އެމްޑީޕީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބް ހަމަދު އެމްޑީޕީއަށް ސޮއި ކުރަނީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު އަބްދުލްޣަނީ އެމްޑީޕީއަށް ސޮއި ކުރަން ނިންމައިފި އެވެ.

ހަމަދު މިއަދު ވިދާޅުވީ ގައުމަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންތިހާބުކޮށްގެން ކަމަށެވެ.

ރައީސް ސޯލިހް ކެމްޕޭން ސްލޯގަން -- "އުފާވެރި އަމާން ރާއްޖެ" އަކަށް ރައީސް ސޯލިހާ އެކު ދެވޭނެ ކަމުގައިވެސް ހަމަދު ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހްލާގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ހަމަދު ސަރުކާރުގައި ހުންނެވީ ޖޭޕީގެ ސްލޮޓެއް ގައެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވެސް ވާދަކުރާއިރު ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި އެ ޕާޓީގެ ބައެއް ބޭފުޅުން ތާއީދު ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އަށެވެ. ބައެއް ބޭފުޅުން ރައީސް ސޯލިހަށް ވެސް ތާއީދުކުރައްވަ އެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް އެމްޑީޕީއަށް ސޮއިކޮށްފައިވާތީ މީގެކުރިން އެ ޕާޓީން ވަނީ އެކަމަށް ފާޑުވެސް ކިޔާފަ އެވެ.