ފިނިޕޭޖް

ދުއާ ލިޕާ ތިންވަނަ އަލްބަމް އަންނަ އަހަރު ނެރެނީ

ލަވަ ކިޔުންތެރިޔާ ދުއާ ލިޕާ، 27، ގެ ތިންވަނަ އަލްބަމް އަންނަ އަހަރު ނެރޭނެ ކަމަށް އޭނާ ބުނެފި އެވެ.

ޓީ މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ދުއާ ބުނީ ހުސް ޑިސްކޯ ސްޓައިލްގެ ބަދަލުގައި 1970ގެ އަހަރުތަކުގެ ސައިކަޑެލިކް އަސަރު އެ އަލްބަމްގައި ހިމެނޭނެ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް ނެރުނު އެންމެ ބޮޑު ހިޓް "ބާބީ"ގައި ކެމިއޯ ރޯލެއް އަދާކުރުމުގެ އިތުރުން ދުއާ ވަނީ އެ ފިލްމަށް ހިޓް ލަވައެއް ކަމުގައިވާ "ޑާންސް ދަ ނައިޓް" ކިޔައިދީފަ އެވެ.

މި ލަވައިގެ ޕްރޮޑިއުސަރު މާކް ރޮންސަން ބުނީ ދުއާގެ އާ އަލްބަމްގެ ބައެއް ލަވަ އަޑުއަހައިފި ކަމަށާއި އެ ލަވަތައް ވަރަށް މޮޅު ކަމަށެވެ.

ދުއާ ވަނީ މިދިޔަ މާޗް މަހު އޭނާގެ ކަވަ "ލެވިޓޭޓިން" ލަވައިގެ ކޮޕީރައިޓް ދައުވާއަކުން ކާމިޔާބު ހޯދާފަ އެވެ. މި ދައުވާ ކޮށްފައިވަނީ ރެގޭ ބޭންޑް އާޓިކަލް ސައުންޑްގެ 1979ގެ ލަވަ "ވިގްލް އެންޑް ގިގްލް އޯލް ނައިޓް" ލަވަ ނަކަލް ކުރި ކަމަށް ބުނެ އެވެ. މި ދެ ލަވަ ހަގީގަތުގައިވެސް ވަރަށް ވައްތަރެވެ.

ލަވަ އަދި ކެމިއޯ ރޯލެއް އަދާކުރުމުގެ އިތުރުން، ދުއާ ވަނީ ޑޮނަޓެއްލާ ވަސާޗޭއާ ގުޅިގެން ވަސާޗޭގެ އެންމެ ފަހުގެ ކަލެކްޝަން, "ލަ ވެކެންޒާ" ޑިޒައިންކޮށްފަ އެވެ. މިއީ ވަސާޗޭއިން ސެލެބްރިޓީއަކާ އެކު މިފަދަ ކޮލޭބޮރޭޝަނެއް ކުރި ފުރަތަމަ ފަހަރެވެ.