ޓޫރިޒަމް

އިންޑިއާގެ މޯހަން މުތާ ގުރޫޕުން ރާއްޖޭގައި ރިސޯޓެއް ހަދަނީ

އިންޑިއާގެ މޯހަން މުތާ ގުރޫޕުން ރާއްޖޭގައި ރިސޯޓެއް ހެދުމަށް ނިންމައިފި އެވެ.

މޯހަން މުތާ އަކީ ރާއްޖެއަށް ބޭނުންވާ ކޮންސްޓްރަކްޝަން ސާމާނު އެންމެ ގިނައިން ރާއްޖެ އެތެރެކުރާ އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ މައި ކުންފުންޏެވެ.

އިންޑިއާގެ ބިޒްނައިސްލައިން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މޯހަން މުތާގެ އެގްޒެކެޓިވް ޑިރެކްޓަރު ސުރޭޝް މުތާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި ބޭންކަކުން ލޯން ނަގައިގެން ވާދޫ ކިޔާ ރަށެއްގައި ހަދަން ނިންމާފައިވަނީ 30 މިލިއަން ޑޮލަރު ނުވަތަ 462 މިލިއަން ރުފިޔާގެ ރިސޯޓެކެވެ.

ސުރޭޝްގެ އިންޓަވިއުން އެނގޭ ގޮތަކީ މި ރިސޯޓަކީ "ވެލްނަސް" ރިސޯޓަކަށް ވާތީ ބަނގުރަލާއި މަހުގެ މައިގަނޑު ބައިތައް ރިސޯޓުން ނުލިބޭނެ އެވެ.

މޯހަން މުތާ އިން ރާއްޖޭގައި ރިސޯޓެއް ހެދުމަށް ތައްޔާރުވަމުންދާއިރު އެމްއެމް އެކްސްޕޯޓްގެ އެތައް ޓަގު ބޯޓެއް ރާއްޖޭގެ އެކި ފަރުތަކަށް އަރައި ލިބުނު ގެއްލުންތަކާއި ގުޅިގެން އެކި ފަހަރުތަކުން ޖޫރިމަނާކޮށްފައިވެ އެވެ.

އަވަސް އެނގިފައިވާ ގޮތުގައި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު 100 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް ގޮސްފައިވާއިރު އެ ފައިސާ ނުދައްކަ އެވެ.