ގާސިމް އިބްރާހިމް

ގާސިމުގެ ސިޔާސަތަކީ ޓެކްނޮލޮޖީގެ އެހީގައި ސިއްހީ ދާއިރާ ބަދަލުކޮށްލުން

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ "އޯގާތެރި ޒަމާނީ ސިއްހީ ފަރުވާ" ސިޔާސަތުގެ މައުލޫމާތު ހިއްސާކުރުމަށް ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ކުރީގެ ހެލްތު މިނިސްޓަރު އަދި މިހާރު ގާސިމްގެ އެޑްވައިޒަރު އިރުތިޝާމް އާދަމް ވިދާޅުވީ ޖުމްހޫރީ ޕާޓީން ހުށަހަޅަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނާނެ ސިޔާސަތުތަކެއް ކަމަށެވެ. ޓެކްނޮލޮޖީއަށް އިސްދިނުމުގެ ތެރެއިން އެންމެ ފުރަތަމަ ކުރާނެ އެއް ކަމަކީ އާސަންދައިގެ ހިދުމަތް ހަމައަކަށް އަޅުވައި ހިދުމަތް ފުޅާކުރުން ކަމަށެވެ.

އިރުތިޝާމް ވިދާޅުވީ އާސަންދައިގެ ތެރެއިން ކޮރަޕްޝަނާއި ހަމަހަމަކަން ނެތުން އިތުރު ވެފައިވާ ކަމަށާއި ގާސިމްގެ ވެރިކަމެއްގައި މަހަމަ އުސޫލުން އެންމެންނަށްވެސް އާސަންދަ ލިބިގެންދާނެ ކަމަށެވެ.

"ސިއްހީ ނިޒާމަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ހިދުމަތަކަށް ހަދާނަން،" އިރުތިޝާމް ވިދާޅުވި އެވެ.

ޖޭޕީގެ ސްލޮޓެއްގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. ޝާހް މާހިރު ވިދާޅުވީ ރާއްޖޭން ބޭރުން ފަރުވާ ހޯދަންޖެހޭ މީހުންގެ އެހީތެރިންގެ ހަރަދުތައް އާސަންދަ އިން މިހާރު ކަވަރު ނުކުރާ މައްސަލައަކީ އާންމުންގެ ކަންބޮޑުވުމެއް ކަމަށެވެ. އެކަމަށް ހައްލެއް ހޯދައިދިނުމަކީ ޖޭޕީގެ ސިޔާސަތެއް ކަމުގައި ވިދާޅުވި އެވެ.

ޝާހް ވިދާޅުވީ ގައުމީ ޑައިގްނޮސްޓިކް ނިޒާމެއް ގާއިމުކޮށް ސިއްހީ ނިޒާމުގެ ހުރިހާ ކަމެއް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއް ވިއުގަ އަކަށް ގެންނާނެ ކަމަށެވެ. އޭރު ސިއްހީ ނިޒާމަށް ދައުލަތުން ކުރާ ހޭދަ ކުޑަކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

މެނިފެސްޓޯ އެކުލަވާލުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށްވާ ހިންނާ ހާލިދު ވިދާޅުވީ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގާސިމްގެ ވެރިކަމެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ދެ ސަރަހައްދެއްގައި އެންމެ ޒަމާނީ ފެންވަރުގެ ދެ ޓާޝަރީ ހޮސްޕިޓަލް އަޅާނެ ކަމަށެވެ.

"ނަމަކަށް ނޫން މިކަން ކުރާނީ. ވިސްނުމަކީ މައުލޫމާތު އެއްކޮށްގެން ޓާޝަރީ ލެވެލްގެ ހިދުމަތް ފޯރުކޮށްދިނުން،" ހިންނަ ވިދާޅުވި އެވެ.

ޖޭޕީގެ ސިއްހީ ސިޔާސަތު މައިގަނޑު 15 ބަޔަކަށް ބަހާލާފައިވާއިރު ވެރިކަން ލިބިއްޖެނަމަ އެ ހުރިހާ ކަމެއްވެސް ހަގީގަތަކަށް ހަދައިދޭނެ ކަމަށްވެސް ރޭ ޕެނަލް ޑިސްކަޝަންގައި ބައިވެރިވި ބޭފުޅުން ވިދާޅުވެފައިވެ އެވެ.