި ނެތް ކަމަށް ވިދާޅުވި އެވެ.
"އަދިވެސް [ކައްދޫ އެއާޕޯޓްގައި" ގާޑިޔަލުގައި ލަގެޖު ދަމާފައި އުޅެންޖެހެ ހާލުގައި މިއުޅެނީ،" ނާޒިމު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުމާ އެކު ލ. އަތޮޅު ކަހަލަ ރީތި އަތޮޅަކަށް އިގްތިސާދީ ގޮތުން ބޮޑު ކުރިއެރުމެއް ގެނެވޭނެ ކަމަށެވެ. ހާއްސަކޮށް ލ. އަތޮޅުގައި ޓޫރިޒަމް މިހާރަށް ވުރެ ފުޅާކޮށް، ޓޫރިޒަމްގެ އާ ވައްތަރުތައް ތައާރަފް ކުރެވޭނެ ކަމަށެވެ. އެގޮތުން އޭނާ އަށް ވެރިކަން ލިބިވަޑައިގެންފިނަމަ ލ. އަތޮޅަށް އެޑްވެންޗާ ޓޫރިޒަމް ތައާރަފް ކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިތުރަށް ފުޅާކުރުމަށްޓަކައި ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތިކަން ބޭނުންކޮށްގެން ކުރެވޭނެ އެތައް ކަމެއް އެބަހުރި ކަމަށެވެ. އެގޮތުން ސްކައި ޑައިވް ކުރަން ފުުރުސަތު ދިނުމާއި ކުދި އެއާކްރާފްޓް ތަކުގައި ރާއްޖޭގެ ވައިގެ ސަރަހައްދުގެ ރީތިކަން ދައްކާލުން ފަދަ ކަންކަން ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.
ލ. އަތޮޅުގައި ގެސްޓްހައުސް އަޅައިދީ އެ ވިޔަފާރިއަށް ވަންނަން ބޭނުންވާ މީހުންނަށް ލ. އަތޮޅުގައި އެ ފުރުސަތުތައް އިތުރުކޮށްދޭނެ ކަމަށްވެސް ނާޒިމު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ނާޒިމް މިއަދު ލ. އަތޮޅަށް ވަޑައިގެންނެވި ނަމަވެސް އޭނާ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މ. އާއި ފ. އަދި ތ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ކެމްޕޭންގައި ވަޑައިގަތުމަށްފަހު އެވެ.
ކައްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރާނެ ކަމަށް ނާޒިމު މިރޭ ވިދާޅުވިއިރު ކައްދޫ އެއާޕޯޓް، އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިމަހުގެ 10 ވަނަ ދުވަހު ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.