ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު މިއަދު މާލެ ވަޑައިގަތުމަށް ނިންމަވައިފި އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުން ރައީސް ސޯލިހުގެ ކެމްޕޭން ދަތުރުފުޅުތައް ކުރުކޮށްލެއްވީ އަރިދަފުސްރޯގާގެ އާލާސްކަންފުޅަކާ އުޅުއްވާތީ އެވެ.
ރައީސް ސޯލިހު ރިޔާސީ ކެމްޕޭން ދަތުރުފުޅު ކުރުކޮށްލެއްވިއިރު ދަތުރު ކުރައްވަމުން ގެންދެވީ އއ. އަތޮޅަށެވެ. އެގޮތުން ރަޢީސް ސޯލިހު އިއްޔެ ވަނީ އއ. ތޮއްޑޫ، ރަސްދޫ، ބޮޑޫފޮޅަދޫ، މަތިވެރި، މާޅޮސް، ފެރިދޫ އަދި އުކުޅަހަށް ވަޑައިގެންފަ އެވެ.
ރިޔާސީ ކެމްޕޭންގައި ރައީސް ސޯލިހު މިއަދު އދ. އަތޮޅަށް ވަޑައިގަތުމަށް ކުރިން އޮތީ ހަމަޖެހިފަ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު މިހާތަނަށް ވަނީ ހއ. ށ. ނ. ވ، މ، ދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލަކަށް ރައީސް ސޯލިހު ވަޑައިގެންނެވި އެވެ.