ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއަށް އަންނަނީ ބޮޑު ހެޔޮ ބަދަލެއް، އަޅުގަނޑާ އެކު ކުރިއަށް ހިންގަވާ: ރައީސް

ރާއްޖެއަށް މިއަންނަނީ ބޮޑު ހެޔޮ ބަދަލެއް ކަމަށާއި، އެމަނިކުފާނާ އެކު ހުރިހާ ރައްޔިތުން ކުރިއަށް ދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

އއ. ބޮޑުފޮޅުދޫގައި މިއަދު ބޭއްވި ކެމްޕެއިން ޖަލްސާގައި ރައިސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ދިވެހިރާއްޖެއަށް ބޮޑެތި ހެޔޮ ބަދަލު އަންނާނެ ކަމަށާއި، ފަހަތަށް އެނބުރި އެއްވެސް ބޭފުޅަކު ދެން ބަލާނެ ނެތް ކަމަށެވެ.

"ނަތީޖާ ރަނގަޅުވާނެ. އިރާދަކުރެއްވިޔާ ރައްޔިތުން އެދޭ ބޮޑު ބަދަލު، ހެޔޮ ބަދަލު މުޅި ރާއްޖޭގެ ހުރިހާ ރަށަކުން ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުން މިއަދާ ހަމައަށް ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ 90 އިންސައްތަ ވާނީ ނިމިފައި ނުވަތަ ނިމުމުގެ މަރުހަލާގައި ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި މިއީ ކުރީގެ ސަރުކާރަކުން ހާސިލްކުރެވިފައި ނުވާ މިންވަރު ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން 144 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، 150 ރަށުގައި އިންޖީނުގެ ތަރައްގީކޮށް އަދި 125 ރަށަށްވުރެ ގިނަ ރަށްރަށުގައި ބަނދަރު ހަދަން ޖެހުނީ ކުރީގެ ސަރުކާރުން މިރަށްރަށަށް މިކަންތައްތައް ކޮށްދީފައި ނުވާތީ ކަމަށެވެ.

"އަޅުގަނޑުމެންގެ އަމާޒަކަށްވީ މި ލިބުނު ފުރަތަމަ ފަސް އަހަރު ދުވަސް ތެރޭގައި އަސާސީ ހިދުމަތްތައް ހުރިހާ ރަށެއްގައި ގާއިމުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

މިކަން މިގޮތަށް ކުރުމުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ ކަންތައްތައް ފުއްދުމާ އެކުގައި އިދްތިސާދީ ގޮތުން ކުރިއެރުން ގެނައުން ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި މިސަރުކާރުން ގެންނަ ބަދަލާއެކު ގައުމަށް އިންގިލާބީ ކުރިއެރުމެއް އަންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ލޯކަލް ޓޫރިޒަމާއި، ވިޔަފާރި އަދި ގެދޮރު ބިނާކުރުމަށް ލުއި ލޯން ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށްވެސް ރައިީސް ވިދާޅުވި އެވެ.

ރައިސް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން އެމްޓީސީސީގައި އެއްފަހަރާ ހިންގެނީ އެންމެ 20 ޕޮރޮޖެކްޓް ކަމަށެވެ. ނަމަވެސް މިސަރުކާރުން ވާނީ އެމްޓީސީސީގައި އެއްފަހަރާ 120 ޕްރޮޖެކްޓު ހިންގޭ ވަރުގެ ވަސީލަތްތައް ހޯދާދީފައި ކަމަށެވެ.

"މިއީ ޕްލޭނެއް ކޮށްގެން ވިސްނުންތެރި ކަމާއެކީގައި، ރޭވުންތެރި ކަމާއި އެކު ކަންކުރަން ފެށީމަ ފެންނަ މަންޒަރު. އަޅުގަނޑުމެންގެ ވާދަވެރިން މިކަމާ ކަންބޮޑުވާނެ، ދެން އައިސް ވާނީ ކޮން ވައުދެއްތޯ، މީން ރަށަކަށް އައިސް ކީކެތޯ ކިޔާނީ؟،" ރައީސް ވިދާޅުވި އެވެ.

ބޮޑުފޮޅުދޫއަށް ކުރަން ހުރި ކަންކަން ހިއްސާކުރައްވަމުން ރައިސް ވިދާޅުވީ އެ ރަށުގައި ރޯހައުސް އަޅައިދޭނެ ކަމަށާއި، އެކަން ކުރުމަށް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށިގެންދާނެ ކަމަށެވެ. އަދި ރަށުގެ ފެންބޮޑުވާ މަގުތަަކުގައި ތާރު އަޅައިދީ ޒަމާނީ ފެންވަަރަށް މަގުތައް ހަދައިދޭނެ ކަމުގައިވެސް ވިދާޅުވި އެވެ. ބޮޑުފޮޅަދޫގެ ކައުންސިލް އިދާރާގެ އާ އިމާރާތާއި، ކޯޓު އަދި ފުލުހުންނަށް އާ އޮފިސް ކޮމްޕްލެކްސްއެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިތުރަށް ރައީސް ވިދާޅުވީ އެ ރަށުގެ ޒުވާނުންނަށް ހޭންޑްބޯލް ކޯޓެއް އަދި ފުޓްސަލް ދަނޑެއް ހަދައިދޭނެ ކަމަށާއި، ސްކޫލް އެއް އިމާރާތެއްގައި ހިންގުމަށްޓަކައި އިތުރު 12 ކްލާސްރޫމު ހެދިގެން ދާނެ ކަމަށެވެ. މީގެ އިތުރުން ދިއްގާފަޅު ދަތުރުދާ ރަށަކަށް ހަދައިދޭނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.