ވިލާ ހައިސްކޫލް

ވިލާގެ ގްރޭޑު 11ގައި ކިޔެވުމަށް ފުރުސަތު ހުޅުވާލައިފި

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އިން ގްރޭޑު 11 ގައި ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ އެތަނުން ޖާގަ ބޭނުންވާ ދަރިވަރުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ފުރުސަތު ހުޅުވާލާފައިވާނީ މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވިލާއިން ގްރޭޑު 11 ކިޔެވުމަށް ޖާގަ އޮތީ 800 ދަރިވަރުންނަށް ކަމަށް އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވި އެވެ. އަދި މިނިސްޓްރީގެ މިންގަނޑަށް ފާސްވާ ދަރިވަރުން އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އެ ސްކޫލުގެ ވެބްސައިޓު މެދުވެރިކޮށް ދަރިވަރުންނަށް ގްރޭޑު 11 އަށް އެޕްލައި ކުރެވޭނެ އެވެ. އަދި އެ ސްކޫލުގައި ކިޔެވުމުގެ ފުރުސަތު ލިބޭ ދަރިވަރުންގެ ލިސްޓު މި މަހުގެ 31 ވަނަ ދުވަހު ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.

ގްރޭޑު 11 ގެ ކިޔެވުން ފެށޭނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލާއި ގުޅޭ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުމަށް އެ ސްކޫލުން ވަނީ މި ހަފްތާ ބަންދުގައި އޯޕަންޑޭއެއް ބޭއްވުމަށް ނިންމާފަ އެވެ.