ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް -- އިލްޔާސް ލަބީބްގެ މެނިފެސްޓޯ މާދަމާ ލޯންޗްކުރުމަށް ނިންމައިިފި އެވެ.
ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި ހިމެނޭ ބައެއް ސިޔާސަތުތައް މީގެކުރިން ހާމަކޮށްފައިވެ އެވެ.
މެނިފެސްޓޯ އެކުލަވާލީ ޕާޓީ އުފެއްދުމަށް ރާއްޖޭގެ އެކި ރަށްތަކަށް ކުރި ދަތުރުގައި ރައްޔިތުންގެ ހިޔާލާއި ޝުއޫރުތައް އޮޅުން ފިލުވުމަށްފަހު ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެ އެވެ.
ޑިމޮރެކްޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް ލަބީބް ހުންނެވިއިރު އޭނާގެ ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.
އިލްޔާސް އާއި އަމްރު އަދި ޑިމޮކްރެޓުންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އަތޮޅުތަކަށް ވަޑައިގެން ފުޅާކޮށް ކެމްޕޭން ކުރައްވަމުންނެވެ.
ޑިމޮކްރެޓްސް އަކީ ރާއްޖޭގައި އެންމެ ފަހުން ރަޖިސްޓްރީ ކުރި ޕާޓީއަށްވީ ނަމަވެސް އެ ޕާޓީއަށް ރަނގަޅު ތާއީދެއް އޮތް ކަމަށް ފެނެ އެވެ.