އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސްއަށް ވަޑައިގެންނެވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް އާއި ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އަލު ްއެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
އާތިފްއާ އެކު އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރެޓްސް އަށް ވަޑައިގެންނެވި ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުންގެ ތެރެއިން ތިން ކައުންސިލަރުން ވެސް ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. މިބަދަލާ އެކު ކުޅުދުއްފުށީގެ ކައުންސިލްގެ މެޖޯރިޓީ ވެސް މިހާރު ވަނީ އެމްޑީޕީއަށް އަލުން ލިބިފަ އެވެ.
އެމްޑީޕީއާ މިރޭ އަލުން ގުޅިވަޑައިގެންނެވި ބެފުޅުންގެ ތެރޭގައި އެމްޑީޕީ ކުޅުދުއްފުށީ ސިޓީ ދެކުނު ދާއިރާގެ ކުރީގެ ރައީސް އަކްރަމްވެސް ހިމެނެ އެވެ.
ޔާސިރާއި އާތިފް އަދި ކައުންސިލަރުންގެ ފޯމާ މިރޭ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެވެ.
އެމްޑީޕީން މިއަހަރުގެ ޖެނުއަރީގައި ބޭއްވި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައިވެސް ޔާސިރު މަސައްކަތް ކުރެއްވީ އޭރު އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު އެވެ.
ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ތެރޭގައި އުފެދުނު ބޮޑު ބައިބައިވުމަށްފަހު ޔާސިރު މަސައްކަތް ކުރެއްވީވެސް ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ކުރިން އެ ޕާޓީގެ އިސް ބޭފުޅުން އޭރު އެމްޑީޕީގައި ތިއްބަވައިގެން ކުރިއަށް ގެންދިޔަ "ފިކުރެއްގެ ދިރުން"ގެ ޓީމާ އެކު އެވެ. ޑިމޮކްރެޓްސް އުފެއްދުމާ އެކު އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައިވެސް ޔާސިރާއި މޭޔަރު އާތިފް ހިމެނެ އެވެ. އެކަމަކު ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓަކަށް އިލްޔާސް ލަބީބް ހަމަޖެއްސި ފަހުން ޑިމޮކްރެޓުންގެ ހަރަކާތްތަކަކުން ޔާސިރެއް ނުފެނެ އެވެ.
ކުޅުދުއްފުށީގެ ކައުންސިލަރުންނާއި މެންބަރު ޔާސިރު އެމްޑީޕީއާ މެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ ކުޅުދުއްފުށްޓަށް ސަރުކާރުން ކޮށްދޭން ވައުދުވި ކަންކަން ކުރުން ލަސްވި ކަމަށް ބުނެ އެވެ.