މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައިފި

މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް ގޯތި އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް ފްލެޓް ދިނުމަށް ނިންމާ ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

ސަރުކާރުން ނިންމާފައިވަނީ ދިވެހި އަސްކަރީ ސިފައިން ބަނދަރެއް ތަރައްގީކުރަމުންދާ އުތުރު ތިލަފަޅުން 4،500 އަށް ވުރެ ގިނަ ގޯއްޗާއި، މާލެ ސަރަހައްދުން 8،000 ފްލެޓް ދޫކުރުމަށެވެ.

ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމަށް އުތުރު ތިލަފަޅުން 5,525,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމށެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް އިއުލާންގައިވެ އެވެ.

ގޯއްޗަށް ކުރިމަތިލަނީ އެހެން މީހަކާ ނުގުޅި އެކަނި ކަމަށްވާނަމަ ދޫކުރުމަށް ހަމަޖެހިފައިވަނީ 1,250 އަކަފޫޓުގެ ގޯއްޗެވެ. އެހެން މީހަކާ ގުޅިގެން ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވެ އެވެ. ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމުލަ 4,000 އަކަފޫޓެވެ.

ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތު

  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 18 އަހަރު ފުރިފައިވުން.
  • "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް"ގެ ދަށުން ގޯއްޗެއް ލިބިފައި ނުވުން.
  • މާލޭގައި ދިރިއުޅޭތާ މަދުވެގެން 20 އަހަރު ވެފައިވުން ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުން.
  • މާލޭ ސަރަޙައްދުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ނެތުން ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން.
  • މާލެ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާނަމަ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ އެފަދައިން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވުން.
  • ސަރުކާރުން ހިންގައިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން އެއްވެސް ރަށެއްގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާގޮތަށް އެފަދަ ތަނެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާނަމަ އެފަދަ ތަނެއް ދޫކޮށްލަން އެއްބަސްވުން.
  • ރާއްޖޭގެ އެއްވެސް ރަށެއްގައި އޮތް ބަންޑާރަ ގޯއްޗެއްގައިވާ ނުވަތަ އަމިއްލަ ގޯއްޗެއްގައިވާ ނޫފުލޭ މުދަލުން ބަހައިގެން ބިމުން ލިބެން އޮންނަ ބައި ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ބަހައިގެން ލިބެން އޮންނަ ބައި ދޫކޮށްލުމަށް އެއްބަސްވުން.
  • ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ހައުސިން ޔުނިޓެއް ނުވަތަ ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތުގެ ފުލެޓެއް އަމިއްލަ ނަމުގައި އޮވެ އެ ތަން އެހެން ފަރާތަކަށް ދީ ނުވަތަ ދޫކޮށްލައިފައިވާތާ ނުވަތަ ވިއްކައިލައިފައިވާތާ ފަސް އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.

ކޯސްޓުގާޑު އުޅަނދުތަކަށް ހާއްސަކޮށްގެން ތަރައްގީކުރަން ފެށި އުތުރު ތިލަފަޅުގެ 15 ހެކްޓަރު ބިން މިހާތަނަށް ހިއްކާފައިވެ އެވެ. ގޯތި ދޭން އިތުރަށް ހިއްކަން ހަމަޖެހިފައިވާ ބިމުގެ ބޮޑުމިން ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެ އެވެ. އުތުރު ތިލަފަޅުގައި މިހާރު ކުރިއަށްދާ އަސްކަރީ މަޝްރޫއު ނިންމަން ޕްލޭންކޮށްފައި އޮތީ ޖެނުއަރީ 2025 ގައެވެ.

ފްލެޓަށް ކުރިމަތިލުމުގެ ޝަރުތު

  • މާލޭގެ ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  • މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން (ހަމައެކަނި މައި އެޕްލިކަންޓް) ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުން ގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން (ހަމައެކަނި މައި އެޕްލިކަންޓް)
  • އެޕްލިކަންޓާއި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުން.
  • އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ މާލެ ސިޓީން (ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން) 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިން ޔުނިޓެއް / ބިމެއް ގަނެފައިވާ ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ ފަރާތެއް ކަމުގައި ނުވުން (އެޕްލިކަންޓް / ކޯ އެޕްލިކަންޓް).
  • މި އެޕްލިކޭޝަން ހުށަހަޅާ ތާރީހުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މާލެ ސިޓީގައި ދިރިއުޅުމަށް ހޯދައިފައިވާ 600 އަކަފޫޓުގެ ތަނެއް ނުވަތަ އެއަށްވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުން (އެޕްލިކަންޓް / ކޯ އެޕްލިކަންޓް).
  • މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ 60,000 ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން (މައި އެޕްލިކަންޓާއި، ކޯ އެޕްލިކަންޓް ވަކިން).

ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ޖެހެނީ މިސަރުކާރުގެ ގެދޮރުވެރިޔާގެ ސްކީމުން ފުރަތަމަ ހުޅުވާލައިގެން ކުރިމަތިލީ ޕޯޓަލް މެދުވެރިކޮށެވެ. ގޯތިތަކާއި ފްލެޓަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ ކުރިއަށް އޮތް އޮކްޓޫބަރު 24 ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ނިޔަލަށެވެ.

ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅިދާނެ ގޮތްތަކާއި ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތާއި، އެހެނިހެން ތަފްސީލްތައް "ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހަކަށް ހުޅުމާލެ، ގުޅިފަޅުން މިހާރު ދަނީ ގޯތިތައް ހަވާލުކުރަމުންނެވެ. އަންނަ ހަފްތާގެ ތެރޭގައި ގިރާވަރުފަޅުން ބައެއް މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ޝަރުތު ހަމަވި 16،923 މީހަކަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.