ރިޔާސީ އިންތިހާބު 2023

މައިގަނޑު ސިޔާސަތަކީ ރައްޔިތުން ފުދުންތެރިކުރުވުން: ހުސައިން

ޕީޕީއެމް ފީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި މައިގަނޑު ސިޔާސަތަކަށް ވާނީ ރައްޔިތުން ފުދުންތެރިކުރުުވުން ކަމަށް އެ ކޯލިޝަންގެ ރަނިންމޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވެއްޖެ އެވެ.

ގދ. ފިޔޯރީގައި މިއަދު އޮތް ކެމްޕޭން ޖަލްސާއެއްގައި ހުސައިން ވިދާޅުވީ ރައްޔިތުން ފުދުންތެރިކުރުވޭނީ ރާއްޖެއަށް ބިޔަ ބޮޑެތި މަސްރޫއުތަކެއް ރާއްޖެ ގެނެސްގެން ކަމަށެވެ. އޭރު ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ އާމްދަނީ ލިބި އަދި އިސްރަށްވެހިންނަށް ދިރިއުޅެވޭނެ މަގުތައް ވެސް ކޮށިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ އިސްރަށްވެހިންނަށް މިހާރު ލިބޭ އިނާޔަތް 5،000 ރުފިޔާއަށް ބޮޑުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށްވާތީ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމެއްގައި ވެސް ރައްޔިތުންނަށް ކަންކަން ކޮށްދެއްވާނީ ރައީސް ޔާމީން އަމަލުކުރެއްވި ގޮތްތަކުގެ ތެރެއިން ކަމަށެވެ.

ފިޔޯރީއަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ ރައީސް ހުސައިން ވިދާޅުވީ އެބޭފުޅުންގެ ވެރިކަމެއްގައި 3،000 ޓަނު ކިރޭ ވަރުގެ މަސް ފެކްޓަރީއެއް ފިޔޯރީގައި ގާއިމުކޮށްދެއްވާނެ ކަމަށެވެ. ފިޔޯރީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލު ހޯދައިދީ ފިޔޯރީ ހިމެނޭ ސަރަހައްދުގައި ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރުމަށް ހާއްސަ މަސައްކަތްތަކެއް ފައްޓަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ޑރ. މުއިއްޒު މިއަހަރު ވެރިކަމަށް ވަޑައިގަންނަވާނީ ރައީސް ޔާމީންގެ އަތްފުޅުގައި ހިފަހައްޓަވައިގެން،" ހުސައިން ވިދާޅުވި އެވެ.

ފިޔޯރީގެ އަންހެނުންނަކީ ކުޅިވަރަށް ލޯބިކުރާ މަސައްކަތްތެރި ރައްޔިތަކަށް ވާތީ އެރަށުގައި އިންޑޯ ޖިމެއް އަދި ޒުވާނުންނަށް ފުޓްސަލް ދަނޑެއް ހަދައިދެއްވާނެ ކަމުގައިވެސް ހުސައިން ވިދާޅުވި އެވެ.