ޖުމްހޫރީ ޕާޓީ

ޖޭޕީގެ މެނިފެސްޓޯގައި ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ވެރިކަމެއްގައި ރާއްޖޭގައި "ނެޝަނަލް ސީޑް ބޭންކެއް" ގާއިމުކުރާނެ ކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.

ޖޭޕީގެ މެނިފެސްޓޯގައި ދަނޑުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ރާއްޖޭގައި ނެޝަނަލް ސީޑް ބޭންކެއް ގާއިމުކޮށް އެކަމުގެ މަންފާ ރާއްޖޭގެ ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ހިމަނާފައިވެ އެވެ.

ދަނޑުވެރިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ތައުލީމު ދިނުމަށް "އެގްރިކަލްޗާ ކޮލެޖު"ގެ ނަމުގައި ހާއްސަ ކޮލެޖެއް ހެދުމަށްވެސް ނިންމާފައިވެ އެވެ. މި ކޮލެޖުން ދަނޑުވެރިކަން ކުރިއަރުވައި އެކަން ފުޅާކުރުމަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށް ޖޭޕީގެ މެނިފެސްޓޯގައި ހިމެނިފައިވެ އެވެ.

މީގެއިތުރުން ދަނޑުވެރިކަން ތަރައްގީކުރުމަށް "ކޯދު ސްކީމް"ގެ ނަމުގައި 200 މިލިއަން ރުފިއާގެ ލޯނު ސްކީމެއް ތައާރަފުކުރުންވެސް ހިމެނެ އެވެ. މިކަމުގެ ސަބަބުން ދަނޑުވެރިންނަށް ވަރަށް ގިން ފައިދާތަކެއް ލިބިގެންދާނެ ކަމަށް ޖޭޕީން ބުނެ އެވެ.

ދުނިޔެއިން ލިބެންހުރި އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީގެ އެހީގައި ރާއްޖެއަށް ބޭނުންވާ މިންވަރަށް މޭވާއާއި ތަރުކާރީއާއި ފަލަމަޑީގެ ބާވަތްތައް ހައްދާ ގައުމަކަށް ރާއްޖެ ހެދުން ވެސް ހިމެނެ އެވެ.

އެގްރިކަލްޗާ މަސައްކަތް ކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ރަށްރަށުގެ ތެރެއިން މަސައްކަތް ނުފެށި ހުރި ރަށްރަށުގައި އެ މަސައްކަތް ފަށާނެ ކަމަށްވެސް މެނިފެސްޓޯގައިވެ އެވެ. އެގޮތުން 58 ރަށެއްގައި އެ މަސައްކަތް ފަށާނެ ކަމަށް ބުނެފައިވެ އެވެ. އަދި ރާއްޖޭގެ ހަތް ސަރަހައްދެއްގައި ރާއްޖެއިން ނެތި ހިނގައިދާނެ ކަމަށް ބެލެވޭ ގަސްގަހާގެހީގެ ހާއްސަ "ބޮޓެނިކަލް ގާޑަން" ވެސް ގާއިމުކުރަން ނިންމާފައިވެ އެެވެ.

މީގެ އިތުރުން ގާސިމްގެ މެނިފެސްޓޯގައި ހައިޑްރޯފޯނިކްސް ދަނޑުވެރިކަން ފުޅާކުރުމުގެ އިތުރުން ވާޓިކަލް ގާޑަނިންގެ ގްރީންހައުސް ގާއިމުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.

ޖޭޕީގެ މެނިފެސްޓޯ މައިގަނޑު 15 ސިޔާސަތަކަށް ބެހިގެންވެ އެވެ. ޖޭޕީން ބުނާ ގޮތުގައި މި މެނިފެސްޓޯއަކީ ރާއްޖެ ތަހުޒީބުގެ އާ މަންޒިލަކަށް ގެންގޮސްދޭނެ މަގެކެވެ. އަދި އެމަގަށް ރައްޔިތުން ގެންގޮސްދިނުމުގެ ގާބިލުކަމާއި ތަޖުރިބާ ގާސިމުގެ ހުންނާނެ ކަމަށްވެސް ޖޭޕީން ބުނެ އެވެ.