ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް އިހްލާސްތެރިކަމާ އެކު ކަމަށާއި އެމަނިކުފާނަށް ފުރުސަތު ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އާދޭހާކު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
ގާސިމް މިކަމަށް އެދިވަޑައިގަތީ "ދަރުމަވެރީންނާއި ކުޅުންތެރީންނާއި އޮފިޝަލުންނާއި ކުލަބު ޖަމިއްޔާތަކާއި އެސޯސިއޭޝަންތަކާއި ސަޕޯޓަރުންގެ ހައްލަކީ ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހިމް" މިނަމުގައި ހޮޓެލް ޖެންގައި ރޭ ބޭއްވި ކެމްޕޭން ބައްދަލުވުމެއް ގައެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނަށް ދުނިޔޭގައި މަދު އެއްވެސް އެއްޗެއް ނެތް ކަމަށެވެ. އެހެންކަމުން އަމިއްލަ ކަމެއް ހާސިލްކުރުމަށްޓަކައި ވެރިކަމަށް ވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި ހަމައެކަނި އޮތް ބޭނުމަކީ އެމަނިކުފާނު ފަދައިން ރައްޔިތުންވެސް ތަނަވަސް ބަޔަކަށް ހަދައިދިނުން ކަމަށެވެ. އެހެންވެ ޓެސްޓް ކޮށްލުމަށް ނަމަވެސް އެމަނިކުފާނަށް ފުރުސަތު ދެއްވުމަށް ގާސިމް އާދޭހާ އެކު އެދިވަޑައިގެންނެވި އެވެ.
"ތިބޭފުޅުން ޓެސްޓް ކޮށްލުމަށްވެސް އެންމެ ރަނގަޅު ނޫންތޯ އަޅުގަނޑު މި އަނގަތަޅަމުންދާއިރު ކޮންމެ ފަަހަރަކު ވެސް ކުރިމަތިލެވޭނެ ޗާންސް އޮތިއްޔާ އެ ފުރުސަތު ދެއްވާތޯ ރައްޔިތުންނަށް އާދޭސް ދަންނަވަމުންދާއިރު ކީއްވެގެންތޯއޭ އެއްފަހަރުވެސް އަޅުގަނޑަށް ފުރުސަތު ނުދެއްވަ،" ގާސިމް ވިދާޅުވި އެވެ.
ވެރިކަން ކުރުމަށް އެތައް ބޭފުޅަކަށް ފުރުސަތު ދެވި ރައްޔިތުންނަށް އެތައް ކަމެއް ތަޖުރިބާ ކުރެއްވި ކަމަށްވެސް ގާސިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އޭގެފަހުގައި ގާސިމް އެދިވަޑައިގަތީ ޕާޓީގެ ސައިޒަށް ބެލުމެއް ނެތި މާޒީން އިބްރަތް ލިބިގަނެ ރަނގަޅު ކެންޑިޑޭޓް ދެނަގަތުމަށެވެ. ރަނގަޅަށް ވިސްނުމުން ރަނގަޅު ކެންޑިޑޭޓް ރައްޔިތުންނަށް އެނގޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ދައުލަތުގެ އިސް އެތައް މަގާމެއް ފުރުއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވިއިރު ދައުލަތުގެ ބޮޑު ލާރިއެއްގައިވެސް އެމަނިކުފާނު ޖެހިވަޑައިގެންފައި ނުވާނެ ކަމަށެވެ. މާޒީއަށް ރަނގަޅަށް ބެލުމުން އެ ހަގީގަތް ފެންނަން އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ބައި ސެންޓް ވެސް ނޯންނާނެ ވިލާ ތިޖޫރިއަށް ވަދެފައިވެސް ދައުލަތުގެ ފައިސާ އިން،" ގާސިމް ޔަގީންކަމާ އެކު ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ވަރަށް ބުރަ މަސައްކަތާ އެކު އެމްޑީޕީއަށް ދެ ފަހަރު އަދި ޕީޕީއެމްއަށް ވެސް ވެރިކަން ހޯދައިދެވިއްޖެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ކޮށްދީގެން ޖުމްހޫރީ ޕާޓީއަށް ލިބުނު ރަނގަޅެއް ނެތް ކަމަށް ދޭހަވާ ގޮތަށްވެސް ގާސިމް ވާހަކަދެއްކެވި އެވެ. އަދި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޖަލު ހުކުމެއްގައި ހުންނަވަން ޖެހިވަޑައިގަތުމާ ގުޅިގެން އޭރު ދިމާވި ކަންކަމުގެ ހަނދާންވެސް އާކުރެއްވި އެވެ.