ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްއާރްއެމްގެ ރައީސް އަހްމަދު ފާރިސް މައުމޫންގެ މެނިފެސްޓޯ ލޯންޗްކޮށްފި އެވެ.
ސަލްޓަން ޕާކުގައި ރޭ ބޭއްވި މެނިފެސްޓޯ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި ވަނީ އިސްކަންދޭ ބައެއް ކަންކަމުގެ މައުލޫމާތު ވެސް ހިއްސާކޮށްފަ އެވެ.
އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި ފާރިސްގެ މެނިފެސްޓޯގައި ހުށަހަޅާފައިވަނީ ރައްޔިތުންނަށް ބޮޑުވެފައި އޮތް ޓެކްސްގެ މައްސަލަ ހައްލުކުރުމެވެ. އެގޮތުން ޓެކްސް ނިޒާމު ދިރާސާކޮށް ތިން ޕަސެންޓަށް ޖީއެސްޓީ ކުޑަކުރަން ހުށަހަޅާފައިވެ އެވެ.
މީގެއިތުރުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ ކުޑަކުރުމަށްވެސް ހުށަހަޅާފައިވެ އެވެ.
ރާއްޖޭގައި ގެސްޓުހައުސް ވިޔަފާރި އިތުރަށް ފުޅާކުރަން ކޮށްދޭނެ ކަންކަމާއި ގެސްޓް ހައުސްތަކުން ނަގާ ޓެކްސް ކުޑަކުރަން ވެސް ހިމަނާފައިވެ އެވެ. އަދި މުޅިން އަލަށް ރާއްޖޭގައި ރިސޯޓުތައް ގިންތި ކުރަންވެސް ހުށަހަޅާފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ އެ ބޭފުޅުން އަމިއްލަ ކަނޑައެޅުމުގެ ބަދަލުގައި އެކަން ކުރެވޭނެ އެހެން އުސޫލެއް އެކަށައަޅާނެ ކަމަށްވެސް މެނިފެސްޓޯގައިވެ އެވެ. މީގެއިތުރުން މަޖިލީހުގައި އަންހެނުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމާއި މަޖިލީހުގެ މެންބަރުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައިގެން މެންބަރު ކަމުން ވަކިކުރެވޭނެ އުސޫލެއް ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.
ފާރިސްގެ މެނިފެސްޓޯގައި ވަނީ ލޯކަލް ކައުންސިލްތައް މިހާރަށް ވުރެ ބާރުވެރިކޮށް ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަށްވެސް ހިމަނާފަ އެވެ. އަދި ރާއްޖޭގެ ތައުލީމީ ނިޒާމަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެންނަންވެސް ހުށަހަޅާފައިވެ އެވެ.
ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތައް ބެލޭގޮތަށް އޮންނާތީ އެއީ އާންމުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ބަރަހަނާ ސައިޓްތައް ބްލޮކްކުރަން ފާރިސްގެ މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. މަސާޖު ކުރާ ތަންތަނުގެ ނަމުގައި މުޖުތަމައު ގަބޫލުނުކުރާ އަމަލުތައް ހިންގާ ތަންތަން ބަންދުކުރުމަށްވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.