ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ހއ. ކެލައަށް ވަޑައިގެންނެވިއިރު އެމްޑީޕީގެ މެންބަރުންތަކެއް މުޒާހަރާއަށް ނިކުމެ ތިއްބެވެ. އެމީހުން މުއިއްޒުއާ ދެކޮޅަށް އެކި ކަހަލަ ޝުއޫރުތައް ފާޅުކުރަމުން ދިޔަ އެެވެ.
މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި އެންމެ ފުރަތަމަ ވަޑައިގެންނެވީވެސް ކެލާ ނިސްބަތްވާ ހއ. އަތޮޅަށެވެ. މިއަތޮޅުގެ ބައެއް ރަށްތަކަށް މުއިއްޒު މިހާތަނަށް ކުރެއްވި ދަތުރުފުޅުގައި ކެލާ ފިޔަވާ އެހެން ރަށަކުން އަދި މުއިއްޒުއާ ދެކޮޅަށް އަޑުއުފުލާފައެއް ނުވެ އެވެ.
ކެލައަށް މިއަދު ހެނދުނު މުއިއްޒު ވަޑައިގެންނެވިއިރު އެރަށުގެ ޕީޕީއެމް ޕީއެންސީގެ ގިނަ ބަޔަކު ބަނދަރު ސަރަހައްދަށް ނިކުމެ ތިއްބެވެ. އަދި އިދިކޮޅު ސަޕޯޓަރުންނާ ވަކިން އެހެން ސަރަހައްދެއްގައި އެމްޑީޕީގެ މަދު ބަޔަކު އެ ޕާޓީގެ ދިދަ ހިފައިގެން މުއިއްޒުއާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ އެވެ.
ޕީޕީއެމްގެ ސަޕޯޓަރުންނާ ސަލާމްކުރެއްވުމަށްފަހު މުއިއްޒު ދެން ވަޑައިގަތީ އެމްޑީޕީގެ ސަޕޯޓަރުންގެ ކައިރި އަށެވެ. އަދި އެމްޑީޕީގެ މީހުންނާ ސަލާމުކޮށް އެމީހުންނާ މުއިއްޒު ވާހަކަ ދެއްކެވި އެވެ. އެމްޑީޕީގެ ސަޕޯޓަރުންވެސް އެއްވެސް ދެކޮޅުވެރިކަމެއް ނެތި މުއިއްޒުއާ ސަލާމްކޮށްފައިވެ އެވެ.
މުއިއްޒުގެ މިއަމަލަކީ ކެރޭ ހިތްވަރު ގަދަ އަދި ވަކި ޕާޓީއަކަށް ވީތީ ތަފާތު ނުކުރާނެކަން އަންގައިދޭ މަންޒަރެއް ކަމަށް ބުނެ ސޯޝަލްމީޑިއާގައި އިދިކޮޅު ބައެއް މީހުން ވަނީ އެކަން ފާހަގަކޮށްފަ އެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން އެ ރަށްރަށަށް ގިނަ އަދަދެއްގެ ފުލުހުންނާއި ސިފައިން ގެންދާތީ އެކަން ފާހަގަކޮށްވެސް ބައެއް މީހުން ވަނީ ރައީސް ސޯލިހަށް ފާޑު ކިޔާފަ އެވެ.