މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓްގައި 18،955 މީހުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލެ ރައްޔިތުންނަށް ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފި އެވެ.

ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން ނެރުނުއިރު ޝަރުތު ހަމަވާ މީހުންގެ ގޮތުގައި ތިބީ 10،314 މީހުންނެވެ.

ނަމަވެސް މިއަދު ދާއިމީ ލިސްޓް ނެރުނުއިރު ޝަރުތު ހަމަވާ މީހުންގެ އަދަދު މިހާރު ވަނީ 18،955 މީހުންނަށް އިތުރުވެފަ އެވެ.

ލިސްޓަށް މިބަދަލު އައީ ވަގުތީ ލިސްޓް ނެރުމަށްފަހު ޝަކުވާ ހުށަހަޅަން ދިން ފުރުސަތުގައި ލިބުނު ޝަކުވާތަކަށް ހައްލު ގެނައުމުންނާއި ޑޮކިއުމަންޓް ހަމަކުރަން ދިން ފުރުސަތުގައި ޑޮކިއުމަންޓް ހަމަކުރި މީހުންނަށް ފުރުސަތު ދިނުމުންނެވެ.

ދާއިމީ ލިސްޓު ނެރުނު އެ ލިސްޓްގައި ނުހިމެނޭ 684 މީހުންނަކީ ކައިވެންޏެއް ނުކޮށް ތިބި އުމުރުން 18-25 އަހަރުގެ މީހުން ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ގޯތިތައް ދޭން ނިންމާފައިވާ ގޮތް

  • 4،000 އަކަފޫޓުގެ ގޯތި - ހުޅުމާލެ އިން 20 ގޯތި، ގުޅިފަޅުން 9 ގޯތި.
  • 3،650 އަކަފޫޓުގެ ގޯތި - ހުޅުމާލެ އިން 31 ގޯތި، ގުޅިފަޅުން 22 ގޯތި.
  • 3،250 އަކަފޫޓުގެ ގޯތި - ހުޅުމާލެ އިން 60 ގޯތި، ގުޅިފަޅުން 49 ގޯތި.
  • 2،850 އަކަފޫޓުގެ ގޯތި - ހުޅުމާލެ އިން 100 ގޯތި، ގުޅިފަޅުން 154 ގޯތި.
  • 2،450 އަކަފޫޓުގެ ގޯތި - ހުޅުމާލެ އިން 180 ގޯތި، ގުޅިފަޅުން 476 ގޯތި.
  • 2،050 އަކަފޫޓުގެ ގޯތި - ހުޅުމާލެ އިން 370 ގޯތި، ގުޅިފަޅުން 690 ގޯތި، ގިރާވަރުފަޅުން 487 ގޯތި.
  • 1،650 އަކަފޫޓުގެ ގޯތި - ހުޅުމާލެ އިން 340 ގޯތި، ގުޅިފަޅުން 558 ގޯތި، ގިރާވަރުފަޅުން 1904 ގޯތި.
  • 1،250 އަކަފޫޓުގެ ގޯތި - ހުޅުމާލެ އިން 250 ގޯތި، ގުޅިފަޅުން 260، ގިރާވަރުފަޅުން 3041 ގޯތި.

ގޯތި ލިބޭ މީހުންނަށް ލިބޭ ގޯތި ކަނޑައަޅަނީ ގުރުއަތުލައިގެންނެވެ. ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ގަލޮޅު ދަނޑު ގައެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ގުރުއަތުން ލިބޭ ގޯތި އެނގުމާ އެކު ސަރުކާރުން ހުށަހަޅާ ހުށަހެޅުންތަކަށް އެއްބަސްވާ މީހުންނާ އެކު އެއްބަސްވުމެއް ހަދައި ގޯތީގެ ރަޖިސްޓްރީ މިވެރިކަމުގައި ދިނުމަށެވެ.

ގޯތި ލިބުނު މީހުން ގޯތިތަކުގައި ދިރިއުޅެންވާއިރަށް އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ގާއިމުކުރެވޭނެ ކަމަށްވެސް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.