އިސްލާމިކް މިނިސްޓްރީ

ހުއްދަ ނެތް ކުންފުނިތަކުން އުމްރާއަށް ގެންދާތީ އިންޒާރު ދީފި

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނެތް ބައެއް ކުންފުނިތަކުން މީހުން އުމްރާއަށް ގެންދާކަން ފާހަގަކުރެވޭތީ އެފަދަ ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ އެއްގޮތަށް މިނިސްޓްރީގެ ހުއްދަ ލިބިގެން ނޫނީ ވިޔަފާރި އުސޫލުން އެއްވެސް ކުންފުންޏަކުން އެއްވެސް ބަޔަކު އުމްރާ އަށް ގެންދިއުމަކީ މަނާ ކަމެއް ކަމަށްވެސް ހަނދާންކޮށްދީފައިވެ އެވެ.

ރާއްޖެއިން އުމްރާ އަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުން މީހުން އުމްރާއަށް ގެންދިއުމަށް ކުންފުންޏަކަށް ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް މިގޮތަށް ހުއްދަ ދޭ ކުންފުނިތަކުން ހުއްދައިގެ މުއްދަތުގެ ތެރެއަށް ނުވަންނަ އުމްރާ ދަތުރުތަކަށް މީހުން އަތުން އެޑްްވާންސްކޮށް ފައިސާ ނެގުމަކީ އުސޫލާ ހިލާފު ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެެވެ.

އިސްލާމިކް މިނިސްޓްރީން އެދިފައިވަނީ ހުއްދަ ނެތް ކުންފުންޏަކަށް އެއްވެސް ފަރާތަކުން ފައިސާ ނުދެއްކުމަށެވެ.

"މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް މި މިނިސްޓްރީގެ ފަރާތުން އިލްތިމާސް ކުރަމެވެ،" ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން އިތުރަށް ބުނީ އުސޫލާ ހިލާފަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ދިމާވާ ކަމެއްގެ ޒިންމާ އެ މިނިސްޓްރީން ނުނަގާނެ ކަމަަށެވެ.

އުމްރާއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ލިސްޓު އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވެ އެެވެ.