މާރިޔާ އަހުމަދު ދީދީ

މުއިއްޒަކީ "ބޯވައެއް" ކަމަށް މާރިޔާ ސިފަކުރައްވައިފި

ރިޔާސީ އިންތިހާބުގައި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަކީ ވަޑައިގަންނަވާ ކޮންމެ ތަނަކުން ސިފަ ބަދަލުކުރައްވާ "ބޯވާއެއް" ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕޭންގެ ތަރުޖަމާން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ މާރިޔާ ވިދާޅުވީ ޑރ. މުއިއްޒަކީ ކޮން ބޭފުޅެއްކަން ރައްޔިތުންނަން އެގެންޖެހޭ ކަމަށެވެ. އެގޮތުން ވިދާޅުވީ މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށެއް އެއީ އެބޭފުޅާގެ ރަށް ކަމަށް ސިފަކުރައްވާ އެ ސިފައަށް ބަދަލުވެވަޑައިގަންނަވާ ކަމަށެވެ.

"މުއިއްޒު އަކީ ވަޑައިގަންނަވާ ކޮންމެތަނަކުން ބޯވާއެއް ހެން ސިފަބަދަލުކުރައްވާ ބޭފުޅެއް،" މާރިޔާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއިއްޒުގެ އުސޫލު އޮންނަނީ ކޮންމެ ތަނަކަށް ވަޑައިގަތަސް އޭނާއަށް ފައިދާއެއް ލިބިވަޑައިގަންނަވާނަމަ އެއްވެސް ކަމެއް ބެލުމެއް ނެތި އޭނާއަށް ފައިދާވާ ގޮތަށް އެކަމެއް ކޮށްލުން ކަމަށެވެ.

މުއިއްޒުގެ ކެމްޕޭން ހަރަކާތްތަކުގައި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައްވާތީއާއި އަދި އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރައީސް ޔާމީން މިނިވަންކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވަމުން ގެންދަވާތީ އެކަމަށްވެސް މާރިޔާ ރައްދު ދެއްވި އެވެ. އެގޮތުން މާރިޔާ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަތް ނުނިމެނީސް އެމަނިކުފާނު މިނިވަންކުރެވޭނެ ގާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަން ކުރެއްވުމަކީ ގާނޫނީ ހަމަތަކުން މުއިއްޒުއަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އެންމެންނަން އެނގިވަޑއިގަންނަވާނެ ޔާމީނަކީ ކުށްވެރިއެއްކަން. ޔާމީނަންވެސް އެކަން އެގިވަޑއަިގަންނަވާނެ،" މާރިޔާ ވިދާޅުވި އެވެ.

"މިއީ މިބޭފުޅާގެ އުސޫލަކީ މުޅިންވެސް އެބޭފުޅާގެ ބޭނުމަކީ އޮޅުވާލުން. ރައްޔިތުން ނަން އަޅުނގަޑު ދަންނަވާނީ އެބޭފުޅާގެ ވަފާތެރިކަމެއް ނެތޭ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިއަދުވެސް ވިދާޅުވީ މުއިއްޒު އަކީ ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުއްސަލަފްގެ ކެންޑިޑޭޓް ކަމަށެވެ. އެހެންކަމުން ރައްޔިތުން މުއިއްޒުއަށް ވޯޓުލާނަމަ ކަންހިގައިގެންދާނެ ގޮތް ވިސްނުމަށް މާރިޔާ އެދިވަޑައިގެންނެވި އެވެ.