ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އަންނަ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގަންނަވާނީ 15 ޕަސަންޓް ވޯޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހދ. ނޮޅިވަރަމްގައި ދަ ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކެމްޕޭންގައި އެމަނިކުފާނު ރަށްރަށަށް ވަޑައިގަންނަވާއިރު ރައީސް ސޯލިހަށް ތާއީދުނެތްކަން ހާމަވަމުންދާ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ސޯލިހު ރަށްރަށަށް ވަޑައިގަންނަވާއިރު އިދިކޮޅުގެ މީހުން ހުއްޓުވުމަށް ފުލުހުން އަމަލުކުރާ ގޮތަށްވެސް ރައީސް ނަޝީދު ވަނީ ފާޑުވިދާޅުވެފަ އެވެ.
"އަޅުގަނޑުވެސް ބުނާއިރަށް އެމްއެންޑީއެފުން މިތަނުގައި ޕޮލިސްލައިން ދަމާދޭނެ. އަދި އެސްއޯ ފުލުހުންނާއި ކަރަންޓު މުގުރާއި ދަގަނޑު ޝީލްޑާއި ކަރުނަ ގޭހާއި ހިފައިގެން ރަށްރަށަށް އަރުއްވާ މުޅި ރަށް ވަށައިގެން ޕޮލިސްލައިން ދައްމަވާ އޭގެތެރެއަށް އެރި ވަޑައިގެން ހުންނަވައިގެން ރީނދޫ ކުލައިން އައިސިން އަޅުއްވައިގެން ކޭކެއް ހައްދަވައިގެން، ޖަރީ ކުރައްވައިގެން އެ ކުުޅުއްވާ ފިލުމުގައި ހަމަ ތެދެއް މި ދަންނަވަނީ އޮތީ 15 ޕަސަންޓް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެއީ ރާއްޖޭގެ ރައީސަކު އަމަލުކުރައްވަން ބޭނުންވާ ގޮތެއް ނޫން ކަމަށާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަން ހޯދައިދޭން އެދުނީ ތަރައްގީއަށް ކަމަށެވެ.
ސަރުކާރު ހިންގުމާއި އެމްޑީޕީ ހަވާލުވެ ރައީސަށް އެންމެ މުހިންމުވީ ބާރު އެއްކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"މުޅިން ދެކިވަޑައިގެންނެވީ އަޅުގަނޑު ދައްކާ އެއްވެސް ވާހަކައެއް ގަބޫލުކުރެވިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާއަށް ހިޔަނިވަނީ ކަމަށް އެބޭފުޅާގެ ބާރެއް ނެތް ކަމަށް ފެންނަނީ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ބާކީކޮށްލުމަށް ރައީސް ސޯލިހަށް ލަފާ ލިބިވަޑައިގަންނަވާ ކަމަށާއި އެކަމާ ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށެވެ.