އަންނަ ރިޔާސީ އިންތިހާބުގައި އޭނާއާ އަރާ ހަމަކުރެވޭނެ ލީޑަރެއް ނެތް ކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯ ލޯންޗުކުރުމަށް ރޭ ބޭއްވި ޖަލްސާގައި އިލްޔާސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވާދަވެރިންނަކީ އޭނާ ދުނިޔެއަށް އުފަން ނުވަނީސް ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅުން ކަމަށާއި އެކަމާ ލަދުވެތިވާ ކަމަށެވެ.
އިލްޔާސް ވިދާޅުވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އޭނާ ވެވަޑައިގަންނަވާނީ އެންމެންގެ ރައީސަކަށް ކަމަށެވެ.
އެ ގޮތުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުންނާއެކު އެކަމުގައި އުޅުއްވާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި ރާއްޖެއަށް މިހާރު ބޭނުންވަނީ ހެނދުނާއި ތެދުވެ މަސައްކަތް ފެށޭނެ ލީޑަރެކެވެ. އެއީ އޭނާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
މެނިފެސްޓޯ ލޯންޗުކުރުމުގެ ޖަލްސާގައި އިލްޔާސް ވަނީ ޑިމޮކްރެޓުންގެ ވެރިކަމެއްގައި ގޯއްޗާއި ފްލެޓު ދޭނެ ކަމަށާއި ގޯތީގައި ގެ އެޅޭނެ ގޮތް ފަހިކޮށްދޭނެ ކަމަށް ވިދާޅުވެފަ އެވެ.